މާލޭ ސަރަހައްދުގައި މިދިޔަ ހަފްތާގައި އެކަނިވެސް 46 އެކްސިޑެންޓު ހިނގާފައިވާ ކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ފުލުހުން ހާމަކުރި މަޢުލޫމާތުގައިވާ ގޮތުން، މި މަހުގެ 21 އިން 27 އަށް ހިނގި އެކްސިޑެންޓުތަކުގެ ތެރެއިން އެންމެ ގިނަ އެކްސިޑެންޓު ހިނގާފައިވަނީ 21 ވަނަ ދުވަހުއެވެ. އެދުވަހު އެކަނި 10 އެކްސިޑެންޓު ހިނގާފައިވެއެވެ. މި އެކްސިޑެންޓުތަކުގެ ސަބަބުން 80 އިންސައްތަ އުޅަނދަށް ގެއްލުން ލިބި، 93 އިންސައްތަ މީހުންނަށް އަނިޔާވެފައިވާއިރު، އޭގެ ތެރެއިން ހަތް އިންސައްތަ މީހުންނަށް ވަނީ ސީރިއަސް އަނިޔާތަކެއް ވެފައެވެ.
ތަފާސްހިސާބުތަކުން އިތުރަށް ދައްކާގޮތުގައި، މި އެކްސިޑެންޓުތަކުގެ 15 އިންސައްތަ ހިނގާފައިވަނީ ސިނަމާލެ ބްރިޖާއި ހުޅުމާލެ-މާލެ ހައިވޭގައެވެ. އަދި އެންމެ ގިނައިން އެކްސިޑެންޓުތައް ހިނގާފައިވަނީ ސައިކަލު ދުއްވުމުގެ ތެރޭގައި ކަން ފާހަގަކުރެވެއެވެ. މިގޮތުން ސައިކަލާއި ކާރު ޖެހިގެން 11 އެކްސިޑެންޓު އަދި ސައިކަލާއި ސައިކަލު ޖެހިގެން އަށް އެކްސިޑެންޓު ހިނގާފައިވެއެވެ.
މަގުމަތީގެ އެކްސިޑެންޓުތައް އިތުރުވަމުންދާ މިންވަރަށް ބަލާއިރު، މިކަމާމެދު ކަންބޮޑުވުން ފާޅުކުރަމުން ފުލުހުން ވަނީ މަގުމަތީގެ ގަވާއިދުތަކާ އެއްގޮތަށް އުޅަނދުފަހަރު ދުއްވުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް އާންމުންނަށް އިލްތިމާސްކޮށްފައެވެ.