ސައުދީ ޕްރޯ ލީގުގެ ކްލަބުތަކުން ލިވަޕޫލްގެ ފޯވާޑް، މުހައްމަދު ސަލާހު ހޯދުމަށް މަސައްކަތް ކުރާނެ ކަމަށް އެ ލީގުގެ ޗީފް އެގްޒެކްޓިވް، އޮމާ މުގާބެލް ބުނެފިއެވެ.
އަންގާރަ ދުވަހުގެރޭ ޗެމްޕިއަންސް ލީގުގައި ލުވަޕޫލުން 1-0 ގެ ނަތީޖާއަކުން އިންޓަ މިލާންގެ މައްޗަށް ކުރިހޯދިއިރު، އެ މެޗަށް ދަތުރުކުރި ލިވަޕޫލްގެ ސްކޮޑުގައި އުމުރުން 33 އަހަރުގެ ސަލާހު ހިމަނާފައެއް ނުވެއެވެ.
މިދިޔަ ހޮނިހިރު ދުވަހު ލީޑްސް ޔުނައިޓެޑް ކައިރިން 3-3 ގެ ނަތީޖާއަކުން ލިވަޕޫލް އެއްވަރުވުމާއެކު، ސަލާހު ބުނީ ޓީމަށް އެދެވޭ ކުޅުމެއް ނުދެއްކެނީ އޭނާގެ ސަބަބުން ކަމަށް ވާހަކަ ދެކެވޭ ކަމަށެވެ. މިއާއެކު، ސަލާހާއި ކޯޗު އަނާ ސްލޮޓާ ދެމެދު ވަނީ އިތުރަށް މައްސަލަ ޖެހިފައެވެ. ނަމަވެސް، ސްލޮޓް ވަނީ ސަލާހުގެ ވާހަކަ ދޮގުކޮށް، އޭނާއަށް އަދިވެސް ޓީމަށް އެނބުރި އާދެވޭނެ ކަމަށް ބުނެފައެވެ.
އޮމާ ބުނީ ސައުދީގެ ކްލަބުތަކުން ސަލާހު ހޯދުމަށް ޝައުގުވެރިކަން ފާޅުކުރިކަމަށެވެ. ރިޕޯޓުތައް ބުނާގޮތުން، ސަލާހުގެ އެއްބަސްވުމުގައި ބާކީ ދެ އަހަރު އޮތް ނަމަވެސް، މި ޖެނުއަރީގައި އޭނާ ލިވަޕޫލް ދޫކޮށްލަފާނެއެވެ.
ސައުދީގެ ބައެއް ކްލަބުތަކުން ވަނީ މީގެކުރިންވެސް ސަލާހު ހޯދުމަށް މަސައްކަތް ކޮށްފައެވެ. އެގޮތުން، 2023 ވަނަ އަހަރުގެ ސެޕްޓެންބަރު މަހު އަލް އިއްތިހާދުން ކުރި 150 މިލިއަން ޕައުންޑުގެ ބިޑެއް، ލިވަޕޫލުން ރިޖެކްޓް ކުރި ކަމަށް ރިޕޯޓުތަކުން ބުނެއެވެ.



