މިދިޔަ އޮގަސްޓުމަހު ކުޑަކުދިންނަށް އަނިޔާ ކުރުމުގެ 84 މައްސަލައެއް ހުށަހަޅާފައިވާ ކަމަށް މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓުން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.
މި މައްސަލަތަކުގެ ތެރޭގައި އެންމެ ގިނައީ އިހުމާލުވުމުގެ މައްސަލަތަކެވެ. އެގޮތުން އިހުމާލުވުމުގެ 26 މައްސަލައެއް ހުށަހަޅާފައިވާއިރު، މީގެ ތެރޭގައި ފިރިހެން ކުދިންނާ ގުޅޭ 11 މައްސަލައަކާއި އަންހެން ކުދިންނާ ގުޅޭ 15 މައްސަލަ ހިމެނެ އެވެ. އަދި ގެވެށި އަނިޔާގެ އަމަލެއް ކުރާތަން ދެއްކުމުގެ 14 މައްސަލައަކާއި، ޖިންސީ ހާނިއްކައިގެ 13 މައްސަލައާއި، ނަފްސާނީ ހާނިއްކައިގެ 9 މައްސަލަ ހުށަހަޅާފައިވެ އެވެ.
މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ގަނާކުރުމުގެ 5 މައްސަލައަކާއި، ބްލެކްމެއިލް ކުރުމުގެ 4 މައްސަލައާއި، ޖިންސީ ފުރައްސާރައިގެ ޝިކާރައަކަށްވުމުގެ 2 މައްސަލަ ވަނީ ހުށަހަޅާފަ އެވެ. މީގެ އިތުރުން ސައިބަރ ބުލީގެ މައްސަލައަކާއި، ކުދިން ދޫކޮށްލާފައި ދިއުމުގެ މައްސަލައަކާއި، ކުދިން ނަހަމަ ގޮތުގައި ބޭނުންކުރުމުގެ މައްސަލައެއްވެސް ވަނީ ހުށަހަޅާފަ އެވެ.
މީގެ އިތުރުން ސުލޫކީ 17 މައްސަލައެއްވެސް މިނިސްޓްރީއަށް ވަނީ ހުށަހަޅާފައެވެ.
ފާއިތުވި ޖުލައި މަހާ އަޅާބަލާއިރު އޮގަސްޓު މަހު މައްސަލަތައް ވަނީ މަދުވެފައެވެ. އެގޮތުން ޖުލައި މަހު 93 މައްސަލައެއް ހުށަހެޅިފައިވާއިރު، އޮގަސްޓު މަހު ހުށަހެޅިފައިވަނީ 84 މައްސަލައެވެ.