ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 97 މައްސަލައެއް މިދިޔަ މޭ މަހުގެ ތެރޭގައި ހުށަހަޅާފައިވާކަމަށް އިޖްތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާއިން ހާމަކޮށްފި އެވެ.
މި މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ހުށަހެޅިފައިވަނީ އިހުމާލުގެ މައްސަލަތަކެވެ. އެގޮތުން އިހުމާލުގެ 23 މައްސަލައެއް ހުށަހަޅާފައިވާކަމަށް އެ މިނިސްޓްރީން ބުނެ އެވެ. އަދި ޖިސްމާނީ ހާނިއްކައިގެ 22 މައްސަލަ ހުށަހެޅިފައިވާ ކަމަށް އެ ވުޒާރާއިން ވަނީ ފާހަގަކޮށްފަ އެވެ.
ކުޑަކުދިންނަށް ކުރާ އަނިޔާތަކުގެ ތެރެއިން ޖިންސީ އަނިޔާގެ 21 މައްސަލައާއި، ޖިސްމާނީ އަނިޔާގެ 18 މައްސަލަ، ނަފްސާނީ އަނިޔާގެ 12 މައްސަލަ އަދި ގެވެށި އަނިޔާ ކުރާތަން ދެއްކުން ނުވަތަ ފެނުމުގެ 4 މައްސަލަ ހުށަހެޅި، އެޓެންޑްކޮށްފައިވާ ކަމަށް އެ ވުޒާރާއިން ހާމަކޮށްފައިވެ އެވެ.
މީގެއިތުރުން ކުޑަކުދިންގެ އަޚްލާގީ މައްސަލަތަކާ ގުޅޭ 32 މައްސަލައެއް މެއި މަހު ހުށަހެޅުނު ކަމަށް އެ ވުޒާރާއިން ވަނީ ހާމަކޮށްފަ އެވެ. މި ބާވަތުގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ ސްކޫލަށް ދާން ބޭނުން ނުވުމުގެ މައްސަލައާއި، ސުލޫކީ މައްސަލަތަކެވެ. އެގޮތުން ސްކޫލަށް ދާން ބޭނުން ނުވުމުގެ 10 މައްސަލައާއި، ސުލޫކީ މައްސަލަތަކުގެ 10 މައްސަލައެއް ރިޕޯޓުކޮށްފައިވާކަމަށް މިނިސްޓްރީން މައުލޫމާތުދެ އެވެ.
ކުޑަކުދިންގެ އަހުލާގީ މައްސަލަތަކުގެ ތެރެއިން ގެއިން ނިކުމެގެން ދިއުމުގެ 05 މައްސަލައެއް މެއި މަހު ވަނީ ހުށަހެޅިފަ އެވެ. އަދި ރުޅި އިސްކުރުމާއި ރުޅި ގަދަ ވެގެން އުޅުމުގެ 03 މައްސަލަ ރިޕޯޓްކުރެވިފައިވެ އެވެ.
މީގެއިތުރުން، އެހެން ކުދިންނަށް ގަނާ ކުރުމުގެ 02 މައްސަލައާއި، ރުޅިވެރި، ގަވާއިދާއި ޚިލާފު، ނުވަތަ އިޖުތިމާޢީ ގުޅުން ބަދަހި ކުރުމަށް އުޒުރުވެރިވާ ޢަމަލުގެ 02 މައްސަލައެއްވެސް ވަނީ ހުށަހެޅިފަ އެވެ.