ދިވެހިރާއްޖޭގައި ފަގީރުކަން މަދުކުރުމަށް މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އާއި އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާއިން މަޝްވަރާތައް ފަށައިފި އެވެ.
މި މަޝްވަރާތަކުގެ ތެރެއިން، އެ ވުޒާރާގެ ވަޒީރު ޑރ. ޢާއިޝަތު ޝިހާމް ވަނީ އެމްއައިބީގެ އިސް މުއައްސިސުންނާ ބައްދަލުކުރައްވާފަ އެވެ. މިނިސްޓްރީގައި ބޭއްވުނު މި ބައްދަލުވުމުގައި ފުދުންތެރިކަން ދަށް އާއިލާތަކަށާއި ނާޒުކު ޙާލަތްތަކުގައި ދިރިއުޅޭ ފަރާތްތަކަށް އަމާޒުކޮށްގެން ޚާއްޞަ ޕްރޮގްރާމެއް ކުރިއަށް ގެންދިއުމާ ގުޅޭގޮތުން މަޝްވަރާކުރެވުނެވެ.
މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނު ކަންތައްތަކުގެ ތެރޭގައި އާމްދަނީ އިތުރުކުރުމާއި، ވަޒީފާގެ ފުރުޞަތުތައް ފަހިކުރުން، އަސާސީ ޚިދުމަތްތަކަށް ވާޞިލުވުމަށް އެހީތެރިކަން ފޯރުކޮށްދިނުން، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށްދިނުމާއި، އާމްދަނީ ހޯދޭނެ މަސައްކަތްތައް ދަސްކޮށްދީ، ވަސީލަތްތައް ފޯރުކޮށްދިނުން ހިމެނެ އެވެ.
އެމްއައިބީން ފާހަގަކުރި ގޮތުގައި މިއީ ދިވެހި މުޖުތަމަޢުގައި ތިބި އެންމެ ނިކަމެތި ފަރާތްތަކުގެ ދިރިއުޅުމުގެ ޙާލަތު ރަނގަޅުކުރުމަށް އެހީތެރިވެދޭނެ މުހިންމު ޕްރޮގްރާމެކެވެ. އަދި މިހާރުވެސް ނާޒުކު ޙާލަތްތަކުގައި ދިރިއުޅޭ ފަރާތްތަކާއެކު މިނިސްޓްރީން ގާތުން މަސައްކަތްކުރަމުންދާއިރު، މި މިނިސްޓްރީއާއެކު މި މަސައްކަތް ކުރުމަކީ ނިކަމެތި އަދި ނާޒުކު ޙާލަތްތަކުގައި ދިރިއުޅޭ ފަރާތްތަކުގެ ޙާލަތު ބަދަލުކުރުމަށް މަގުފަހިވެގެންދާނެ ކަމެއްކަން ވެސް އެމްއައިބީން ވަނީ ފާހަގަކޮށްފަ އެވެ.
އިޖުތިމާއި އަދި އާއިލީ ތަރަށްގީއާއި ބެހޭ މިނިސްޓަރ އާއިޝަތު ޝިހާމް އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާ