އެމްޑީޕީ ސަރުކާރުގައި ފެނަކައިން 1.3 ބިލިއަން ރުފިޔާގެ މަސައްކަތްތައް އާންމުކޮށް އިޢުލާން ނުކޮށް ވާދަވެރި ބީލަމުގެ އުސޫލުން ބޭރުން އެކި ފަރާތްތަކާ ހަވާލުކޮށްފައިވާކަން ހާމަވެއްޖެ އެވެ.
މިކަން ހާމަވެފައިވަނީ އޮޑިޓް އޮފީހުން ހާމަ ކުރި ފެނަކައިގެ 2021 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރުގެ ނިޔަލަށް ތައްޔާރުކޮށްފައިވާ ހާއްސަ އޮޑިޓް ރިޕޯޓަކުންނެވެ.
އޮޑިޓް ރިޕޯޓުން ފާހަގަވާ ގޮތުގައި ފެނަކަ ކޯޕަރޭޝަނުން 2021 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރުގެ ނިޔަލަށް، ޖަނަރޭޓަރު ސެޓާއި، ކޭބަލް އަދި ޓްރާންސްފޯމަރު ގަތުމާއި، ފެނާއި ނަރުދަމާގެ މަޝްރޫޢުތަކުގެ މަސައްކަތަށް ބޭނުންވާ ތަކެތި ގަތުމާއި އެ މަޝްރޫޢުތަކުގެ މަސައްކަތް ހަވާލުކުރުމަށް ޖުމުލަ 674 އެއްބަސްވުމެއްގެ ދަށުން 2,239,640,958 ރުފިޔާގެ މަސައްކަތް އެކި ފަރާތްތަކާ ހަވާލުކޮށްފައިވެ އެވެ. މި އެއްބަސްވުންތަކުގެ ތެރެއިން 439 (65%) އެއްބަސްވުމެއްގެ ދަށުން 1,373,126,496 ރުފިޔާގެ މުދަލާއި ޚިދުމަތް ހޯދުމުގެ މަސައްކަތް އެކި ފަރާތްތަކާ ހަވާލުކޮށްފައިވަނީ، މުދަލާއި ޚިދުމަތް ފޯރުކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތައް ހޯދުމަށް އާންމުކޮށް އިޢުލާން ނުކޮށް އަދި ވާދަވެރި ބީލަމުގެ އުސޫލުން ބޭރުންނެވެ.
މި މުއްދަތުގައި ފެނަކައިން ޖުމުލަ 8.8 ބިލިއަން ރުފިޔާ މުދަލާއި ޚިދުމަތް ހޯދުމަށް ޚަރަދުކޮށްފައިވާކަމާއި، މި ޚަރަދުތަކުގެ ތެރެއިން ކުންފުންޏަށް މާލީ ގޮތުން ބޮޑެތި ގެއްލުންތައް ލިބޭގޮތަށް، ރޭވުންތެރިކަމެއްނެތި އަގު ބޮޑުކޮށް ގިނަ އެއްބަސްވުންތައް ހަދާފައިވާކަމަށް ފާހަގަކުރެވިފައިވެ އެވެ. މި ޚަރަދުތައް ކޮށްފައިވަނީ ހަމައެކަނި ކުންފުނީގެ އާންމު އޮޕަރޭޝަންތަކަށް ބޭނުންވާ މުދަލާއި ޚިދުމަތް ހޯދުމަށް ކުރި ޚަރަދުގެ އިތުރަށް، ކުންފުނީގެ އޭރުގެ މާލީ ހާލަތަށް ރިޢާޔަތްކުރާއިރު އެވަގުތަށް މުހިންމު ނޫން ގިނަ ކެޕިޓަލް މަސައްކަތްތަކަށް ބޭނުންވާ މުދަލާއި ޚިދުމަތް ހޯދުމުގެ ނަމުގަ އެވެ.
މީގެ އިތުރުން ފެނަކައިން އާ އިންޖީނުގެއާއި އޮފީސް އިމާރާތް އެޅުމުގެ 57 މަޝްރޫއެއްގެ ދަށުން 1,069,248,952 ރުފިޔާ ހަރަދުކޮށްފައިވާއިރު އޭގެ ތެރެއިން 41 ޕްރޮޖެކްޓެއް އޮތީ ނުނިމި އެވެ. މި މަޝްރޫތައް ނިންމުމަށް ގާތްގަނޑަކަށް އިތުރު 241,147,138 ރުފިޔާ ބޭނުންވާނެކަމަށް އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ. އަދި މި މަޝްރޫތަކަށް ފެނަކައިން ދޫކޮށްފައިވާ ފައިސާ އާއި މަސައްކަތް ގޮސްފައިވާ ހިސާބަށް ބަލާއިރު ފެނަކައިން މާކެޓް އަގަށްވުރެ ގާތްގަނޑަކަށް 767,321,215 ރުފިޔާ އިތުރަށް ހަރަދުކޮށްފައިވާކަންވެސް ވަނީ ހާމަވެފަ އެވެ.
އޮޑިޓް ރިޕޯޓުން ފާހަގަވާ އިތުރުކަމަކަށް ބަލާއިރު ފެނަކައިގެ ޕްރޮޖެކްޓްތައް ކުރިއަށް ގެންދިއުމަށް އެކި ރަށްރަށުން އެހެން ރަށްތަކަށް މުދާ އުފުލުމުގައި ދޯނި ފަހަރާއި ލޭންޑިން ކްރާފްޓްތައް ކުއްޔަށް ނެގުމަށް އެކި ފަރާތްތަކާއެކު ހަދާފައިވާ 612 އެއްބަސްވުމެއްގެ ދަށުން 191,602,363 ރުފިޔާ ހަރަދުކޮށްފައިވެ އެވެ. ނަމަވެސް މީގެ ތެރެއިން 344 އެއްބަސްވުމެއްގެ ތެރެއިން ދޯނި ފަހަރާއި ލޭންޑިން ކްރާފްޓް ކުއްޔަށް ހިފާފައިވަނީ މާކެޓް އަގަށް ވުރެ ބޮޑުކޮށްކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ. އެގޮތުން މާކެޓް އަގުތަކަށްވުރެ ގާތްގަނޑަކަށް 47,546,407 ރުފިޔާ އިތުރަށް ހަރަދުކޮށްފައިވާކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފައިވެ އެވެ.
ފެނަކައިގެ ހިޔާނާތާއި ގުޅިގެން އެމްޑީޕީ ސަރުކާރުގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަޤާމު ފުރުއްވި އަހުމަދު ސައީދުގެ މައްޗަށް މިހާރުވެސް ގިނަ ތަހުޤީޤްތަކެއް ހިންގަމުން އަންނައިރު، އޭނާ ފިލައިގެންދިއުމުގެ ފުރުސަތު އޮތުމާއި ގުޅިގެން އޭނާގެ ޕާސްޕޯޓްވެސް ކޯޓު އަމުރެއްގެ ދަށުން އޮތީ ހިފަހައްޓާފަ އެވެ.
އެމްޑީޕީ އޮޑިޓް ރިޕޯޓު ފެނަކަ ފެނަކަ ހިޔާނާތް ފެނަކަ ކުރީގެ މެނޭޖިން ޑިރެކްޓާ އަހުމަދު ސައީދު