ސައޫދީ އަރަބިއްޔާގެ ބޮޑެތި ދަންނަބޭކަލުންގެ މަޖްލީހުގެ ރައީސް އަދި އެޤައުމުގެ އެންމެ މަތީ މުފްތީ ސަމާޙަތުއްޝައިޚު ޢަބްދުލްޢަޒީޒު ބިން ޢަބްދުﷲ އާލު ޝައިޚު މިއަދު އަވަހާރަވެއްޖެ އެވެ.
މިކަން ސައުދީގެ ރޯޔަލް ކޯޓުން ވަނީ އެކަން ކަށަވަރުކޮށްދީފަ އެވެ. ރޯޔަލް ކޯޓުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މުފްތީ އަބްދުލްއަޒީޒްގެ މަރާއެކު ގެއްލިގެން އެދިޔައީ ސައުދީއަށާއި މުޅި އިސްލާމީ އުންމަތަށް އެތަށް ހިދުމަތްތަކެއް ކޮށްދެއްވި ދަންނަބޭކަލެއް ކަމަށެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ އަވަހާރަވި މުފްތީއަކީ އިސްލާމްދީނަށް ނުހަނު ޚިދުމަތްތެރި ޢިލްމުވެރި ބޭފުޅެއް ކަމަށެވެ. އަދި އެތައް އަހަރެއް ވަންދެން ޢަރަފާތުގެ މާތް ބިމުގައި ޙައްޖުގެ ޚުޠުބާ ދެއްވާފައިވާ ބޭފުޅެއްކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މުފްތީ އަބްދުލްއަޒީޒްގެ ކަށު ނަމާދު އޮންނާނީ ރިޔާދުގައި ހުންނަ އިމާމް ތުރްކީ ބިން އަބްދުﷲ މިސްކިތުގަ އެވެ. ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް އަލް ސައުދް ވަނީ މައްކާއާއި މަދީނާ އަދި ސައުދީގެ އެހެން ހުރިހާ ހިސާބެއްގެ މިސްކިތްތަކުގައިވެސް ޤައިބަށް ކަށުނަމާދު ކުރަން ނިންމަވާފަ އެވެ.
މިނިސްޓަރު ޝަހީމް ވިދާޅުވީ، މުފްތީ އަބްދުލްއަޒީޒްގެ މައްޗަށް ޣައިބުގައި ދިވެހިރާއްޖޭގައިވެސް ކަށު ނަމާދު ކުރެވޭނެ އެވެ. މި ނަމާދު އޮންނާނީ މިރޭ އިޝާ ނަމާދަށް ފަހު އިސްލާމީ މަރުކަޒުގަ އެވެ.
ސައޫދީ އަރަބިއްޔާގެ އެންމެ މަތީ މުފްތީގެ މަޤާމުގައި ހުންނެވި ޢިލްމުވެރިޔާގެ އަވަހާރަވުމާ ގުޅިގެން، މިނިސްޓަރު ޝަހީމް ވަނީ ތައުޒިޔާ ފޮނުއްވާފަ އެވެ.
ރާއްޖެ - ސައުދީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ސައުދީ އަރަބިއްޔާ ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒް