އާސަންދަ ސްކީމުން ދޫކުރާ ”ތައިރަނޯމް 25 މައިކްރޯގްރާމް“ ބޭސް އާސަންދައިގެ ދަށުން ނުލިބޭ ނަމަ، ”ޝިކާވަތި“ ޕޯޓަލް މެދުވެރިކޮށް ޝަކުވާ ހުށަހަޅަން އާސަންދައިން އެދިއްޖެ އެވެ.
އާސަންދައިން މިފަދައިން އިލްތިމާސްކޮށްފައި މިވަނީ، ހަ އަހަރުގެ ކުއްޖަކަށް ގަވާއިދުން ދޭންޖެހޭ މި ބޭސް އެސްޓީއޯގެ ހެންވޭރު ފާމަސީގައި ނެތުމާއި، އޭޑީކޭ ހޮސްޕިޓަލް ސަރަހައްދުގެ އެކި ފާމަސީތަކުން އެ ބޭހުގެ އަގު ތަފާތުވާ ކަމަށް ބުނެ ޑރ. އަބްދުލް އަޒީޒް ހަމީދު ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅު ކުރުމާ ގުޅިގެންނެވެ.
ޑރ. އަޒީޒް ވިދާޅުވި ގޮތުގައި، ފުރަތަމަ ބެލި ފާމަސީގައި މި ބޭސް ހުރީ 90 ރުފިޔާއަށް ކަމަށާއި، ނަމަވެސް އެއީ އާސަންދައިން ކަވަރުކުރާ ބޭހެއް ނޫން ކަމަށް އެ ފާމަސީން މަޢުލޫމާތު ދިން ކަމަށެވެ. އަދި އެންމެ ފުޅިއަކުން ނުފުދޭތީ، އިތުރު ދެ ފާމަސީއަކުން އަގު ބެއްލެވި އިރު، 120 ގުޅަ ހިމެނޭ ފުޅިއެއްގެ އަގު އެއް ތަނުން ޖަހާފައި ވަނީ 195 ރުފިޔާ އަށް އަދި އަނެއް ތަނުން 240 ރުފިޔާއަށް ކަމަށެވެ. އެހެންނަމަވެސް މި ތަންތަނުން ވެސް ބުނެފައިވަނީ އެއީ އާސަންދައިން ކަވަރުކުރާ ބޭހެއް ނޫން ކަމަށެވެ.
މި މައްސަލައާ ގުޅިގެން އާސަންދައިން ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ”ތައިރަނޯމް 25 މައިކްރޯގްރާމް“ އަކީ އާސަންދަ ސްކީމްގެ ތެރެއިން ފޯރުކޮށްދޭ ބޭހެއް ކަމަށެވެ. އަދި ގިނަ ބޭސް ފިހާރަތަކަކުން މިއަދު ވެސް އެ ބޭސް އާސަންދައިގެ ދަށުން ދޫކުރަމުންދާ ކަމަށް އެ ކުންފުނިން ފާހަގަކޮށްފައިވެ އެވެ.
އާސަންދައިން އިތުރަށް ބުނެފައިވަނީ، މި ބޭހަކީ ޑައުންސިންޑްރޯމް، އޯޓިޒަމް އަދި ހައިޕޯތައިރޮއިޑިޒަމް ހުންނަ ކުދިން ގަވާއިދުން ބޭނުންކުރަންޖެހޭ ބޭހެއް ކަމަށާއި، އާސަންދައިގެ ދަށުން ލިބެންޖެހޭ މިފަދަ ބޭހެއް ނުލިބޭ ނަމަ، އެ ބޭސްފިހާރައެއްގެ މަޢުލޫމާތާއެކު ”ޝިކާވަތި“ ޕޯޓަލް މެދުވެރިކޮށް ޝަކުވާ ހުށަހެޅުމަށެވެ.