ފ. ނިލަންދޫގައި ޓޫރިސްޓް ހޮޓަލެއް ތަރައްގީ ކުރާނެ ފަރާތެއް ހޯދުމަށް ޓޫރިޒަމް މިނިސްޓްރީން މިއަދު ބިޑަށް ހުޅުވާލައިފި އެވެ.
ޓޫރިޒަމް މިނިސްޓްރީން މިކަމާ ގުޅޭ ގޮތުން ދީފައިވާ މައުލޫމާތުގައިވާ ގޮތުން، މި މަޝްރޫއު ތަރައްގީ ކުރުމަށް ހަމަޖެހިފައިވަނީ ނިލަންދޫގައި ފަތުރުވެރިކަން ތަރައްގީކުރުމަށް ކަނޑައަޅާފައިވާ 13,300 އަކަފޫޓުގެ ބިމެއްގައެވެ. މި ބިމުގައި ޓޫރިސްޓް ހޮޓަލެއް ތަރައްޤީކޮށް ހިންގުމުގެ މަސައްކަތް ޙަވާލުކުރެވޭނީ ބިޑް ކާމިޔާބުކުރާ ފަރާތަކާއެވެ.
މި މަޝްރޫއަށް ޝައުގުވެރިވާ ފަރާތްތަކަށް މައުލޫމާތު ސާފުކުރުމުގެ ބައްދަލުވުމެއް އަންނަ މަހުގެ ހަ ވަނަ ދުވަހުގެ 11:00 ގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ބައްދަލުވުން ކުރިއަށްދާނީ މައިކްރޯސޮފްޓް ޓީމްސް މެދުވެރިކޮށް ވާޗުއަލްކޮށެވެ. އަދި ބިޑް ހުށަހެޅުމުގެ ސުންގަޑިއަކީ ނޮވެމްބަރު 20 ވަނަ ދުވަހުގެ 10:00 ކަމަށް މިނިސްޓްރީން ވަނީ އިއުލާނުކޮށްފައެވެ.
ފާހަގަކޮށްލެވޭ ކަމަކީ، 2022 ވަނަ އަހަރު ވެސް ނިލަންދޫގައި ދެ ރިސޯޓް ތަރައްގީ ކުރުމުގެ މަސައްކަތްތަކެއް ކުރެވުނެވެ. އޭރު ކައުންސިލުން އަންދާޒާކޮށްފައިވާ ގޮތުގައި، 2,500 މީހުންގެ އާބާދީއެއް އޮންނަ މި ރަށުގައި ކޮންމެ ރިސޯޓަކުން 200 އަށްވުރެ ގިނަ ވަޒީފާގެ ފުރުސަތު އުފެދޭނެ ކަމަށް ލަފާކުރެވެއެވެ.
މި މަޝްރޫއު ފެށުމުން ނިލަންދޫގެ އިގްތިސާދަށް ބޮޑު ކުރިއެރުމެއް ލިބި، ރަށުގެ ޒުވާނުންނަށް ވަޒީފާގެ އިތުރު ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމަށް އުންމީދު ކުރެވެއެވެ.
މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް ފ. ނިލަންދޫ ފަތުރުވެރިކަން