އައްޑޫ ސިޓީގެ ރަށްތަކުގައި ވަކިވަކި ކައުންސިލްތަކެއް އުފެއްދުމަށް ރައްޔިތުންގެ ވޯޓެއް ނަގަނީ

Advertisement

އެންމެ ފަސް

Advertisement

އައްޑޫ ސިޓީގެ ވަކިރަށްތަކަށް ކޮންމެ ރަށަކަށް ކައުންސިލެއް އުފައްދާގޮތަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގަން ބޭނުންވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

’ރައްޔިިތުންނާއިއެކު‘ ޕޮޑްކާސްޓްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މިކަމަށް ދާއިމީ ހައްލެއް ގެނެސްދެއްވާނެ ކަމަށް އެމަނިކުފާނު ވައުދުވެވަޑައިގެންފައިވާ ކަމަށެވެ. އެގޮތުން އޭރުގެ މަޖިލިސް އިންތިހާބުން ފެށިގެން މިއަދާއި ހަމައަށް އެކި ގޮތްގޮތަށް އެކަމާއި ގުޅޭ މަޝްވަރާތައް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

”އެއީ އަޅުގަނޑު ދެކޭ ގޮތުގައި ރައްޔިތުން ނިންމަވާނީ އައްޑޫސިޓީގެ ލާމަރުކަޒީ ނިޒާމު ކައުންސިލް އޮންނާނީ ކޮން ގޮތަކަށްތޯ.“

ރައީސް ވިދާޅުވީ، ކުރިއަށް އޮތް ކައުންސިލް އިންތިހާބުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަނުން ފެށުމުގެ ކުރިން ސަރުކާރުން އެކަމަށް ގޮތެއް ނިންމަންޖެހޭ ކަމަށެވެ.

ރައްޔިތުންގެ ގާތުގައި ނާހާ އެއްވެސް އިސްލާހެއް ގެންނަން ބޭނުންނުވާ ކަމަށާއި، އެމަނިކުފާނު މަސައްކަތް ކުރަށްވާނީ ރައްޔިތުންގެ އަޑު އަހައިގެން، ރައްޔިތުންނާއި ގާތުން، ރައްޔިތުން އެދޭ އަމާޒަށް މަސައްކަތް ކުރަން ކަމަށްވެސް ރައީސް ވިދާޅުވެފައިވެ އެވެ. އެގޮތުން، މި ބިލު ފާސްވެގެން ގާނޫނުނަކަށްވާ ހިސާބުން އީސީން މަސައްކަތްކޮށް އައްޑޫ ރައްޔިތުންގެ މެދުގައި ވޯޓަށް އަހާންބޭނުންވާ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

މީގެ އިތުރުން، ވަކިން ކައުންސިލް ހަދަން ބޭނުންވާނަމަ، ކޮންމެ ރަށެއްގެ ނަމުގެ ކުރިއަށް އައްޑޫ ލާނެ ކަމަށާއި، ކޮންމެ ރަސޭއްގެ ކުރިޔަށް އައްޑޫލަނީ ދެން އަންނަ ބަދަލެއްގައި އައްޑޫގެ އެ ނަން އުނިވެގެން ދާން ބޭނުން ނުވާތީ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރޭގަ ވަނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓު ނެގުމާއި ގުޅޭ ޤާނޫނު ތަސްދީޤްކުރައްވާފަ އެވެ. އެ ޤާނޫނުގައި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމާ ގުޅޭ އެންމެހައި އުސޫލުތައް ބަޔާންކޮށްފައިވެ އެވެ. މީގެ ތެރޭގައި ރައްޔިތުންނާ ގުޅޭ މުހިންމު ކަންކަމުގައި ރައްޔިތުންގެ ޚިޔާލު ހޯދުމަށް ވޯޓު ނެގުމަށް ރައްޔިތުންގެ މަޖިލީހަށް ނިންމިދާނެކަމަށް ބަޔާންކޮށްފައިވެ އެވެ. އަދި ޤައުމީ މުހިންމު މައްސަލަތަކުގައި ރައްޔިތުންގެ ޚިޔާލު ހޯދުމަށް ވޯޓެއް ނެގުމުގެ އިޚްތިޔާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާކަންވެސް މި ޤާނޫނުގައި ބަޔާންކޮށްފައިވެ އެވެ.

މި ޤާނޫނުގައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގައި ބަޔާންކުރާ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގޭނެ ހާލަތްތަކާއި، އެ ވޯޓު ނެގުމަށް ހުށަހަޅާ ފަރާތްތަކުގެ ދައުރު އަދި ޒިންމާތައް ތަފްސީލުކޮށް ބަޔާންކޮށްފައިވެ އެވެ. މީގެ އިތުރުން، އިލެކްޝަންސް ކޮމިޝަނުން މިފަދަ ވޯޓުތައް ނެގުމުގައި ޢަމަލުކުރަންޖެހޭ އުސޫލުތަކާއި އެހެނިހެން ކަމާގުޅޭ އެންމެހައި އިޖުރާއަތުތައްވެސް މި ޤާނޫނުގައި ހިމަނާފައިވެ އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އައްޑޫ ސިޓީ އައްޑޫ ސިޓީ ކައުންސިލް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ