ގދ. އަތޮޅު ކައުންސިލުން 2023 ވަނަ އަހަރު ތައިލެންޑަށް ކުރި ތަޖުރިބާގެ ދަތުރަށް ކުރި ޚަރަދަކީ ދައުލަތުގެ ހަރަދުތައް ކޮންޓްރޯލްކޮށް އެފިޝަންސީ އިތުރުކުރުމަށް ފިނޭންސް މިނިސްޓްރީން ދައުލަތުގެ އިދާރާތަކަށް ސާކިއުލާ އިން އަންގާފައިވާ އެންގުމާ އެއްގޮތަށް ކޮށްފައިވާ ހަރަދެއް ނޫން ކަމަށް އޮޑިޓާ ޖެނެރަލްގެ އޮފީހުން ބުނެފިއެވެ.
އެ އޮފީހުން މިފަދައިން ބުނެފައިވަނީ އެ އޮފީހުން އާންމު ކުރި ގދ. އަތޮޅު ކައުންސިލްގެ 2023 ވަނަ އަހަރު އޮޑިޓް ރިޕޯޓުގައެވެ. އެ ރިޕޯޓުގައި 2023 ވަނަ އަހަރުގެ ބަޖެޓު ތަންފީޒުކުރުމުގައި ޚަރަދުތައް ކުޑަކުރުމަށް މިނިސްޓްރީ އޮފް ފިނޭންސުން އަންގާފައިވާ ކަން ފާހަގަކޮށް ބުނީ ރާއްޖެއިން ބޭރުން ހުރިހާ ޚަރަދެއް ލިބޭ ކުރުމުއްދަތުގެ ކޯސްތަކާއި ޓްރެއިނިންގތައް ފިޔަވައި އިތުރު އެއްވެސް ޓްރެއިނިންގ ޕްރޮގްރާމެއް ކުރިއަށް ނުގެންދިއުމަށް އަންގާފައިވާ ކަމަށެވެ. އަދި ކައުންސިލްތަކުން ބްލޮކް ގްރާންޓް އަދި އަމިއްލަ އާމްދަނީން ޚަރަދުކުރުމުގައިވެސް މި އުސޫލަށް ތަބާވުމަށް ވެސް އަންގާފައިވާ ކަން ވެސް ފާހަގަކުރިއެވެ.
އެ ރިޕޯޓުގައި ބުނެފައިވާގޮތުން ޖުމްލަ 10 ބައިވެރިން ބައިވެރިވި މި ދަތުރުގައި ޖުމްލަ 559،168 ރުފިޔާ ޚަރަދުކޮށްފައިވެއެވެ. ޓިކެޓަށް 87،123 ރުފިޔާ ހަރަދުކޮށްފައިވާއިރު ޑީއެސްއޭ އާއި ޕޮކެޓް މަނީއަށް 322،894 ރުފިޔާ ޚަރަދުކޮށްފައިވެއެވެ. އެހެނިހެން ހަރަދުގެ ގޮތުގައި 48،851 ރުފިޔާ ޚަރަދުކޮށްފައިވެއެވެ. އަދި އެ ރިޕޯޓުގައި މި ދަތުރަކީ 10 ދުވަހުގެ ދަތުރެއް ކަން ވެސް ފާހަގަކޮށްފައިވެއެވެ.
މި ދަތުރުގެ މަގުސަދަކީ ބައިވެރިންނަށް ލޯކަލް ޓޫރިޒަމް، ގުޑް ގަވަނެންސް އަދި ދަނޑުވެރިކަމުގެ ތަޖުރިބާ ހޯދުން ކަމަށް ދަތުރުގެ ރިޕޯޓުގައި ބުނެފައިވާ ކަމަށް އޮޑިޑް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. މި ދަތުރުގައި ތައިލެންޑުގައި ހުންނަ ރާއްޖޭގެ އެންބަސީ އާ ބައްދަލުކޮށް، އެ އަތޮޅުގެ ލޯކަލް ޓޫރިޒަމް ކުރިއެރުވުމަށް ތައިލެންޑްގެ ފުކެޓް ގެ ޓުއަރިޒަމް ބޯޑާއެކު މަޝްވަރާކުރުމުގެ އިތުރުން ޕަތާޔާ ގެ ލޯކަލް ލޯކަލް ޓޫރިޒަމް ކަލްޗާ ކުރިއެރުވުމަށް އެ ފަރާތްތަކުގެ ކަލްޗާ އާ ހޮސްޕިޓަލިޓީ ބޭނުންކުރާގޮތާއި މެދު މަޝްވަރާކޮށްފައިވާކަމާށްވެސް ދަތުރު ރިޕޯޓުގައި ބުނެފައިވާ ކަމަށް ވެސް އޮޑިޓް ރިޕޯޓުގައި ބުނެފައިވެއެވެ.
ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓް ކުރުމަށް އެމްއެމްޕީއާރުސީގެ ނަމުގައި ކުންފުންޏެއް ދައުލަތުން އުފައްދާފައިވާ ކަން ފާހަގަކޮށް އޮޑިޓް ރިޕޯޓުގައި ބުނީ އެ ކައުންސިލުން ކުރި އެ ތަޖުރިބާ ދަތުރުގައި އެ ގައުމުގެ ފަތުރުވެރިކަމާ ގުޅުންހުރި އިދާރާތަކާ ބައްދަލުކޮށް މަޝްވަރާކޮށްފައިވާއިރު ފަތުރުވެރިކަން ޕްރޮމޯޓްކުރުމަށް ދައުލަތުން ކަނޑައަޅާފައިވާ ކުންފުންޏާ މަޝްވަރާކޮށްފައިނުވާ ކަމަށެވެ.
އެ ރިޕޯޓުގައި އެކައުންޓް ޓްރާންސްފާގެ ގޮތުގައި ލިބިފައިވާ ފައިސާއަށް ރަސީދު ތައްޔާރުކޮށްފައިނުވާ ކަން ވެސް ފާހަގަކޮށްފައިވެއެވެ. އެގޮތުން 2023 ގައި އެ ކައުންސިލްގެ ބޭންކް އެކައުންޓަށް ޖަމާކޮށްފައިވާ ފައިސާގެ ތެރެއިން އޮޑިޓް ސާމްޕަލްގެ ގޮތުގައި ބެލި 11.6 މިލިއަން ރުފިޔާއަށް ރަސީދު ތައްޔާރުކޮށްފައިނުވެއެވެ.
އޭގެއިތުރުން ދައުލަތުގެ އާމްދަނީ ފައިސާގެ ގޮތުގައި ބަލައިގެންފައިވާ ފައިސާ ޕަބްލިކް އެކައުންޓަށް ޖަމާކޮށްފައިނުވާ މައްސަލަ ވެސް ފާހަގަކޮށްފައިވެއެވެ. އެގޮތުން 2023 ގެ ނިޔަލަށް އެ ކައުންސިލަށް ލިބިފައިވާ އާމްދަނީ ފައިސާގެ ތެރެއިން 162،600ރ. މި މަހުގެ ތިން ވަނަ ދުވަހުގެ ނިޔަލަށް ވެސް އެ އެކައުންޓަށް ޖަމާނުކޮށް، ކައުންސިލުގެ އާމްދަނީ އެކައުންޓުގައި ބަހައްޓާފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.