އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދަނީ ”ޖެނޮސައިޑް“ (ނަސްލު ނައްތާލުމުގެ އަމަލު) ކަމަށް އ.ދ.ގެ އިންކުއަރީ ރިޕޯޓެއްގައި ބުނެފި އެވެ.
އ.ދ ގެ ކޮމިޝަނެއް ކަމަށްވާ، އިންޑިޕެންޑެންޓް އިންޓަނޭޝަނަލް ކޮމިޝަން އޮފް އިންކުއަރީ އޮން ދަ އޮކިއުޕައިޑް ޕަލެސްތައިން އިން ތައްޔާރުކޮށްފައިވާ އިންކުއަރީ ރިޕޯޓެއް މިއަދު ވަނީ އާންމު ކޮށްފަ އެވެ.
އެ ކޮމިޝަންގެ އިންކުއަރީ ރިޕޯޓުގައި ބުނެފައިވަނީ، އިޒްރޭލުން އިސްތިއުމާރުކޮށްފައިވާ ފަލަސްތީނުގެ ބިންތަކުގައި، އިސްރޭލުގެ ސަރުކާރުން އެ ގައުމުގެ އަސްކަރިއްޔާ ބޭނުންކޮށްގެން ނަސްލު ނައްތާލުމުގެ ހަތަރު އަމަލެއް ކޮށްފައިވާ ކަމަށެވެ.
އެގޮތުން އިޒްރޭލުގެ ސިފައިން ޣައްޒާގެ ރައްޔިތުންގެ ގެދޮރަށާއި ސިއްޚީ ތަންތަނަށް ހަމަލާދީ، ޣައްޒާރެ ރައްޔިތުންނަށް ޓާގެޓްކޮށް ހަމަލާތައްދީ، ހިންގާ ލާއިންސާނީ އަމަލުތަކުގެ ސަބަބުން އަދި ފެނާއި ކާބޯތަކެތި، ބޭހަށް ޖައްސައި އެ ރައްޔިތުން މަރަމުންދާކަން ފާހަގަކޮށްފައިވެ އެވެ. މި ރިޕޯޓުގައި ބުނެފައިވަނީ އިޒްރޭލުގެ އަސްކަރިއްޔާއިން ޣައްޒާގެ ރައްޔިތުންނަށް ޖިސްމާނީ އަދި ނަފްސާނީ ބޮޑެތި އަނިޔާތަކެއް ދެމުންދާ ކަމަށެވެ. އަދި ފަލަސްތީނުގެ ރައްޔިތުންނަށް ލާއިންސާނީ އެތަކެއް އަނިޔާ ދީފައިވާ ކަމަށާއި ފަލަސްތީނުގެ ނަސްލު ނައްތާލުމަށް އަދި ވިހާ ރޭޓް ދައްކުރުމަށް އެކި ލާއިންސާނީ އަމަލުތައް ހިންގާފައިވާކަން ވެސް ފާހަގަކޮށްފައިވެ އެވެ.
އ.ދގެ މި އިންކުއަރީ ރިޕޯޓުގައި ބުނެފައިވަނީ 2023 އޮކްޓޫބަރު 7 ވަނަ ދުވަހުން ފެށިގެން، އިޒްރޭލުން އިންތިޒާމުވެގެން ފަލަސްތީނުގެ ރައްޔިތުންނާއި ދެކޮޅަށް ލާއިންސާނީ އަމަލުތައް ހިންގާފައިވާ ކަމަށާއި މިކަންކަމަކީ ޖެނޮސައިޑްގެ ޤާނޫނީ މަފްހޫމަށް ފެތޭ ކަންކަންކަމަށް ކަނޑައަޅާ ކަމަށެވެ. އަދި މިކަންކަމަށް ބާރުދޭ ހެކި ހޯދާފައިވާ ކަމަށްވެސް މި ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.
މި ރިޕޯޓަށް އިޒްރޭލުގެ ފޮރިން މިނިސްޓްރީން ވަނީ ފާޑުކިޔާފަ އެވެ. އެގޮތުން މި ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަމަކީ ”ފޭކް“ ކަމަށާއި މި ރިޕޯޓު ތައްޔާރުކޮށްފައިވަނީ ހަމާސް ތަމްސީލުކުރާ ބައެއް ކަމަށް ވަނީ ތުހުމަތުކޮށްފަ އެވެ.
