ބަންޑާރަ ނައިބުގެ އޮފީހަކީ ހަމައެކަނި ގާނޫނީ މުވައްސަސާއެއް ނޫން ކަމަށާއި، އެއީ ގާނޫނުގެ ވެރިކަމަށް ރާއްޖެއިން ދޭ އަހައްމިއްޔަތުކަމުގެ ނިޝާނެއް ކަމަށް ބަންޑާރަ ނައިބު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.
އުޝާމް މިފަދައިން ވިދާޅުވެފައިވަނީ ބަންޑާރަ ނައިބުގެ އޮފީހަށް 75 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައެވެ. މި ޖަލްސާގައި ވާހަކަ ދައްކަވަމުން އުޝާމް ވިދާޅުވީ، އެ އޮފީހަކީ އިންސާފަށާއި، ޢަދުލަށާއި، ހަމަހަމަކަމަށާއި، ގާނޫނުގެ ވެރިކަމަށް ދިވެހި ޤައުމުން ދޭ އަހައްމިއްޔަތުކަމުގެ ނިޝާނެއް ކަމަށެވެ.
”ދިވެހިރާއްޖޭގެ ކަންކަން އިންސާފާއި ޢަދުލުގެ މަގުތަކުން ކުރިއަށް ގެންދާން އަޅުގަނޑުމެން އެންމެން ގުޅިގެން މި ކުރާ މަސައްކަތުގައި މާތްﷲ ބަރަކާތްލެއްވުން އެދި ދުއާ ކުރަން،“ އުޝާމް ވިދާޅުވިއެވެ. އަދި މި އުސޫލުތައް ދެމެހެއްޓުމަށާއި، ދިވެހި ރައްޔިތުންނަށް ޝަރަފުވެރިކަމާއި ތެދުވެރިކަމާއެކު ޚިދުމަތްކުރުމުގެ މަތީގައި ދެމިތިބުމަށް އިޤުރާރުވާ ކަމަށްވެސް ވިދާޅުވިއެވެ.
މި އަހަރަކީ އެ އޮފީހުގެ އެންމެ މުހިންމު މަސައްކަތްތަކުގެ ތެރެއިން އެއް މަސައްކަތް ފުރިހަމަވެގެން ދިޔަ އަހަރެއްގެ ގޮތުގައި ފާހަގަކުރައްވަމުން، ބަންޑާރަ ނައިބު ވިދާޅުވީ ސަރުކާރުން ބަންޑާރަ ނައިބުގެ އޮފީހުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި، މަޖިލީހުން ފާސްކޮށް، މިހާރު އެ ބިލު ގާނޫނަކަށްވެ އަމަލުކުރަން ފަށާފައިވާ ކަމަށެވެ. އެ ގާނޫނުގެ ސަބަބުން އެ އޮފީހަށް އިންގިލާބީ ބަދަލުތަކެއް އައިސް، މުވައްޒަފުންނަށް ޙައްޤު އެތައް މަންފާއެއް ލިބޭނެކަމާމެދު ޝައްކެއް ނުކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.
ބަންޑާރަ ނައިބުގެ އޮފީހަށް 75 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައި އެ އޮފީހަށް 20 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތްކުރައްވާފައިވާ މުވައްޒަފުންނަށް އިނާމު ދެއްވާފައިވެއެވެ. މީގެއިތުރުން، މި ޖަލްސާގައި ބަންޑާރަ ނައިބުގެ އޮފީހުގެ އައު ވެބްސައިޓް ވަނީ އިފްތިތާހުކޮށްފައެވެ.