2017 ވަނަ އަހަރު މާލޭގައި އަނިޔާވެރި ގޮތަކަށް މަރާލި ރ. މީދޫ މުހައްމަދު އަނަސްގެ މަރުގެ މައްސަލައިގައި ދައުވާކޮށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ކަނޑައެޅި މީހުންގެ ބަންދާމެދު، ދެން އަންނަ އަޑުއެހުމެއްގައި ގޮތެއް ނިންމާނެ ކަމަށް ހައިކޯޓުގައި މައްސަލަ ބައްލަވާ ފަނޑިޔާރުން ވިދާޅުވެއްޖެ އެވެ.
އަނަސް މަރާލި މައްސަލައިގައި ތުހުމަތު ކުރި 7 މީހުން މިހާރު ތިބީ ސުޕްރީމް ކޯޓުގެ އަމުރަކަށް ބަންދު ކޮށްފަ އެވެ. ހައިކޯޓުގައި އަންނަނީ މި މީހުންގެ އިސްތިއުނާފު ޝަރީއަތް ހިނގަމުންނެވެ.
މައްސަލައިގައި މިހާތަނަށް ކަން ހިނގާފައިވާގޮތް:
އަނަސް މަރާލި މައްސަލައިގައި ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައިވަނީ 2024 ފެބްރުއަރީ މަހުގެ 25 ވަނަ ދުވަހު އެވެ. ކްރިމިނަލް ކޯޓުން ވަނީ މިމައްސަލައިގައި ދައުވާ އުފުލި އެންމެންގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ހުކުމްކޮށްފަ އެވެ. ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުގެ ފަރާތުން މި މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވަނީ 2024 މޭ 16 ވަނަ ދުވަހު އެވެ.
މި މައްސަލައިގައި ތުހުމަތުކުރެވޭ މީހުން އިސްތިއުނާފު ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ދައުލަތުން ހައިކޯޓުގައި އެދުމުން މާޗް 10 ވަނަ ދުވަހު ހައިކޯޓުން ވަނީ އެ މީހުން ބަންދުނުކުރުމަށް ނިންމާފަ އެވެ. ދައުލަތުން މި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން ސުޕްރީމް ކޯޓުން އޭޕްރިލް 28 ވަނަ ދުވަހު ހުކުމް ކޮށްފައިވަނީ، ހައިކޯޓުން އެމީހުން ބަންދު ނުކުރުމަށް ނިންމާފައިވަނި ޤާނޫނާ ހިލާފަށް ކަމަށެވެ. އެހެންކަމުން ހައިކޯޓުގެ ނިންމުން ބާތިލުކޮށް އެމީހުން ޝަރީއަތް ނިމެންދެން ބަންދުކުރުމާމެދު އަލުންގޮތެއް ނިންމުމަށް މައްސަލަ ހައިކޯޓަށް ތަހުވީލު ކޮށްފައިވެ އެވެ. ނަމަވެސް ހައިކޯޓުން މޭ 21 ވަނަ ދުވަހު ނިންމާފައިވަނީ އެ މީހުން ބަންދު ނުކުރުމަށެވެ. މި ނިންމުން ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން ސުޕްރީމް ކޯޓުން ޖޫން 22 ވަނަ ދުވަހު ހުކުމް ކޮށްފައިވަނީ، ޝަރީއަތް ނިމެންދެން ބަންދުކުރުމާއި މެދު ހައިކޯޓުގައި މައްސަލަ ބައްލަވާ ފަނޑިޔާރުން ގޮތެއް ނިންމަންދެން، ރިމާންޑް ޖަލެއްގައި މި މީހުން ބަންދުކުރުމަށެވެ.
ހައިކޯޓުގައި މިއަދު ކުރިއަށްދިޔަ އަޑުއެހުން:
މި މައްސަލައިގައި މިއަދު ހައިކޯޓުގައި ކުރިއަށްގެންދިޔަ އަޑުއެހުމުގައި މައްސަލަ ބައްލަވާ ފަނޑިޔާރުން ވަނީ، ސުޕްރީމް ކޯޓުގެ އަމުރަކަށް މި މީހުން ބަންދުގައި ތިބިކަން ފާހަގަކުރައްވާފަ އެވެ. އެހެންކަމުން ބަންދާމެދު ދައުލަތަށް އަދި ދިފާއީ ވަކީލުންނަށް ވާހަކަ ދެއްކުމުގެ ފުރުސަތު ދީފައިވެ އެވެ.
އެގޮތުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ވަކީލް ވަނީ، ކުރިން މި މައްސަލައިގައި ހައިކޯޓުގެ ޝަރީއަތުގައި ދައްކާފައިވާ ވާހަކަތަކަށް ރިއާޔަތްކޮށް އަދި ސުޕްރީމް ކޯޓުގެ ނިންމުމުގައި ފާހަގަކޮށްފައިވާ ކަންކަމަށް ރިއާޔަތްކޮށް މި މީހުން އިސްތިއުނާފު ޝަރީއަތް ނިމެންދެން ބަންދުގައި ބޭތިއްބުމަށް އެދިފަ އެވެ.
އިސްތިއުނާފު ރައްދުވާ ހަތް މީހުންގެ ވަކީލުން މިއަދުގެ އަޑުއެހުމުގައި އެދައިފައިވަނީ މި އެންމެންގެ ބަންދަށް ލުޔެއްދެއްވާ، ބަންދުން ދޫކޮށްދިނުމަށެވެ. އެގޮތަށް އެދެމުން ބުނެފައިވަނީ، މި މައްސަލައިގައި ކްރިމިނަލް ކޯޓުގެ މަރުހަލާގައި ގާތްގަނޑަކަށް 7 އަހަރު މި މީހުން ބަންދުގައި ހޭދަކޮށްފައިވާ ކަމަށެވެ. އޭގެފަހުން ކުށް ސާބިތުނުވާ ކަމަށް ކަނޑައެޅުމަށްފަހު 2 އަހަރު މި މީހުން މިނިވަނުންގެ ގޮތުގައި އުޅެފައިވާ ކަމަށާއި އެ މުއްދަތުގައި މުޖުތަމައުގެ ސަލާމަތަށް ނުރައްކާވާފަދަ ކަމެއް މި މީހުން ކޮށްފައިވާކަން ދައުލަތުން ހައިކޯޓުގައި ފާހަގަކޮށްފައިނުވާ ކަމަށެވެ. ދިފާއީ ވަކީލުން ވިދާޅުވީ މި މައްސަލައިގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ވަކީލުން ބައްލަވަނީ މި މީހުންގެ ކުރީގެ ރެކޯޑްސްއަށް ކަމަށާއި މިހާރުގެ ހާލަތަށް ރިއާޔަތް ނުކުރާ ކަމަށެވެ.

ދިފާއީ ވަކީލުން ވިދާޅުވީ، އިސްތިއުނާފުގެ މަރުހަލާގައި ބަލަންޖެހޭނީ މި މީހުންނަކީ ކުށެއް ނުކުރާ ބައެއްގެ ގޮތުގައި ކަމަށާއި، ސަބަބަކީ ދަށު ކޯޓުން މި މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކަނޑައަޅައިފައި އޮތުން ކަމަށެވެ. އަދި ދަށު ކޯޓުގެ ނިންމުން އަދިވެސް އެގޮތުގައި ދެމިއޮތްކަން ފާހަގަކުރެއްވި އެވެ.
މީގެއިތުރުން މިއަދުގެ އަޑުއެހުމުގައި ވަނީ މި މައްސަލައިގެ މައުޟޫއީ ބައިވެސް ކުރިއަށްގެންގޮސްފަ އެވެ. އެގޮތުން ޖުނޭހު އަބްދުﷲ އަދި ހަސަން މަހުފޫޒްގެ މައްސަލައިގެ އިސްތިއުނާފީ ނުކުތާތައް ދައުލަތުން ވަނީ ހުށަހަޅާފަ އެވެ.
މިއަދުގެ އަޑުއެހުން ނިންމަވާލައްވަމުން މައްސަލަ ބައްލަވާ ފަނޑިޔާރު މުހައްމަދު ޝަނީޒް އަބްދުﷲ ވިދާޅުވީ، މި ހަތް މީހުންގެ ބަންދާމެދު އަންނަ އަޑުއެހުމެއްގައި ގޮތެއް ނިންމަވާނެ ކަމަށެވެ.
ހައިކޯޓުގައި މި މައްސަލަ ބައްލަވަނީ ފަނޑިޔާރު މުހައްމަދު ޝަނީޒް އަބްދުﷲ, ފަނޑިޔާރު މުހައްމަދު ނިޔާޒް އަދި ފަނޑިޔާރު މުހައްމަދު ފައިސަލް އެވެ.
އަނަސް މަރާލި މައްސަލައިގައި ގަސްތުގައި މީހަކު މަރާލުމުގެ ދައުވާ އުފުލާފައިވަނީ، މ. ލޮނުމިދިލިގެ އަފްރާހު އަބްދުއްރައްޒާޤު، ޅ. ކުރެންދޫ އަސުރުމާގެ އަހުމަދު ޒަޔާން އަދި މ. ދިމިޝްގު، އުޘްމާން ޝަރީފްގެ މައްޗަށެވެ. މި މައްސަލައިގައި، ގަސްދުގައި މީހަކު މަރާލުމުގައި ބައިވެވުމުގެ ކުށުގެ ދައުވާ އުފުލާފައިވަނީ ލ. ގަން، ތުނޑި، ނަންނާރިގެ ޖުނައިދު އަބްދުﷲ، ސ. ފޭދޫ ވެސްޓަންވިލާ ހަސަން މަހްފޫޒް، ދަފްތަރު ނަމްބަރު 1746 ސިމާހު މޫސާ އަދި ތ. ކިނބިދޫ ގުލްފާމްގެ މުހައްމަދު ޝާޒްގެ މައްޗަށެވެ.