ބިންވެރިޔާ ސްކީމާ ގުޅިގެން ހިންގި ތަހުގީގުގައި ސަސްޕެންޑްކޮށް މަގާމުން ވަކިކުރި އެޗްޑީސީގެ ކުރީގެ ޗީފް ބިޒްނަސް އޮފިސަރު އަހުމަދު ޔާމީން މަގާމުން ވަކިކުރީ ޤާނޫނާ ޚިލާފަށްކަމަށް ކަނޑައަޅައި، އަލުން ވަޒީފާ ދިނުމާއެކު ބަދަލުދިނުމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމި ނިންމުން ހައިކޯޓުގައި އިސްތިއުނާފު ކޮށްފި އެވެ.
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނިންމުން ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވަނީ ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ފަރާތުންނެވެ. ހައިކޯޓުގައި މި މައްސަލަ އޮގަސްޓް 31 ވަނަ ދުވަހު އިސްތިއުނާފު ކޮށްފައިވާ ކަމަށް ހައިކޯޓުގެ ރަޖިސްޓްރީން ދެއްކިނަމަވެސް މައްސަލަ ބަލައިގަތުމާމެދު ހައިކޯޓުން އަދި ގޮތެއް ނިންމާފައެއް ނުވެ އެވެ.
ބިންވެރިޔާ ސްކީމްގެ މައްސަލައިގައި ފުލުހުނާއި އޭސީސީން ހިންގި ތަހުގީގާ ގުޅިގެން އެޗްޑީސީގެ 15 މުވައްޒަފެއް މަގާމުން ވަކިކޮށްފައިވާއިރު އޭގެތެރޭގައި ޔާމީންވެސް ހިމެނެ އެވެ.
ވަޒީފާއިން ވަކިކުރި މައްސަލަ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ޔާމީންގެ ފަރާތުން ހުށަހެޅުމުން އެ ޓްރައިބިއުނަލުން ނިންމާފައިވަނީ ޔާމީން ވަޒީފާއިން ވަކިކުރީ ޤާނޫނާ ޚިލާފަށް ކަމަށެވެ.
އެގޮތުން އޭނާ މަގާމުން ވަކިކޮށް ހިނގި 6 މަހުގެ މުސާރައާއި، ރޯދަ އެލަވަންސާއި، ލީގަލް ފީގެ ގޮތުގައި 144،000 ރުފިޔާ ދިނުމަށް ޓްރައިބިއުނަލުން ނިންމާފައިވެ އެވެ. އަދި ޔާމީންގެ ވަޒީފާ އަނބުރާ އިޔާދަކުރުމަށްވެސް ނިންމާފައިވެ އެވެ.
ހައި ކޯޓު ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ވަޒީފާއާބެހޭ ޓްރައިބިއުނަލް
