މީޑިއާ ރެގިއުލޭޓް ކުރުމުގެ ނަމުގައި މަޖިލީހަށް ހުށަހަޅާފައިވާ މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލަށް ބަންޑާރަނައިބުގެ އޮފީހުން ގިނަ އިސްލާހުތަކެއް ހުށަހަޅައިފި އެވެ.
މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާނު އަބޫބަކުރު އެވެ.
މި ބިލު ދިރާސާ ކުރުމުގެ މަސައްކަތް މިނިވަން މުއައްސަސާތަކުގެ ކޮމިޓީން އިއްޔެ އަދި މިއަދު ސިއްރުން ކުރިއަށް ގެންދިޔައިރު، މިއަދު ކޮމިޓީން ވަނީ ބަންޑާރަނައިބުގެ އޮފީސް ހިމެނޭގޮތަށް އެކި އިދާރާތަކުން ހުށަހަޅާފައިވާ އިސްލާހުތައް ސިއްރު ބައްދަލުވުމުގައި ދިރާސާ ކޮށްފަ އެވެ. ކޮމިޓީން ސިއްރުކޮށްގެން ދިރާސާ ކުރުން ކުރިއަށްގެންދިޔަ ނަމަވެސް ބަންޑާރަނައިބުގެ އޮފީހުން ވަނީ އެ އޮފީހުން ހުށަހެޅި އިސްލާހުތައް އާއްމުކޮށްފަ އެވެ.
އެގޮތުން ބަންޑާރަނައިބުގެ އޮޮފީހުން ވަނީ ވަކިވަކި ނޫސްވެރިންނާއި މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކާމެދު ފިޔަވަޅު އެޅޭގޮތަށް އޮތް މާއްދާ އުނިކުރުމަށްވެސް ހުށަހަޅާފަ އެވެ. މީގެ އިތުރުން، މި ބިލުގައި ހިމަނާފައިވާ ޢާންމު ނިޒާމާއި، ޤައުމީ ސަލާމަތާއި، އިލެކްޓްރޯނިކް މީޑިއާގެ މާނަކުރުން އިތުރަށް ތަފްޞީލުކޮށް ހިމެނުމަށްވެސް ހުށަހަޅާފައިވެ އެވެ.
ބަންޑާރަނައިބުގެ އޮފީހުން ހުށަހަޅާފައިވާ މައިގަނޑު އިސްލާހުތަކުގެ ތެރޭގައި، ބިލުގައި މީޑިއާ ރެގިއުލޭޓް ކުރާ ކޮމިޝަނުގެ މެންބަރުން ކަނޑައެޅުމާއި ވަކިކުރުމުގައްޔާއި، އަދި ކޮމިޝަނުގެ ރައީސް ޢައްޔަނުކުރުމުގައި ރައީސުލްޖުމްހޫރިއްޔާގެ އެއްވެސް ދައުރެއް ނުހިމެނޭގޮތަށް ބަދަލުކުރުން ހިމެނެ އެވެ. މީޑިއާ ރެގިއުލޭޓް ކުރާ ކޮމިޝަނުގެ މެންބަރުންގެ ހުންނަންޖެހޭ ސިފަތަކުގެ ތެރޭގައި، ސިޔާސީ ޕާޓީއެއްގެ މެންބަރެއް ކަމުގައި ނުވުން ހިމެނެމަށް ހުށަހަޅާފައިވެ އެވެ.
މީޑިއާ ރެގިއުލޭޓް ކުރާ ކޮމިޝަނަށް އިންތިޚާބުކުރެވޭ މެންބަރުންގެ މެންބަރުކަމުގެ ޝަރުތެއް ނުވަތަ ސިފައެއް އުނިވެއްޖެނަމަ، އެ މެންބަރަކު މެންބަރުކަމުން ވަކިކުރުމުގެ އިޚްތިޔާރު އެ މެންބަރުން އިންތިޙާބުކުރުމަށް ވޯޓު ދިން ފަރާތްތަކަށް ލިބިދެވޭގޮތަށް ބިލު އިސްލާހު ކުރުމަށްވެސް ބަންޑާރަނައިބުގެ އޮފީހުން އިސްލާހު ހުށަހަޅާފައިވެ އެވެ. މީގެއިތުރުން ބިލުގައި މިހާރު ބަޔާންކޮށްފައިވާ، މީހުންގެ އަމިއްލަ މައުލޫމާތު ހާމަކުރުމުގެ މިންގަނޑުތަކުގެ ތެރޭގައި، އެކި ފަރާތްތަކުގެ އަމިއްލަ މިނިވަން ކަމުގެ ދާއިރާގެ ތެރެއަށް ނުޙައްޤުން ވަދެގެން ނުވާނެކަމަށް އޮތް އޮތުން ބަދަލުކޮށް، އެފަދަ މައުލޫމާތެއް ނިސްބަތްވާ ފަރާތުގެ އަމިއްލަ މިނިވަންކަމުގެ ދާއިރާއަށް އިހްތިރާމްކުރުމަކީ މައުލޫމާތު ހާމަކުރުމުގެ މިންގަނޑު ކަމުގައި ހިމެނުމަށްވެސް ބަންޑާރަނައިބުގެ އޮފީހުން ހުށަހަޅާފައިވެ އެވެ.
ބިލުގައި ބަޔާންކޮށްފައިވާ ތެދު މަޢުލޫމާތު ހާމަކުރުމުގެ ޒިންމާއަށް މިންގަނޑުތަކެއް އިތުރުކުރުމަށްވެސް ހުށަހަޅާފައިވެ އެވެ. އަދި މީޑިއާތަކުގެ އެޑިޓަރުންނަކީ ކޮމިޝަނުން ކަނޑައަޅާ ޝަރުތުތަކެއް ފުރިހަމަވާ ބައެއްކަމުގައި ހަމަޖެއްސުމަށް ބިލަށް މާއްދާއެއް އިތުރުކުރުމަށްވެސް ހުށަހަޅާފައިވެ އެވެ.
ރައްޔިތުންގެ މަޖިލިސް ބަންޑާރަ ނައިބުގެ އޮފިސް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީ މީޑިއާ ބިލް