ފައިނޭންސް ފޯރަމް މިއަދު ކުރުނބާ މޯލްޑިވްސްގައި ފަށައިފިއެވެ.
ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ މި އަހަރުގެ ފޯރަމް ކުރިއަށްގެންދަނީ ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) އާ ގުޅިގެންނެވެ.
”ބިލްޑިން އަ ރެޒިލިއަންޓް އެންޑް އިންކްލޫސިވް ކެޕިޓަލް މާކެޓް“ ގެ ނަމުގައި ކުރިއަށްގެންދާ މި ފޯރަމްގައި 150 އަށް ވުރެ ގިނަ ބައިވެރިން ބައިވެރިވެއެވެ. މި ފޯރަމަކީ މި ފަދައިން ކުރިއަށްގެންދާ 12 ވަނަ ފޯރަމެވެ.
ފޯރަމް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޕެންޝަން އޮފީހުގެ ބޯޑުގެ ޗެއާޕާސަން ޑރ. އަހުމަދު އިނާޒް ވިދާޅުވީ، ”މި ފޯރަމަކީ ރާއްޖޭގެ ފައިނޭންޝަލް އަދި ސޯޝަލް ސެކިޔުރިޓީ ދާއިރާގެ މުސްތަގުބަލާ މެދު ހިޔާލު ބަދަލުކޮށް މަތީ ފަންތީގެ މަޝްވަރާތައް ކުރިއަށް ގެންދަން މުހިއްމު ޕްލެޓްފޯމެއް“ ކަމަށެވެ.
އިނާޒް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، އިންވެސްޓަރުންގެ ރައްކާތެރިކަމަށް ކެޕިޓަލް މާކެޓް ޑިވެލޮޕްމެންޓް އޮތޯރިޓީން ގިނަ މަސައްކަތްތަކެއް ކުރަމުންދިޔަ ނަމަވެސް، އަދިވެސް ގޮންޖެހުންތައް ހުރި ކަމަށާއި، މި ގޮންޖެހުންތަކުން އަރައިގަތުމަށް މިއަދުގެ ފޯރަމްގެ މަޝްވަރާތައް މުހިއްމުވާނެއެވެ.
މި ފޯރަމްގައި ވިޔަފާރިތަކަށް ފައިސާ ހޯދާނެ ގޮތްތަކާއި، ދެމެހެއްޓެނިވި ގޮތެއްގައި އެ ވިޔަފާރިތައް ކުރިއެރުވޭނެ ގޮތްތަކާ ގުޅޭ މަޝްވަރާތައް ކުރިއަށްދާނެ ކަމަށް ވެސް އިނާޒް ފާހަގަކުރެއްވިއެވެ. މި ފޯރަމަކީ މާލީ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާއި އެހެނިހެން ސްޓޭކްހޯލްޑަރުން ބައްދަލުވެ، ހިޔާލު ބަދަލުކޮށް މަޝްވަރާ ކުރުމުގެ ފުރުސަތު ފަހިކޮށްދޭ މުހިއްމު ޕްލެޓްފޯމެކެވެ.
ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) ޕެންޝަން އޮފިސް