ފަނޑިޔާރުކަން ކުރައްވާފައިވާ ބޭފުޅުންނަށާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކުރައްވާފައިވާ ބޭފުޅުންނަށް އެކި އިނާޔަތްތަކުގެ ގޮތުގައި މަހަކު ގާތްގަނޑަކަށް 3 މިލިއަން ރުފިޔާ ޕެންޝަން އޮފީހުން ދޫކުރާކަން ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
މައުލޫމާތު ހޯދާ ލިބިގަތުމުގެ ގާނޫނުގެ ދަށުން ޕެންޝަން އޮފީހަށް ’ޖަވިޔަނި‘ ނޫހުން ފޮނުވި އާރްޓީއައިގެ ޖަވާބުގައި އެ އޮފީހުން ވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކުރައްވާފައިވާ ފަރާތްތަކަށް ހިދުމަތުގެ އިނާޔަތުގެ ގޮތުގައި އެ އޮފީހުން ދޫކޮށްފައިވާ ފައިސާގެ ތަފްސީލާއި ފަނޑިޔާރުކަމުގެ މަގާމު އަދާކޮށްފައިވާ ފަރާތްތަކަށް ދޫކޮށްފައިވާ ފައިސާގެ ތަފްސީލުތައް ހިއްސާކޮށްފަ އެވެ.
ޕެންޝަން އޮފީހުން ދިން މައުލޫމާތުތަކަށް ބަލާއިރު ފާއިތުވި އޮގަސްޓް މަހު ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކުރައްވާފައިވާ ފަރާތްތަކަށް ހިދުމަތުގެ އިނާޔަތުގެ ގޮތުގައި 736,312.50 ރުފިޔާ ދޫކޮށްފައިވެ އެވެ. ޖުމުލަ 49 މެންބަރަކަށް މި ފައިސާ ލިބިފައިވެ އެވެ. ފަނޑިޔާރުކަމުގެ މަގާމު އަދާކޮށްފައިވާ ފަރާތްތަކަށް އޮގަސްޓް މަހު ދޫކޮށްފައިވާ ފައިސާގެ އަދަދަށް ބަލާއިރު 98 ފަނޑިޔާރަކަށް 2,095,996.32 ރުފިޔާ ދޫކޮށްފައިވެ އެވެ. މީގެ އިތުރުން އެއް ފަހަރާ ގަނޑުކޮށް 1 ބޭފުޅަކަށް 159,375.00 ރުފިޔާ ދޫކޮށްފައިވެ އެވެ. އެއީ ޖުލައި 21 ގައި ރިޓަޔާ ކުރެއްވި އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނަށް ދީފައިވާ ފައިސާކަމަށް ބެލެވެ އެވެ.
މި މައުލޫމާތުތަކުން އެނގޭ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކުރައްވާފައިވާ ބޭފުޅުންނަށް ހިދުމަތުގެ އިނާޔަތުގެ ގޮތުގައި ޕެންޝަން އޮފީހުން އެންމެ ފުރަތަމަ ފައިސާ ދޫކުރީ 2014 ވަނަ އަހަރުގެ ޖޫން މަހު އެވެ. އެންމެ ފުރަތަމަ ފައިސާ ދޫކޮށްފައިވަނީ 4 މެންބަރުންނަށެވެ. ޖުމުލަ ދޫކޮށްފައިވަނީ 63،750 ރުފިޔާ އެވެ. ފަނޑިޔާރުކަމުގެ މަގާމު އަދާކޮށްފައިވާ ފަރާތްތަކަށް އެންމެ ފުރަތަމަ ފައިސާ ދޫކުރީ 2011 ވަނަ އަހަރުގެ އޭޕްރިލް މަހު އެވެ. އެ މަހު ވަނީ 7 ފަރާތަކަށް 33,631.14 ރުފިޔާ ދޫކޮށްފަ އެވެ.
މީގެ އިތުރުން ޕެންޝަން އޮފީހުން ފޮނުވި މައުލޫމާތުތަކުގެ ތެރޭގައި ޝަހީދުންގެ އާއިލާތަކަށް ދޫކުރާ ފައިސާގެ ތަފްސީލާއި ނޮވެމްބަރު 3 ގެ އިނާޔަތުގެ ތަފްސީލުތައް ހިމަނާފައިވެ އެވެ. މި އިނާޔަތްތަކަށް ބަލާއިރު މިދިޔަ މަހު ޝަހީދުންގެ އިނާޔަތުގެ ގޮތުގައި 7 ފަރާތަކަށް 5,756.50 ރުފިޔާ އާއި ނޮވެމްބަރު 3 ގެ އިނާޔަތުގެ ގޮތުގައި 3 ފަރާތަކަށް 2,250.00 ރުފިޔާ ދޫކޮށްފައިވެ އެވެ.
ޕެންޝަން އޮފީހުން ފޮނުވި މައުލޫމާތުތަކުގައި ތިންވަނަ ފަރާތެއްގެ ޒާތީ މައުލޫމާތު ހާމަވާނެތީ އެއްވެސް ބޭފުޅެއްގެ ނަން ހިމަނާފައެއް ނުވެ އެވެ. އެ މައުލޫމާތު ތަކުގައި ހުރީ އިނާޔަތްތައް ދޭން ފެށި ފަހުން ކޮންމެ މަހަކު ކުރީގެ މެންބަރުންނަށާއި ކުރީގެ ފަނޑިޔާރުންނަށާއި ޝަހީދުވި ފަރާތްތަކުގެ އާއިލާތަކަށް ދޭ ފައިސާގެ އަދަދާއި ފައިސާ ލިބޭ ފަރާތްތަކުގެ އަދަދާއި ދޫކުރި ތާރީހެވެ.
ރައްޔިތުންގެ މަޖިލިސް ޕެންޝަން އޮފިސް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)