މިރޭ ހަނދު ކޭތަ ހިފާ ވަގުތު ރާއްޖޭގެ ބޮޑު ސަރަހައްދަކަށް އުޑުމަތި އާންމު ގޮތެއްގައި ސާފުވާނެ ކަމަށް މޯލްޑިވްސް މެޓެރޮލޮޖިކަލް ސަރވިސް (މެޓް) އިން މިއަދު ބުނެފިއެވެ.
މެޓް އޮފީހުން މައުލޫމާތު ދެމުން ބުނީ، ރާއްޖޭގެ މޫސުން މިރޭ އާންމު ގޮތެއްގައި ރަނގަޅުވާނެ ކަމަށެވެ. އަދި ޚާއްސަކޮށް އުތުރާއި މެދު ރާއްޖެތެރޭގެ ސަރަހައްދުތަކަށް އުޑުމަތި ސާފުވެފައި އޮންނާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. ނަމަވެސް އައްޑޫ ސިޓީގެ ސަރަހައްދުގައި ކޮންމެވެސް ވަރަކަށް ވިލާގަނޑު އުޅުމަކީ އެކަށީގެންވާ ކަމެއް ކަމަށް މެޓް އޮފީހުން ފާހަގަކޮށްފައިވެއެވެ.
އިސްލާމިކް މިނިސްޓްރީން ދީފައިވާ މައުލޫމާތުގައިވާ ގޮތުން، ރާއްޖެއަށް ހަނދުކޭތަ ހިފަން ފަށާނީ މިރޭ 8:28 ގައެވެ. އަދި ކޭތަ އެންމެ ބޮޑަށް ހިފާފައި ހުންނާނީ 11:11 ގައި ކަމަށާއި، ކޭތަ ވީއްލާނީ މެންދަމުން އަލިވެ 01:55 ގައެވެ.
މިރޭގެ ކޭތައަކީ ފުރިހަމަ ކޭތައަކަށް ވުމާއެކު، ”ބްލަޑް މޫން“ ވެސް ރާއްޖޭގެ ސަރަހައްދުން ފެންނާނެއެވެ. އަދި މި މުހިންމު މުނާސަބަތާ ގުޅިގެން، ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ހުންނަ އެންމެ ބޮޑު މިސްކިތުގައި މިރޭ 11:12 ގައި ކޭތަ ނަމާދު ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް އިސްލާމިކް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.