މޫސުން ގޯސްވެ ވައިގަދަވާނެކަމަށް ލަފާކޮށް، ރާއްޖޭގެ ބޮޑު ބަޔަކަށް ވައިޓް އެލާޓެއް ނެރެފި އެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ނެރުނު އެލާޓްގައި ވަނީ ހއ. އަތޮޅުން ފެށިގެން ތ. އަތޮޅާ ހަމައަށް ހުރި ސަރަހައްދުތަކަށް މެންދުރު 13:30 އިން ފެށިގެން ރޭގަނޑު 19:30 އާ ހަމައަށް މޫސުން ގޯސްވެ، ވައިގަދަވާނެ ކަމަށް ލަފާކޮށްފައެވެ.
މެޓް އޮފީހުގެ އަންދާޒާތަކުން ދައްކާ ގޮތުގައި މި ސަރަހައްދުތަކުގައި ގަޑިއަކު 19 މޭލާއި 24 މޭލު ދެމެދުގެ ބާރުމިނުގައި ވައި ޖަހާނެއެވެ. އަދި ވިލާގަނޑުގައި ވައިގެ ބާރުމިން ގަޑިއަކު 40 މޭލަށް އަރާނެ ކަމަށް ވެސް ލަފާކުރެއެވެ.
ކުރިއަށް 24 ގަޑިއިރު އެކިހިސާބަށް ވިއްސާރަކުރާނެ ކަމަށާއި އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ބުނެފައިވެއެވެ. މެޓް އޮފީހުން ބުނެފައިވަނީ ހުޅަނގުދެކުނާއި ހުޅަނގުން، ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަށް 40 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށެވެ.
މޫސުން ގޯސްވުމާ ގުޅިގެން ކަނޑުމަތި ވެސް ގަދަވާނެ ކަމަށް މެޓް އޮފީހުން ވަނީ އިންޒާރު ދީފައެވެ. އެހެންކަމުން ކަނޑުދަތުރުކުރާ ފަރާތްތަކަށް އިތުރު ސަމާލުކަމެއް ދިނުމަށް އިރުޝާދު ދީފައިވެއެވެ.