ބްރެޒިލްގެ މިނިވަން ދުވަހުގެ މުނާސަބަތުގައި އެ ޤައުމުގެ ރައީސް ލޫލާ ޑަ ސިލްވާއަށާއި، ސަރުކާރަށާއި އަދި ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ތަހުނިޔާ ފޮނުއްވައިފި އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް މުއިއްޒު ވިދާޅުވެފައިވަނީ، ދިވެހިރާއްޖެއާއި ބްރެޒިލްއާ ދެމެދު ޑިޕްލޮމެޓިކް ގުޅުން ގާއިމުކުރިތާ 40 އަހަރު ވުމާ ކައިރިވަމުން އަންނައިރު، ދެ ގައުމުގެ ރައްޔިތުންގެ މަންފާއަށް މަސައްކަތް ކުރުމުގައި ދެމެހެއްޓެނިވި ގުޅުމެއް ބަދަހިކުރުމަށް ދިވެހިރާއްޖެއިން އަޒުމު ކަނޑައަޅާ ކަމަށެވެ.
ދިވެހިރާއްޖެއާއި ބްރެޒިލްއާ ދެމެދު ޑިޕްލޮމެޓިކް ގުޅުން ގާއިމުކޮށްފައިވަނީ 1988 ވަނަ އަހަރުގެ ސެޕްޓެމްބަރު 27 ވަނަ ދުވަހު އެވެ. މިއީ ދެ ގައުމުގެ ގުޅުން ގާއިމުކުރިތާ 37 އަހަރު ފުރޭ އަހަރެވެ.
ބްރެޒިލްއަކީ ދެކުނު އެމެރިކާގެ އެންމެ ބޮޑު އަދި އެންމެ އާބާދީ ގިނަ ގައުމެވެ. އަދި ދުނިޔޭގެ އެންމެ ބޮޑެތި އިގްތިސޯދުތަކުގެ ތެރޭގައި ހިމެނޭ ގައުމެކެވެ. ބްރެޒިލް މިނިވަންވެފައިވަނީ 1822 ވަނަ އަހަރުގެ ސެޕްޓެމްބަރު 7 ވަނަ ދުވަހު ޕޯޗުގަލްގެ ކޮލޮނީއެއްގެ ގޮތުގައި އޮތުމަށްފަހު އެވެ.
