ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އިންޓަނޭޝަނަލް ވޮލެޓް ’ސްވައިޕް‘ މިއަދު އިފްތިތާހުކޮށްފި އެވެ.
ސްވައިޕް މިއަދު އިފްތިތާހުކޮށްފައިވަނީ ބާސެލޯ ނަސަންދުރައިގައި ކުރިއަށް ގެންދިޔަ ރަސްމިއްޔާތުގަ އެވެ. މި ރަސްމިއްޔާތުގައި ސްވައިޕް އިފްތިތާހުކޮށްދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ.
ސްވައިޕް އާއި ގުޅިގެން މައުލޫމާތު ދެމުން މައުލޫމާތު ދެމުން ބުނީ މިއީ ދިވެހީން އުފައްދައި ތަރައްގީކޮށްފައިވާ އެޕްލިކޭޝަނެއް ކަމަށެވެ. އަދި މިއީ ރާއްޖެ އާއި ރާއްޖެއިން ބޭރުގައި ފަސޭހަކަމާއެކު އަވަހަށް ރައްކާތެރިކަމާއެކު ފައިސާގެ މުއާމަލާތު ކުރެވޭނެ ގޮތަށް ފަރުމާކޮށްފައިވާ މަލްޓި ކަރަންސީ ޑިޖިޓަލް ވޮލެޓެއް ކަމަށެވެ.
މި ވޮލެޓް ބޭނުންކޮށްގެން ރާއްޖޭގެ ކޮންމެ ތަނެއްގައި ހުރެގެން ކިއުއާރުކޯޑު ބޭނުންކޮށް ކޮންޓެކްޓްލެސްކޮށް ފައިސާ ދެއްކޭނެ އެވެ. ވަގުތުން ފައިސާ ފޮނުވުމާއި، ދުނިޔޭގެ ކޮންމެ ގައުމަކުންވެސް އެމީހުންގެ މަލްޓި-ކަރަންސީ އެކައުންޓަށް ފައިސާ ލިބިގަތުމުގެ އިތުރުން، އެކައުންޓުން ކުރާ ޚަރަދުތަކުގެ ތަފާސްހިސާބުތައް އަމިއްލައަށްވެސް މި ވޮލެޓުން ބަލާލެވޭނެ އެވެ. ދުނިޔޭގެ ކޮންމެ ބޭންކަކުން ނެރެފައިވާ ޑެބިޓް، ކްރެޑިޓް ނުވަތަ ޕްރީޕެއިޑް ކާޑެއް ބޭނުންކޮށްގެންވެސް ސްވައިޕް ވޮލެޓަށް ފައިސާ ޖަމާކުރެވޭނެ އެވެ. އަދި މި ވޮލެޓް މެދުވެރިކޮށް ބީއެމްއެލްގެ އެކައުންޓްތަކަށް ފައިސާ ފޮނުވައި އެ އެކައުންޓުން ފަސޭހަކަމާއެކު ފައިސާ ނޭގެނެ އެވެ.
”ވިޔަފާރިތަކަށް ވަގުތުން އެކައުންޓަށް ފައިސާ ޖަމާވާ ގޮތަށް ސްވައިޕް ފަރުމާކޮށްފައިވުމުން ވިޔަފާރިވެރިންނަށް ކޭޝް ފްލޯ ބެލެހެއްޓުމަށް ފަސޭހަވެގެންދާނެ. ފްރީލާންސަރުންނާއި އޮންލައިންކޮށް ވިޔަފާރިކުރާ ފަރާތްތަކަށް އެކި ގައުމުތަކުގެ ކްލައިންޓުން ނުވަތަ ކަސްޓަމަރުންގެ ފަރާތުން ފައިސާ ލިބިގަތުމަށްވެސް ސްވައިޕް އެހީތެރިވެދޭނެ.“ ބީއެމްއެލް އިން ބުނެފައިވެ އެވެ.
މީގެއިތުރުން އެ ބޭންކުން ބުނީ ފްރީލާންސަރުންނާއި އޮންލައިންކޮށް ވިޔަފާރިކުރާ ފަރާތްތަކަށް އެކި ގައުމުތަކުގެ ކްލައިންޓުންނާއި ކަސްޓަމަރުންގެ ފަރާތުން ލިބިގަތުމަށް އެހީވެދޭނެ ކަމަށެވެ.
