ފަގީރުންނާއި މިސްކީނުންނަށް ޚާއްސަކޮށްގެން ”ޒަކާތު ބެނެފެޝިއަރީ ކާޑެއް“ ތައާރަފްކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ޒަކާތު ހައުސްއިން މިއަދު ބުނެފި އެވެ.
ޒަކާތު ހައުސްއިން ބުނި ގޮތުގައި، ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ޒަކާތު ހައުސް ގެ ނަމުގައި ވަކި އިދާރާއެއް އުފައްދަވައި، ފަގީރުންގެ ކަންކަމަށް ފުޅާ ދާއިރާއެއްގައި ހޭދަކުރުމުގެ މަސްއޫލިއްޔަތު އެ އިދާރާއާ ހަވާލުކުރައްވާފަ އެވެ. މި މަސްއޫލިއްޔަތާއެކު ފަގީރުކަމުގައި ތިބި ފަރާތްތައް ތަނަވަސް ހާލަތަކަށް ގެނައުމަކީވެސް ޒަކާތު ހައުސްގެ މުހިންމު މަސްއޫލިއްޔަތެއް ކަމަށް އެ އިދާރާއިން ފާހަގަކުރި އެވެ.
ޒަކާތު ހައުސްއިން ބުނީ މި ކާޑުގެ މަޤްސަދަކީ ފަގީރުކަމުގައި ތިބި ފަރާތްތަކަށް އިތުރު ލުއިފަސޭހަ ތަކެއް ފޯރުކޮށްދިނުމާއި، އެފަރާތްތަކުގެ ދިރިއުޅުމުގެ ހާލަތު ރަނގަޅުކުރުން ކަމަށެވެ. އަދި ޒަކާތު ބެނެފެޝިއަރީ ކާޑު ތައާރަފްވުމާއެކު، ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ހިމެނޭ ފަރާތްތަކަށް ގިނަ ލުއިތަކެއް ލިބިގެންދާނެ އެވެ.
ޒަކާތު ހައުސްއިން ބުނި ގޮތުގައި، މި ކާޑުގެ ދަށުން ސިއްހީ ހިދުމަތްތަކަށް އާސަންދަ ސްކީމުގެ ދަށުން ކަވަރުނުކުރާ ހަރަދުތައް ޒަކާތު ފަންޑުން ކަވަރުކޮށްދޭނެ އެވެ. މީގެއިތުރުން، ރޯދަމަހު ކާބޯތަކެތި ގަތުމަށް އެހީތެރިކަން ފޯރުކޮށްދިނުމާއި، ބޯހިޔާވަހިކަމާއި ތައުލީމާ ގުޅުންހުރި އެހީތައްވެސް ދަފްތަރުގައި ހިމެނޭ ފަރާތްތަކަށް ލިބިގެންދާނެ އެވެ.
ޒަކާތު ހައުސްއިން އިތުރަށް ބުނެފައިވަނީ، މި ކަންކަމަކީ އިސްލާމީ ދުނިޔޭގައި ޒަކާތާ ބެހޭ މުއައްސަސާތަކުން އެހީތެރިކަން ފޯރުކޮށްދެމުން ގެންދާ އަސާސީ ކަންކަމަށް ވާތީ، މިކަންކަން ރާއްޖޭގައިވެސް ތައާރަފްކުރުމަކީ ފަގީރުންގެ ހާލަތު ރަނގަޅުކުރުމަށް މުހިންމު ފިޔަވަޅެއް ކަމަށެވެ. މި މަސައްކަތް ނިމިގެންދާނެ ތާރީޚެއް ޒަކާތު ހައުސްއިން އަދި ހާމަކޮށްފައެއް ނުވެ އެވެ.
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް މޯލްޑިވްސް ޒަކާތު ހައުސް
 
															
 
															 
															 
															