ތުރުކީގެ ޖުމްހުރީ ދުވަހުގެ ތަހުނިޔާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފޮނުއްވައިފި އެވެ.
ތުރުކީގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ޙިއްސާކުރެއްވި ޕޯސްޓުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ، ޖުމްހޫރީ ދުވަހުގެ މުނާސަބާގައި ތުރުކީގެ ރައީސް ރަޖަބް ޠައްޔިބް އުރްދުޣާނާއި އެ ޤައުމުގެ ރައްޔިތުންނަށް ތަހުނިޔާ ފޮނުއްވާފަ އެވެ.
އެ ޕޯސްޓްގައި ރައީސް ވަނީ، ވޭތުވެ ދިޔަ އަހަރުތަކުގައި ތުރުކީވިލާތުން ހޯދާފައިވާ ކުރިއެރުމާއި ކާމިޔާބީ ފާހަގަކުރުމުގައި ދިވެހިރާއްޖެ ބައިވެރިވާކަމުގައި ވިދާޅުވެފަ އެވެ. އަދި އެއް ޤައުމުން އަނެއް ޤައުމަށް ކުރާ އިޙުތިރާމާއި، ދޭ އެއްބާރުލުމާއި، ދެ ޤައުމުން ހިއްސާކުރާ ގިޔަމުތަކުގެ ތަރަހައިގެ މަތީ ޤާއިމުކޮށްފައިވާ، ގާތް، ރަޙުމަތްތެރި ގުޅުމުގެ އަގުވަޒަންކުރައްވާކަމުގައިވެސް އެމަނިކުފާނު ވިދާޅުވި އެވެ.
އެމަނިކުފާނުގެ މެސެޖުގައި ވަނީ، ރައީސް އުރްދުޣާނަށް ފުރިހަމަ ޞިއްޙަތަކަށް އެދިވަޑައިގެން، ތުރުކީވިލާތުގެ ރައްޔިތުންނަށް އަމާންކަމާއި އުފާފާގަތިކަމަށް އެދިވަޑައިގަންނަވާފަ އެވެ.
އެ ޕޯސްޓްގައި ރައީސް ވަނީ، ތުރުކީވިލާތުގެ ރައްޔިތުންނަށް ތަރައްޤީ ލިބެމުންދިއުމަށް އެދިވަޑައިގަންނަވާފަ އެވެ. އަދި ބައިނަލްއަޤުވާމީ ފެންވަރުގައި އަމަންއަމާންކަމާއި ފާގަތިކަން ދެމެހެއްޓުމަށްޓަކައި، ދިވެހިރާއްޖެވެސް ހިމެނޭ ގޮތަށް، ތުރުކީވިލާތުން ޤާއިމުކޮށްފައިވާ ގުޅުންތަކުގެ ފައިދާ، އެންމެހާ ބައިވެރިން ހިއްސާކުރަމުންދާނޭކަން ޔަޤީންކުރައްވާކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރާއްޖެ - ތުރުކީ
