ގައުމެއްގެ އުފެއްދުންތެރިކަން ގުޅިލާމެހިފާ ވަނީ ރައްޔިތުންގެ ފުރިހަމަ ސިއްހަތާ: މިނިސްޓަރު ނާޒިމް

Advertisement

އެންމެ ފަސް

Advertisement

ގައުމުގެ އުފެއްދުންތެރިކަމާއި ގައުމުގެ ކުރިއެރުން ގުޅިލާމެހިފައިވަނީ އެ ގައުމެއްގެ ރައްޔިތުންގެ ފުރިހަމަ ސިއްހަތާކަމަށް ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ނާޒިމް މިހެން ވިދާޅުވީ ހުޅުމާލެ ކޮމިއުނިޓީ އެލައަންސް (އެޗްސީއޭ) އިން ރާވައި އިންތިޒާމްކޮށްގެން އިއްޔެ ހުޅުމާލެ ފޭސް 2 ގައި ކުރިއަށް ގެންދިޔަ ’އެޗްސިއޭ ކޮމިއުނިޓީ މެޑިކަލް ކޭމްޕް 2025‘ ގައި ވާހަކަ ދައްކަވަމުންނެވެ.

މިނިސްޓަރު ވިދާޅުވީ ދުޅަހެޔޮ އާބާދީއަކަށް ވުރެ ބޮޑު ނިއުމަތެއް ގައުމަކަށް ނުލިބޭނެ ކަމަށެވެ.

ގައުމުގެ އުފެއްދުންތެރިކަމާއި ގައުމުގެ ކުރިއެރުން ގުޅިލާމެހިފައިވަނީ އެ ގައުމެއްގެ ރައްޔިތުންގެ ފުރިހަމަ ސިއްހަތާކަމަށާއި ފުރިހަމަ ސިއްހަތެއްގައި ތިބި ރައްޔިތުންގެ ސަބަބުން ގައުމުގެ އުފެއްދުންތެރިކަން އިތުރުވެ އުފާވެރި އާބާދީއެއް ދިރިއުޅޭ ގައުމެއްގެ ގޮތުގައި ގައުމު ވެގެން ދާނެ ކަމަށެވެ. އަދި އޭގެ ސަބަބުން ގައުމަށް ހިތްހަމަ ޖެހުން ލިބި ކުރިއަރައިގެން ގޮސް އެންމެން އުފަލުގައި އުޅޭތަން ފެންނާނެކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ފުރިހަމަ ސިއްހަތެއްގައި ތިބޭނަމަ އާއިލާތަކުން ކަންބޮޑުވުމާ ފިކުރު ބޮޑުވުން ފިލައިގެން ދާނެކަމަށްވެސް މިނިސްޓަރު ނާޒިމް ވިދާޅުވި އެވެ.

ސިއްހީ ކަންކަމަކީ އެއްވެސް އިރެއްގައި ހަމައެކަނި ސަރުކާރުން ކުރާ މަސައްކަތަކުން އޭގެ އެންމެ ރަނގަޅު ނަތީޖާ ހާސިލް ކުރެވޭނެ ކަންތައްތަކެއް ނޫންކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި ސިއްހީ ކަންކަން ފެށޭ ހިސާބަކީ ހެލްތް ފެސިލިޓީތައްކަމަށް ދެކޭ ދެކުމަކީ މާޒީވެ ގޮސްފައިވާ ބޯދާ ހިޔާލެއްކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

ހެލްތްގެ ކަންކަން، ދުޅަހެޔޮ އާބާދީއެއް ބިނާ ކުރުމުގެ މަސައްކަތް ފެށޭ ހިސާބަކީ އާއިލާތައް، މުޖުތަމައުތައް، އެކުވެރިން، ރަހުމަތްތެރިން، މުޖުތަމައުގައި ޝާމިލުވާ އެންމެންގެ މަސައްކަތް.

އެޗްސީއޭއިން ކުރިއަށް ގެންދިޔަ މި މެޑިކަލް ކޭމްޕްގައި 15 ކުލިނިކް އަދި 3 ހޮސްޕިޓަލް ބައިވެރިވި އެވެ. އަދި 45 އަށް ވުރެ ގިނަ ޑޮކްޓަރުން އަދި 150 އަށް ވުރެ ގިނަ ސިއްހީ ހިދުމަތްތެރިން ބައިވެރިވި އެވެ. މި ކޭމްޕްއިން ދަތުގެ ފަރުވާ، ކަރުން މަތީގެ ހާއްސަ ފަރުވާ، ލޮލުގެ ފަރުވާ، އަންހެނުންގެ ތަފާތު ފަރުވާ، ހަކުރު ޓެސްޓު ކުރުން، ބަރުދަން ބެލުން، ނަފްސާނީ ފަރުވާ، އެތެރެހަށީގެ ފަރުވާގެ އިތުރުން ހަމުގެ ތަފާތު ފަރުވާތައް ދީފައިވެ އެވެ.

ހުޅުމާލެ ކޮމިއުނިޓީ އެލައަންސް (އެޗްސީއޭ) ހެލްތް މިނިސްޓަރ އަބްދުﷲ ނާޒިމް އިބްރާހިމް މިނިސްޓްރީ އޮފް ހެލްތް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ