ހުވަދު އަތޮޅު ދެކުނުބުރީ ތިނަދޫގައި އިމާރާތްކޮށްފައިވާ 200 ރޯހައުސް ދޫކުރުމަށް ހަމަޖެހިފައިވާ ގޮތުގެ އުސޫލު ޝާއިޢުކޮށްފި އެވެ.
ކޮންސްޓްރަކްޝަން މިނިސްޓްރީއިން ބުނީ، ރޯ ހައުސްއަށް ޝަރުޠު ފުރިހަވާ ފަރާތްތަކުން، އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފައިވާ ކަމަށެވެ. އެޕްލިކޭޝަން ހުށަހަޅާނީ މިނިސްޓްރީގެ ހިޔާވަހި ޕޯޓަލް hiyaavehi.housing.gov.mv މެދުވެރިކޮށް ކަމަށްވެސް ކޮންސްޓްރަކްޝަން މިނިސްޓްރީއިން ބުނެފައިވެ އެވެ.
އެޕްލިކޭޝަން ހުށަހެޅުމަށް ހުޅުވާލެވިފައިވާނީ 7 ސެޕްޓެންބަރު 2025 ގެ 9:00 އިން ފެށިގެން 7 ނޮވެންބަރު 2025 ގެ 23:59 ނިޔަލަށެވެ.
ކޮންސްޓްރަކްޝަން މިނިސްޓްރީއިންވަނީ އިތުރު މައުލޫމާތު ހޯއްދެއްވުމަށް މިނިސްޓްރީގެ 4004919 ނަންބަރު ފޯނަށް ގުޅުއްވުން އެދިފަ އެވެ. އަދި އީމެއިލް މެދުވެރިކޮށް މައުލޫމާތު ހޯއްދެވުމަށް އެދިވަޑައިގަންނަވާ ފަރާތްތަކަށް އެފުރުސަތު އޮތްކަމަށްވެސް ބުނެފައިވެ އެވެ.
ތިނަދޫގައި ސަރުކާރުން 200 ހައުސިން ޔުނިޓު އިމާރާތް ކުރަން ހަވާލުކުރީ ސްރީ ލަންކާގެ ސިއޭރާ ކޮންސްޓްރަކްޝަނާއި ސްޓާ ކޮންސްޓްރަކްޝަން އެންޑް އިންޖިނިއާސްގެ ޖޮއިންޓް ވެންޗާ (ޖޭވީ)އާ އެވެ.
މި މަޝްރޫއުއަކީ 253 މިލިއަން ރުފިޔާއަށް 540 ދުވަސްތެރޭ ނިންމާ ގޮތަށް ހަވާލުކުރި މަޝްރޫއުއެކެވެ.
މި މަޝްރޫއުގެ ދަށުން އަޅާ ހައުސިން ޔުނިޓެއްގެ ބޮޑުމިނަކީ 700 އަކަފޫޓެވެ. ކޮންމެ އެޕާޓްމަންޓެއްގައި ސިޓިންރޫމާއި ފާހާނާއާ އެކު ތިން ކޮޓަރި އާއި ބަދިގެ އާއި ކާގެ އާއި ލޯންޑްރީ އޭރިއާއެއްގެ އިތުރުން ތަކެތި ބަހައްޓަން ސްޓޯ ރޫމެއް ވެސް ހިމެނެ އެވެ.
މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ތިނަދޫ ސިޓީ ކައުންސިލް