ރޭ އައްޑޫސިޓީގެ ގުޅިފައިވާ ރަށްރަށުން ކަރަންޓު ކެނޑުނީ ކޭބަލަކަށް މީހަކު ގެއްލުންދޭން އުޅުމުން ކަމަށް ފެނަކައިން ބުނެފި އެވެ.
ރޭގެ ގާތްގަނޑަލަށް 2:40 އެހާ ކަންހާއިރު އައްޑޫގެ ބޮޑު ހިސާބަކުން ކަރަންޓު ކެނޑުނެވެ. ހުރިހާ ސަރަހައްދަކަށް ކަރަންޓު އަނބުރާ ދެވިފައިވަނީ ގާތްގަނޑަކަށް ދެ ގަޑައިރެއްހާއިރު ފަހުންނެވެ.
މިކަމާ ގުޅިގެން ފެނަކަ އިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، އައްޑޫއިން ކަރަންޓު ކެނޑުމަށް ދިމާވި މައްސަލަ ދެނެގަތުމަށް ބެލިބެލުމުން ކަރަންޓު ކެނޑުނީ އައްޑޫގެ 41 ނަންބަރު ސަބްސްޓޭޝަންގެ ކޭބަލަކަށް މީހަކު ގެއްލުންދޭން އުޅުމުގެ ތެރޭގައި ކަރަންޓު ޝޯޓެއްވެ ސެންޓްރަލް ޕަވާ ހައުސް ޑައުންވުމުން ކަން އެނގިފައިވާ ކަމަށެވެ.
މި މައްސަލައިގައި އިތުރަށް ބަލަންޖެހޭ ކަންކަން ކަމާބެހޭ އިދާރާތަކާ ގުޅިގެން ބަލަމުން ގެންދާނެ ކަމަށް ފެނަކައިން ބުނެފައިވެ އެވެ. އަދި މިފަދަ އަމަލުތަކަކީ އެ ކުންފުނީގެ މުދަލަށް ގެއްލުން ލިބި، އާންމު ރައްޔިތުންނަށް ތަކުލީފު ލިބުމުގެ އިތުރުން އެކަމެއް ކުރާ ބައެއްގެ ހަށިގަނޑާއި ފުރާނައަށް ނުރައްކާވެދާނެ ކަމެއްކަން ފެނަކައިިން ފާހަގަކޮށްފައިވެ އެވެ.
ފެނަކައިން ވަނީ އައްޑޫ ސިޓީގައި އެކުންފުނިން ދެމުންދާ ކަރަންޓުގެ ހިދުމަތަށް ދާއިމީ ހައްލެއް ހޯދުމުގެ މަސައްކަތް ހުއްޓައިނުލާނެ ކަމުގެ ޔަގީންކަން ދީފަ އެވެ. އަދި ކޭބަލަށް ގެއްލުން ދިނުން ފަދަ އަމަލުތައް ނުކުރުމަށް އިލްތިމާސް ކޮށްފައިވެ އެވެ.
އައްޑޫސިޓީ ހިތަދޫ ކައުންސިލްގެ މެންބަރު އިބްރާހިމް ޝިނާޒް ”ޖަވިޔަނި“ އަށް މައުލޫމާތުދެއްވަމުން ވިދާޅުވީ، ކަރަންޓު ކޭބަލަށް ގެއްލުންދޭން އުޅުނު މީހާ އެންމެ ފުރަތަމަ ގެންގޮސްފައިވަނީ ފޭދޫ ސިއްހީ މަރުކަޒަށް ކަމަށެވެ. އޭގެފަހުން އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލަށް ކަމަށާއި އަދި އޭނާއަށް ފަރުވާދެމުންދާ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް މައުލޫމާތުދީފައިވެ އެވެ.