ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި ފެނަކައިން ބީލަމުގެ އުސޫލުން ބޭރުން 127 މިލިއަން ރުފިޔާގެ އަޑީތެޔޮ ގަނެފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެ އެވެ.
މިކަން ހާމަވެފައިވަނީ އޮޑިޓް އޮފީހުން ހާމަ ކުރި ފެނަކައިގެ 2021 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރުގެ ނިޔަލަށް ތައްޔާރުކޮށްފައިވާ ހާއްސަ އޮޑިޓް ރިޕޯޓަކުންނެވެ.
އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާގޮތުގައި، ފެނަކައިން ހިންގާ ޖަނަރޭޓަރުތަކަށް ބޭނުންވާ އަޑީތެޔޮ ގަތުމަށް 2021 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރުގެ ނިޔަލަށް ޖުމުލަ 127،755،317 ރުފިޔާގެ ހޭދަކޮށްފައިވެ އެވެ.
މީގެތެރެއިން އެމްޓީސީސީ މެދުވެރިކޮށް 15.7 މިލިއަން ރުފިޔާގެ ތެޔޮ ގަނެފައިވާއިރު ސްޓެލްކޯ މެދުވެރިކޮށް 45،852 ރުފިޔާގެ ތެޔޮ ވަނީ ގަނެފަ އެވެ.
މީގެއިތުރުން ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ ކުރީގެ މެންބަރު ހުސައިން ޝަމީމް (އަދުން ހުސައިން)ގެ ހިއްސާ އޮންނަ ސިރިއަސް އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑް މެދުވެރިކޮށް 111،953،092 ރުފިޔާގެ އަޑީތެޔޮ ވަނީ ގަނެފަ އެވެ.
އޮޑިޓް ރިޕޯޓުގައި ބުނެފައިވަނީ، މި މުއްދަތުގައި ފެނަކައަށް ބޭނުންވާ އަޑީތެޔޮ ސަޕްލައިކޮށްދޭނެ ފަރާތްތައް ހޯދުމަށް އާންމުކޮށް އިއުލާނުކޮށްފައިވާ ނުވާ ކަމަށާއި އަޑީތެޔޮ ސަޕްލައިކޮށްދޭނެ ފަރާތެއް ކަނޑައެޅުމަށް އެކަށީގެންވާ ހުށަހެޅުންތައް ހޯދުމަށް ޓެންޑަރިން ޕްރޮސެސްއެއް ކުރިއަށްގެންގޮސްފައި ނުވާ ކަމަށެވެ.
މީގެއިތުރުން މި މުއްދަތުގައި ފެނަކައަށް އަޑިތެޔޮ ގަންނަމުން ގޮސްފައިވަނީ، އާންމު ބީލަމުގެ އުސޫލުން މުދަލާއި ހިދުމަތް ހޯދަންޖެހޭ ގޮތަށް ފެނަކައިގެ ޕްރޮކިއުމެންޓް ޕޮލިސީގެ ދަށުން ކަނޑައަޅާފައިވާ އަގުތަކަށްވުރެ ބޮޑުނުވާ އަދަދަށް ޕާރޗޭސް އޯޑަރތަކުގައި އަގު ޖަހައިގެން އެއްދުވަހެއްގައި އެއް ޕާރޗޭސް އޯޑަރތަކަށްވުރެ ގިނަ ޕާރޗޭސް އޯޑަރތައް އަޑީތެޔޮ ވިއްކި ކުންފުނިތަކަށް ފޮނުވައިގެން ކަމަށް ފާހަގަކުރެވިފައިވާ ކަމަށްވެސް އޮޑިޓް ރިޕޯޓުގައި ބުނެފައިވެ އެވެ.
އޮޑިޓް ރިޕޯޓުގައި ބުނެފައިވަނީ މި މުއްދަތުގައި ފެނަކައަށް ބޭނުންވާ އަޑިތެޔޮ ވިއްކާފައިވާ ކުންފުނިތަކާއި ފެނަކައާ ދެމެދު އެއްބަސްވުމެއް ހަދާފައިނުވާކަމަށެވެ. އަދި ފެނަކައަށް އަޑިތެޔޮ ވިއްކުމުގެ ފުރުސަތު ވާދަވެރި ބީލަމުގެ އުސޫޅުން ބޭރުން ވަކި ފަރާތްތަކަށް ދިނުމުން، ފެނަކައަށް ބޭނުންވާ މުދަލާއި ހިދުމަތް ހޯދުމުގެ ތެރެއިން ވަކި ފަރާތަކަށް ނާޖައިޒު މާލީ މަންފާ ހޯދައިދިނުމަށް މަގުފަހިވެގެންދާކަމާއި، ފެނަކައަށް ބޭނުންވާ އަޑީތެޔޮ ސަޕްލައިކުރުމަށް ޝައުގުވެރިވާ އެހެން ފަރާތްތަކަށް އަގު ހުށަހެޅުމުގެ ހަމަހަމަ ފުރުސަތު ނުލިބި ކުންފުންޏަށް އެންމެ ރަނގަޅު ހުށަހެޅުންތައް ހޯދުމަށް އޮތް ފުރުސަތު ގެއްލިގެންދާނެކަން އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.