ޕެޓީ ކޭޝް ފައިސާގެ ނަމުގައި މުވައްޒަފުންގެ އެކައުންޓަށް އަދި އަތަށް 26.4 މިލިއަން ރުފިޔާ ފެނަކައިން ދީފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެ އެވެ.
މިކަން ހާމަވެފައިވަނީ އޮޑިޓް އޮފީހުން ހާމަ ކުރި ފެނަކައިގެ 2021 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރުގެ ނިޔަލަށް ތައްޔާރުކޮށްފައިވާ ހާއްސަ އޮޑިޓް ރިޕޯޓަކުންނެވެ.
އޮޑިޓް ރިޕޯޓުގައި ބުނެފައިވަނީ ކުންފުނިން ކުރިއަށްގެންދިޔަ ބައެއް މަޝްރޫއުތަކުގެ ޕެޓީ ކޭޝް ފައިސާގެ ކަންކަން ބެލެހެއްޓުމުގެ ޒިންމާ ހަވާލުކޮށްފައިވަނީ މައިގަނޑު ގޮތެއްގައި އެ މަޝްރޫއުތަކުގެ މަސައްކަތް ކުރުމަށް ކޮންޓްރެކްޓް އުސޫލުން ވަގުތީ ގޮތުން ނަގާފައިވާ މުވައްޒަފުން ކަމަށެވެ.
އެގޮތުން އިންޖީނުގެއާއި އޮފީސް އިމާރާތްތައް އެޅުމާއި ފެނާއި ނަރުދަމާގެ މަޝްރޫއުތަކާއި ގުޅުންހުރި ހަރަދުތައް ކުރުމަށް 2021 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރުގެ ނިޔަލަށް ޖުމުލަ 26،493،169 ރުފިޔާ ޕެޓީ ކޭޝްގެ ގޮތުގައި ޕްރޮޖެކްޓް މެނޭޖަރުންގެ ގޮތުގައި މަސައްކަތް ކުރުމަށް ވަގުތީ ގޮތުން ނަގާފައިވާ މުވައްޒަފުންނަށް ދޫކޮށްފައިވާކަން ފާހަގަކޮށްފައިވެ އެވެ. އޭގެތެރޭގައި ހިމެނެނީ:
- މުވައްޒަފުންގެ އަމިއްލަ ބޭންކް އެކައުންޓަށް ޖަމާކޮށްފައިވާ 21،368،039 ރުފިޔާ
- ނަގުދު ފައިސާގެ ގޮތުގައި މުވައްޒަފުންނާ ހަވާލުކުރި 5،125،130 ރުފިޔާ
އޮޑިޓް ރިޕޯޓުގައި ބުނެފައިވަނީ ފެނަކައިން ކުރިއަށްގެންދިޔަ ގިނަ މަޝްރޫއުތައް ކުރިއަށް ގެންގޮސްފައިވަނީ ރަށްރަށުގައި ގާއިމުކޮށްފައިވާ ފެނަކައިގެ ބްރާންޗްތަކުގެ އޮފީސްތަކުގެ މުވައްޒަފުންގެ ދައުރެއް އެ މަޝްރޫއުތައް ހިންގުމުގައި ނޯންނަ ގޮތަށް ހަމަޖައްސައިގެން، ޕްރޮޖެކްޓްތައް ހިންގުމަށް ކޮންމެ ރަށެއްގައި ވަކި ޕްރޮޖެކްޓް އޮފީހެއް ހަދައިގެން ކަމަށެވެ.
”މި އޮފީސްތަކުގައި ރައްކާތެރިކަމާއެކު ފައިސާއާއި ލިޔެކިޔުން ބެލެހެއްޓޭނެ އިންތިޒާމު ހަމަޖެހިފައިނުވާކަމާއި، ދުވަހުން ދުވަހަށް ހިނގާ ކަންކަން ބެލެހެއްޓުމުގެ ޒިންމާ ހަވާލުކޮށްފައިވަނީ އެ މަޝްރޫއުތައް ހިންގުމަށް ކޮންޓްރެކްޓް އުސޫލުން ވަގުތީ ގޮތުން ނެގި މުވައްޒަފުންނަށްކަން ފާހަގަކުރެވެއެވެ.“ އޮޑިޓް ރިޕޯޓުގައި ބުނެފައިވެ އެވެ.
އެހެންކަމުން އެ މުވައްޒަފުންނަށް ހަވާލުކޮށްފައިވާ ޕެޓީ ކޭޝް ފައިސާ ގެންގުޅެފައިވަނީ އެ މުވައްޒަފުންގެ ބެލުމުގެ ދަށުން އޮފީހުން ބޭރުގައި ނުވަތަ އެ މުވައްޒަފުންގެ ބޭންކް އެކައުންޓްތަކުގައި ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފައިވެ އެވެ.
އޮޑިޓް ރިޕޯޓު ފެނަކަ ފެނަކަ ހިޔާނާތް ފެނަކަ ކުރީގެ މެނޭޖިން ޑިރެކްޓާ އަހުމަދު ސައީދު
