ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ދިމާވެދާނެ އެމަޖެންސީ ހާލަތަކަށް ތައްޔާރުވުމުގެ ގޮތުން ބޭއްވުމަށް ހަމަޖެހިފައިވާ އެއާޕޯޓް ފުލް-ސްކޭލް އެމަޖެންސީ އެކްސަސައިޒް (އެފެކްސް) އަށް ތައްޔާރުވުމަށްޓަކައި މެޑިކަލް މެނޭޖްމަންޓް ތަމްރީނެއް ކުރިއަށް ގެންގޮސްފި އެވެ.
އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އިން އިސްނަގައިގެން އެމްއޭސީއެލްއާ ގުޅިގެން ކުރިއަށް ގެންދިޔަ މި ތަމްރީން ޕްރޮގްރާމުގައި އައިޖީއެމްއެޗް، ހުޅުމާލެ ހޮސްޕިޓަލް، ޓްރީ ޓޮޕް ހޮސްޕިޓަލް، އޭޑީކޭ، މޯލްޑިވްސް މެޑިކަލް ސާވިސަސް (މެމްސް) އަދި އެއާޕޯޓް އެމަޖެންސީ ސާވިސަސް އިން ޖުމްލަ 73 ބޭފުޅުން ބައިވެރިވި އެވެ.
މިމަހުގެ 8 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެފެކްސްގެ މައިގަނޑު މަޤްޞަދަކީ އެއާޕޯޓުގައި ދިމާވެދާނެ އެމަޖެންސީ ހާލަތެއްގައި ވީއައިއޭގެ އެމަޖެންސީ ޕްލޭން އަދި އެކި މުއައްސަސާތަކުގެ އެސްއޯޕީތަކާއި، އެ ހަރަކާތުގައި ބައިވެރިވާ އެއާލައިންތަކުގެ ކުއްލި ހާލަތުގެ ޕްލޭންތައް ޓެސްޓުކުރުމެވެ.
އެފެކްސްއަކީ މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ (އެމްސީއޭއޭ) އާއި އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަން (އައިކާއޯ) އިން ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތަށް ވީއައިއޭގައި ދިމާވެދާނެ ކުއްލި ހާލަތަކަށް ތައްޔާރުވުމަށް އަޅަންޖެހޭ ފިޔަވަޅުތައް ތަންފީޒު ކުރާކަން ކަށަވަރު ކުރުމަށް ލާޒިމުކުރާ މުހިންމު ހަރަކާތެކެވެ.
ވީއައިއޭގައި އެންމެ ފަހުން އެފެކްސް ބޭއްވިފައިވަނީ 2022 ވަނަ އަހަރުއެވެ. އަދި މި އަހަރުގެ އެފެކްސްގައި 33 އިދާރާއަކާއި ވޮލަންޓިއަރުންގެ ގޮތުގައި 391 ފަރާތަކުން ބައިވެރިވާނެ ކަމަށް ވަނީ އެމްއޭސީއެލްއިން ވަނީ ހާމަކޮށްފައެވެ.
ހުޅުމާލެ ހޮސްޕިޓަލް އައިޖީއެމްއެޗް އެމްއޭސީއެލް އޭޑީކޭ ހޮސްޕިޓަލް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ޓްރީޓޮޕް ހިސްޕިޓަލް