ސަން ސިޔާމްގެ އަހަރީ އާމްދަނީ 90 މިލިއަން؛ އެކައުންޓްތަކުގެ 246 މިލިއަން ރުފިޔާ

Advertisement

އެންމެ ފަސް

Advertisement

ދ. މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމަށް އަހަރެއްގެ މައްޗަށް 90 މިލިއަނަށް ވުރެ ގިނަ ރުފިޔާ އާމްދަނީގެ ގޮތުގައި ލިބޭ ކަމަށާއި އެކައުންޓްތަކުގައި 246 މިލިއަން ރުފިޔާ (ޑޮލަރުގެ އަދަދު ހިމަނައިގެން) ހުރިކަމަށް ސިޔާމުގެ މާލީ ބަޔާނުން ހާމަވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުން އާންމު ކުރި މި މާލީ ބަޔާނުގައިވާ ގޮތުން މެންބަރު ސިޔާމަށް މަޖިލީހުގެ މުސާރައާއި ސަންސިޔާމް ގްރޫޕް އޮފް ކޮމްޕެނީސްގެ އާމްދަނީއާ އެކު އަހަރަކު 513،050.91 ރުފިޔާއާއި 5،685،194.55 ޑޮލަރު (87،665،700 ރުފިޔާ) ލިބެ އެވެ. އަދި އޭނާގެ ކުންފުނިތަކުން ހިއްސާގެ ފައިދާއާއި ބީއެމްއެލްއިން ސިޔާމް ގަނެފައިވާ ހިއްސާތަކުގެ ފައިދާގެ ގޮތުގައި އަހަރަކު 1،725،840 ރުފިޔާ އާއި 46،000 ޑޮލަރު (709،320 ރުފިޔާ) އާމްދަނީގެ ގޮތުގައި ލިބެ އެވެ. މި ހުރިހާ އާމްދަނީއެއް އެއްކޮށްލުމުން ސިޔާމަށް އަހަރަކު 90 މިލިއަނަށް ވުރެ ގިނަ ރުފިޔާ އާމްދަނީގެ ގޮތުގައި ލިބެ އެވެ.

މެންބަރު ސިޔާމުގެ 5 އެކައުންޓެއް ރާއްޖޭގައި ހުޅުވާފައިވާއިރު އެކައުންޓްތަކުގައި 15،736،050.2 ޑޮލަރާއި (242،649،894 ރުފިޔާ) 1،495،563.87 ރުފިޔާ އެބަ ހުއްޓެވެ. އޭގެ ތެރެއިން ބީއޯސީގައި ހުޅުވާފައިވާ އެކައުންޓުގައި ހުރި 12 މިލިއަން ޑޮލަރަކީ އެ ބޭންކުން މިދިޔަ އަހަރު ސިޔާމް ނެގި 16 މިލިއަން ޑޮލަރު (10 މިލިއަން ޑޮލަރުގެ ލޯނަކާއި 6 މިލިއަން ޑޮލަރުގެ ލޯނެއް) ގެ ބައެއްކަމަށް ބެލެވެ އެވެ. އެ ލޯނުން ސިޔާމް އަދި 13 މިލިއަން ޑޮލަރު ދައްކަން ޖެހެ އެވެ. އެ ދެ ލޯނު މިއަހަރުގެ ނިޔަލަށް ދައްކާ ހަލާސް ކުރަން ޖެހެ އެވެ. އަދި އެމްއައިބީގައި ހުރި 2.6 މިލިއަން ޑޮލަރަކީ އެ ބޭންކުން މިދިޔަ އަހަރު ނެގި 2.6 މިލިއަން ޑޮލަރުކަމަށް ބެލެވެ އެވެ. އެ ލޯނު ދައްކާ ނިންމަން ޖެހެނީ 2029 ގެ ކުރިންނެވެ.

ސިޔާމުގެ ނަމުގައި ރާއްޖޭގައި ބޭރުގައި ހުރި 2 އެކައުންޓެއްގައި 148،923.56 ޑޮލަރު އެބަ ހުއްޓެވެ. މީގެ އިތުރުން ސިޔާމު 2007 ވަނަ އަހަރު މެލޭޝިއާގެ އެޗްއެސްބީސީން ނެގި 4 މިލިއަން ރިންގިޓުގެ ލޯނުން އަދި މިހާތަނަށް ނުދައްކާ 479،756.64 ޑޮލަރު އެބަ އޮތެވެ.

މެންބަރު ސިޔާމުގެ ނަމުގައި ހުރި ބިމާއި އިމާރާތްތަކަށް ބަލާއިރު ރާއްޖޭގައި ސިޔާމުގެ އަމިއްލަ 2 ބިމެއްގައި 2 އިމާރާތް އެބަ ހުއްޓެވެ. އެއީ ހ. ސަންސެޓާއި ހ. ސަން އެވެ. އެ ދެ އިމާރާތުގެ އަގު އެއްކޮށްލުމުން 91 މިލިއަނަށް އަރާކަމަށް މާލީ ބަޔާނުގައި ބުނެފައިވެ އެވެ. މީގެ އިތުރުން 2007 ވަނަ އަހަރު މެލޭޝިއާގެ އެޗްއެސްބީސީން ނެގި 4 މިލިއަން ރިންގިޓުގެ ލޯނުން ހަމަ އެ އަހަރު މެލޭޝިޔާއިން ގަތް ބިމެއްވެސް އެބަ އޮތެވެ.

ރައްޔިތުންގެ މަޖިލިސް މެމްބަރު އަހުމަދު ސިޔާމް މުހައްމަދު

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ