ދައުލަތުގެ ބަޖެޓުން ކޮންމެ އަހަރަކު ސިޔާސީ ޕާޓީތަކަށް ފައިސާ ދޫކުރުމަށް އޮންނަ އުސޫލުގެ ދަށުން މިއަހަރު ފަސް ސިޔާސީ ޕާޓީއަކަށް ޖުމުލަ 27 މިލިއަން ރުފިޔާ ދޫކުރުމަށް ބޭންކުތަކަށް މިއަދު ފޮނުވާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
އިލެކްޝަންސް ކޮމިޝަނުން މައުލޫމާތު ދެއްވި ގޮތުގައި މި ފައިސާ ދޫކޮށްފައިވަނީ އެ ކޮމިޝަނުގައި ރަޖިސްޓަރީ ކޮށްފައިވާ ސިޔާސީ ޕާޓީތަކުގެ ތެރެއިން މިއަހަރުގެ ބަޖެޓް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ދުވަހާ ހަމައަށް 10,000 މެންބަރުން ހަމަވި ޕާޓީތަކަށެވެ. މިގޮތުން ފައިސާ ލިބޭ ޕާޓީތަކަކީ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)، ޖުމްހޫރީ ޕާޓީ (ޖޭޕީ)، އަދާލަތު ޕާޓީ އަދި މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ) އެވެ.
ޕާޓީތަކަށް ދޫކުރެވުނު ފައިސާގެ ތަފްސީލު
އެންމެ ގިނަ ފައިސާ ދޫކޮށްފައިވަނީ ޕީއެންސީއަށް ކަމަށްވާއިރު، އެ ޕާޓީއަށް 13.3 މިލިއަން ރުފިޔާ ދޫކޮށްފައިވެއެވެ. ދެވަނައަށް އެންމެ ގިނަ ފައިސާ ދޫކޮށްފައިވަނީ 8.4 މިލިއަން ރުފިޔާއާއެކު އެމްޑީޕީއަށެވެ. ޖުމްހޫރީ ޕާޓީއަށް 2.6 މިލިއަން ރުފިޔާ، އެމްޑީއޭއަށް 1.7 މިލިއަން ރުފިޔާ އަދި އަދާލަތު ޕާޓީއަށް 1.7 މިލިއަން ރުފިޔާ ދޫކޮށްފައިވެއެވެ.
ސިޔާސީ ޕާޓީގެ ޤާނޫނުގައި ބަޔާންކުރާ ގޮތުން، ޕާޓީތަކަށް ދޫކުރެވޭ ފައިސާގެ މިންވަރަކީ ދައުލަތުގެ އަހަރީ ބަޖެޓުގައި އެ އަހަރަކަށް ލަފާކުރާ އާމްދަނީގެ 0.1 ޕަސެންޓެވެ. މިއަހަރު ކޮންމެ މެންބަރަކަށް 193.23 ރުފިޔާގެ މަގުން ވަނީ ފައިސާ ދޫކޮށްފައެވެ.
އިލެކްޝަންސް ކޮމިޝަނުގައި މިވަގުތު ރަޖިސްޓްރީކޮށްފައިވާ 9 ސިޔާސީ ޕާޓީގެ ތެރެއިން ޤާނޫނުގައި ބަޔާންކުރާ އަދަދަށް މެންބަރުން ހަމަވަނީ މި 5 ޕާޓީގައި ކަމަށް ކޮމިޝަނުން ވަނީ ފާހަގަކޮށްފައެވެ.
ކޮންގްރެސް ޕާޓީ އަދާލަތު ޕަޓީ އިލެކްޝަންސް ކޮމިޝަން (އީސީ) އެމްޑީއޭ އެމްޑީޕީ ޖުމްހޫރީ ޕާޓީ