މީޑިއާ ރެގިއުލޭޓް ކުރުމުގެ ނަމުގައި މަޖިލީހަށް ހުށަހަޅާފައިވާ މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލް ޑްރާފްޓް ކުރުމުގައި ލަފައެއް އަހާފައި ނުވާތީ އަދި ރަނގަޅު ދިރާސާއެއް ހަދާފައި ނުވާތީ ބްރޯޑްކާސްޓިން ކޮމިޝަންގެ މެންބަރުން ކަންބޮޑުވުންފާޅުކޮށްފި އެވެ.
މި ބިލަކީ ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލް ހަންނާނު ހުށަހެޅުއްވި ބިލެކެވެ. މި ބިލް ދިރާސާކުރުމުގެ މަސައްކަތް މިނިވަން މުއައްސަސާތަކުގެ ކޮމިޓިން ފަށާފައިވާއިރު މިއަދު އެ ކޮމިޓީން ވަނީ ބޮރޮޑްކާސްޓިން ކޮމިޝަންގެ މެންބަރުންނާ ބައްދަލުކުރައްވާފަ އެވެ.
އެގޮތުން މިއަދުގެ ކޮމިޓީ ބައްދަލުވުމުގައި ބްރޯޑްކޮމްްގެ ރައީސް ސަފާ ޝަރީފް ވިދާޅުވީ، މީޑިއާއާ ގުޅޭ ކަންކަމުގައި ގޮތެއްނިންމާއިރު ބްރޯޑްކޮމްްއަށް އެނގެންވާނެ ކަމަށާއި އަދި މިފަދަ ބިލްތައް ހުށަހަޅަންވާނީ ކަމާގުޅޭ ހުރިހާ ފަރާތްތަކާ މަޝްވަރާކޮށް ރަނގަޅު ދިރާސާއެއް ކުރުމަށްފަހު ކަމަށެވެ.
މި ބިލުގައި މީޑިއާތައް އަދި ނޫސްވެރިން ޖުރިމަނާ ކުރެވޭ އަދަދުތަކެއް ފާހަގަކޮށްފައިހުރިކަން ފާހަގަކޮށް ބްރޯޑްކޮމްގެ ރައީސް ސަފާ ވިދާޅުވީ، އެފަދަ އަދަދުތައް ކަނޑައަޅާއިރު މީޑިއާތަކަށް ލިބޭ އާމްދަނީއާއި ނޫސްވެރިންނަށް ލިބޭ އާމްދަނީއަށް އަދި ނޫސްވެރިންގެ ސެލްފް ޑިސިޕްލިން، ތައުލީމީ ފެންވަރު ހުރިވަރަށް ބެލުން މުހިންމު ކަމަށެވެ. އަދި މިފަދަ ބިލެއް އެކުލަވާލާއިރު ބައިނަލްއަގްވާމީ ބެސްޓް ޕްރެކްޓިސްއަކީ ކޮބައިތޯ ބަލަންވާނެ ކަމަށާއި ދެތިން ގައުމެއްގައި އަމަލުކުރާގޮތް ހަމަނަންވާނީ ރާއްޖޭގެ ހާލަތަށްވެސް ރިއާޔަތްކުރުމަށްފަހުކަން ސަފާ ފާހަގަކުރެއްވި އެވެ. މި ބިލުގައި ބްރޮޑްކާސްޓިން މީޑިއާތައް، އޮންލައިން މީޑިއާތައް އަދި ޕްރޮންޓް މީޑިއާތަކާއި އެހެންވެސް މީޑިއާތައް އެއްކޮށްލައި އެއް ކޮމިޝަނަކުން ކަންކަން ބަލާގޮތަށް އެކުލަވާލާއިރު، އެފަދަ ނިންމުންތައްވެސް ބިލުގައި ހިމަނަންވާނީ ރަނގަޅު ދިރާސާއަކަށްފަހުކަން ފާހަގަކުރެއްވި އެވެ.

މީގެއިތުރުން ސަފާ ވިދާޅުވީ ރާއްޖެއިން ސޮއިކޮށްފައިވާ މުއާހަދާތަކާއި ޑެކްލަރޭޝަންތަކުގައި ހުރި ވާހަކަތަކާއި، މިބިލުގައި ހުރި ކަންކަމާ އެއްގޮތްވޭތޯ، މިއީވެސް ބަލަންޖެހޭ ކަމެއް ކަމަށެވެ. ބޭރުގެ ބައެއް ޖަމިއްޔާތަކާއެކު ބްރޯޑްކޮމްްއިން ވަރަށް ގާތުން މަސައްކަތްކުރާކަން ފާހަގަކޮށް ސަފާ ވިދާޅުވީ، ބައެއް ޖަމިއްޔާތަކާއެކު އެމްއޯޔޫތަކުގައިވެސް މިހާރު ސޮއިކޮށްފައިވާ ކަމަށެވެ.
”އެހެންމަ ކުއްލިއަކަށް މިގޮތަށް ނުބަލާއައިސްފިނަމަ، އަޅުގަނޑަކަށް ނޭންގެ ބަލާފަކަމެއް އޮތީކީ، ނުބަލާ އައިސްފިކަމަށްވާނަމަ އިންޓަނޭޝަނަލް ބެކްލޭޝެއް އައިސްދާނެކަމަށް ގަބޫލުކުރެވެނީ. އަދި މިހާރު ފަށާފައިވާ މަސައްކަތްތަކަށްވެސް ހުއްޓުމެއް އައިސްދާނެކަމަށް ދެކެން.“
ބްރޯޑްކޮމްގެ ރައީސް ސަފާ ޝަރީފް ވިދާޅުވީ މި ބިލް ކޮންމެ ގޮތަކަށް ނިންމިނަމަވެސް، މި ބިލު މިހާރު އޮތްގޮތުން ޤާނޫނަކަށް ވެއްޖެނަމަ ތަންފީޒު ކުރުމަކީ ފަސޭހަ ކަމަކަށް ނުވާނެ ކަމަށެވެ. މިހާރުވެސް ޤާނޫނުގައި ހުރި ކަންކަމާއެގޮތަށް ބްރޮޑޮކޮމްއަށް ކަންކަން ތަންފީޒު ނުކުރެވެނީ ވަސީލަތުގެ ދަތިކަމާއި ބަޖެޓްގެ ދަތިކަމާހެދިކަން ސަފާ ފާހަގަކުރެއްވި އެވެ.
މި ކޮމިޓީގައި ވާހަކަ ދައްކަވަމުން ބްރޯޑްކޮމްްގެ ނައިބުރައީސް ޝިފްލާ އިބްރާހިމް ވިދާޅުވީ، މި ބިލުގައި ކަންބޮޑުވާ ގިނަ ކަންތައްތަކެއް އެބަހުރި ކަމަށާއި، މީޑިއާވެސް ބޭނުންވަނީ ކޮމިޝަންގެ ރައީސް ފާހަގަކުރެއްވި ކަންކަމަށް ބަލައިގެން އަންނަ ބިލެއް ކަމަށެވެ. ކޮމިޝަންގެ މެންބަރު މުހައްމަދު އަބްދުﷲ (މުހައްމާ) ވިދާޅުވީ މި ބިލަކީ ހަމައެކަނި މީޑިއާއާ ގުޅޭ ބިލެއް ނޫން ކަމަށާއި މިއީ އާންމުންނާވެސް ގުޅޭ ބިލެއް ކަމަށެވެ. އަދި ދެ ދުވަހަކުން ކޮމެންޓް ކުރެވޭ ވަރަށްވުރެ ބިލު ބޮޑު ކަމަށާއި އެހެންކަމުން ދީފައިވާ މުއްދަތުގައި ލިޔުމުން ބްރޯޑްކޮމްްއިން ޖަވާބު އަރުވާނެ ކަމަށެވެ. ބްރޯޑްކޮމްްގެ މެންބަރު ސަރާހަތު އިއްޒަތު ވިދާޅުވީ ނޫސްވެރިން ޖުރިމަނާ ކުރަންވާނީ ރަނގަޅު ދިރާސާއެއް ކުރުމަށްފަހު، ނޫސްވެރިންގެ ޒިންމާއަށް ހުރަސްނޭޅޭގޮތަށް އަދި މީޑިއާގެ އަދި ނޫސްވެރިންގެ އާމްދަނީއާއި ކަންކަމަށް ބެލުމަށްފަހު ކަމަށެވެ.
ކޮމިޓީގެ މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ބްރޯޑްކޮމްގެ މެންބަރު މޫސް ރިޟްވާން ވިދާޅުވީ، ހަރުކަށި ޤާނޫނެއް ވުޖޫދުވެ، ތަންފީޒު ކުރެވޭނެ ރަނގަޅު ގޮތެއް ނެތްނަމަ، އޭގެ ނަތީޖާއަކަށްވާނީ މީޑިއާތައް ދިރުންތީ ނުވަތަ ނެތިދިއުންތޯ މިއީ ވިސްނާލަންޖެހޭ ކަމެއް ކަމަށެވެ.
މީޑިއާ ރެގިއުލޭޓް ކުރުމުގެ ނަމުގައި ހުށަހަޅާފައިވާ ބިލުގައި ހުރި ވާހަކަތަކާ ގުޅިގެން ނޫސްވެރިން އަދިބޭރުގެ ޖަމިއްޔާތަކުންވެސް އަންނަނީ ކަންބޮޑުވުންފާޅުކުރަމުންނެވެ.
ރައްޔިތުންގެ މަޖިލިސް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީ މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)