ނޫސްވެރިން ދުރަށް ޖައްސަން އިސްކުރީ މަޝްވަރާ، ބޭނުންކުރީ އެންމެ ކުޑަ މިންވަރުގެ ބާރު: ފުލުހުން

Advertisement

އެންމެ ފަސް

Advertisement

ރައްޔިތުންގެ މަޖިލީހުގެ ބޭރުގައި ހިނގި މުޒާހަރާ ކޮންޓްރޯލް ކުރުމުގައި ބޭނުން ކޮށްފައި ވަނީ އެންމެ ކުޑަ މިންވަރުގެ ބާރުކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފި އެވެ.

ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މުޒާހަރާ ކޮންޓްރޯލް ކުރުމުގައި ކަރުނަ ގޭހާއި ޕެޕަރ ސްޕްރޭ އަދި ބެޓަންފަދަ އެއްވެސް އެއްޗެއް ބޭނުން ކޮށްފައި ނުވާ ކަމަށެވެ.

އަދި މުޒާހަރާ ކޮންޓްރޯލް ކުރުމުގައި އިސްކަން ދީފައިވަނީ މަޝްވަރާކޮށް، ވާހަކަ ދައްކައި ވިސްނައިދީގެން ހާލަތު ގޯސްވިޔަ ނުދިނުމަށް ކަމަށް ފުލުހުން ވަނީ ފާހަގަކޮށްފަ އެވެ.

”މުޒާހަރާ ރޫޅައިލުމުގައިވެސް، މިފަދަ އޮޕަރޭޝަންތަކުގައި އަމަލުކުރުމަށް ކަނޑައަޅާފައިވާ މިންގަނޑުތަކާއި އުސޫލުތަކާ އެއްގޮތަށް އަމަލުކޮށް، މުޒާހަރާގެ ބައިވެރިން ވާނީ އެ ސަރަހައްދުން ދުރަށް ޖައްސާފައި،“ ފުލުހުންގެ ބަޔާނުގައި ބުނެފައިވެ އެވެ.

މީޑިއާގައި ދައުރުވަމުންދާ ބައެއް ފޮޓޯތަކާ ގުޅޭގޮތުން ފުލުހުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެގޮތުން އެ ފޮޓޯތަކަކީ، ގާނޫނާ ހިލާފު އެއްވުމެއްގައި ބައިވެރިވި މީހެއް ފުލުހުންގެ ސަފު ތެރެއަށް ވަދެގަނެ، ވަކި އެންގަލްއަކުން ނަގާފައިވާ ފޮޓޯތަކެއް ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އަދި އެ ފޮޓޯތަކަކީ ހަގީގަތް އޮޅޭގޮތަށް ނެގިފައިވާ ފޮޓޯތަކެއް ކަމަށްވެސް ފުލުހުން ވަނީ ބުނެފަ އެވެ.

ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑަރޑްސް ކޮމާންޑުން މިހާރު ދަނީ މި މުޒާހަރާ ކޮންޓްރޯލްކުރުމުގައި ފުލުހުން އަމަލުކޮށްފައިވާ ގޮތުގެ ރިވިއުއެއް ކުރިއަށް ގެންދަމުންނެވެ. އަދި މި ރިވިއުގެ ނަތީޖާއިން އެއްވެސް ނޭދެވޭ އަމަލެއް ހިންގާފައިވާކަން ފާހަގަކުރެވިއްޖެނަމަ، އެކަމާ ގުޅޭގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށްވެސް ފުލުހުން ވަނީ ބުނެފަ އެވެ.

މުޒާހަރާއަކީ ޤާނޫނާ ޚިލާފު އެއްވުމެއް ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ ބުނެފަ އެވެ. ފުލުހުން ބުނީ އެއްވެ އުޅުމުގެ މިނިވަންކަމުގެ ޤާނޫނުގެ ދަށުން، ދާޚިލީ ސަލާމަތާއި ފަންނިއްޔަތާބެހޭ ވުޒާރާއިން ކަނޑައަޅާފައިވާ ތަންތަން ފިޔަވައި އެހެން އެއްވެސް ތަނެއްގައި، ފުލުހުންގެ ހުއްދައެއް ލިޔުމުން ލިބިގެން މެނުވީ، އެއްވެސް ބާވަތެއްގެ އެއްވުމެއް ނުވަތަ ހިނގާލުމެއް ނުބޭއްވޭނެ ކަމަށެވެ.

މަޖިލިސް ސަރަހައްދުގައި މުޒާހަރާ ބޭއްވުމަށް އެއްވެސް ފަރާތަކުން ހުއްދައަށް އެދިފައި ނުވާކަމަށާއި، އަދި މަޖިލީހުގެ ގެ ހިމެނޭ ސަރަހައްދަކީ އެއްވުންތައް ބޭއްވުމަށް ކަނޑައަޅާފައިވާ ތަންތަނުގެ ތެރޭގައި ނުހިމެނޭ ސަރަހައްދެއްކަމަށް ފުލުހުން ވަނީ ފާހަގަކޮށްފަ އެވެ. އަދި އެ ސަރަހައްދަކީ ސްކޫލްތައްވެސް ހިމެނޭ ސަރަހައްދަކަށްވުމާއެކު، އެ އެއްވުމަކީ ޤާނޫނާ ޚިލާފު އެއްވުމެއްކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

މުޒާހަރާއާ ގުޅިގެން ފުލުހުން ކުރިއަށް ގެންދިޔަ ސަލާމަތީ އޮޕަރޭޝަނަށް، އެއްވުމުގެ ބައެއް ބައިވެރިން ހުރަސް އަޅައި ސަލާމަތީގޮތުން ބަންދުކޮށްފައިވާ ސަރަހައްދަށް ވަދެފައިވާކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އަދި އަމަން އަމާންކަން ދެމެހެއްޓުމަށާއި ރައްޔިތުންނާއި މަޖިލިސް މެންބަރުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ފުލުހުން ކުރަމުން ގެންދިޔަ މަސައްކަތަށް އެއްބާރުލުން ދިނުމަށް މުޒާހަރާގެ ބައިވެރިންގެ ފަރާތުން ތަކުރާރުކޮށް އެދިފައިވާކަމަށްވެސް ފުލުހުން ވަނީ ބުނެފަ އެވެ.

ރައްޔިތުންގެ މަޖިލިސް މީޑިއާ ބިލް ދިވެހި ފުލުހުންގެ ޚިދުމަތް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ