ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ އެންމެ އިސް ފަންނުވެރިޔާ މުހައްމަދު އުމަރު ’އެމްޔޫ‘ މަނިކު އަވަހާރަވެއްޖެ އެވެ.
އެމްޔޫ މަނިކު އަވަހަރަވެ ވަޑައިގެންފައި ވަނީ، އުމުރުފުޅުން 78 އަހަރުގަ އެވެ. އެމްޔޫ މަނިކު އަވަހައަރަވީ ސިއްހީ ހާލަތު ދަށްވެ، މައުންޓް އެލިޒަބަތު ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާާދޭން ދަނިކޮށް މިއަދު ހެނދުނު 6:30 އެވެ.
މައުލޫމާތު ލުބިފައިވާ ގޮތުގައި ޖަނާޒާ ބާއްވަން ނިންމާފައި ވަނީ މިއަދުގެ އަސްރު ނަމާދަށް ފަހު ސިންގަޕޫރުގެ ޕްރަސާރާ އަމަން މިސްކިތުގަ އެވެ.
ރާއްޖޭގެ ފަތުރުވެރިކަމުގެ ތާރީހުގައި އެންމެ ފާހަގަކޮށްލެވޭ އެއް ޝަހުސިއްޔަތު ކަމަށްވާ އެމްޔޫ މަނިކަކީ ރާއްޖޭގައި ފުރަތަމަ ރިސޯޓު ހުޅުވި ފަރާތެވެ. ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ އެންމެ އިސް ޖަމިއްޔާ ކަމަށްވާ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މާޓީ)ގެ ޗެއަރމަންކަން 30 އަހަރަށްވުރެ ގިނަ ދުވަހު ކުރައްވާފައިވާ އެމްޔޫ މަނިކަކީ މިހާރުވެސް އެ މަގާމުގައި ހުންނެވި ބޭފުޅެކެވެ. މީގެ އިތުރުން އޭނާއަކީ ރާއްޖޭގެ އެންމެ ބޮޑު އެއް ވިޔަފާރި ކުންފުނި ކަމަށްވާ ޔުނިވާސަލް އެންޓަޕްރައިސަސް ހިންގަވާ ބޭފުޅާއެވެ.
އެމްޔޫ މަނިކުގެ ހިދުމަތްތަކަށް ބަލާއިރު، މަރުކަޒީ ބޭންކު، އެމްއެމްއޭގެ ޑިރެކްޓަރުންގެ ބޯޑުގައި މަސައްކަތްކުރެއްވުމުގެ އިތުރުން، އައިލެންޑް އޭވިއޭޝަންގެ ޗެއާމަންކަމާއި، 2013 އިން 2024 ގެ ޖެނުއަރީއާ ހަމައަށް އެމްއޭސީއެލްގެ ޗެއާމަންކަން ކުރައްވާފައިވެ އެވެ. އަދި ފަތުރުވެރިކަމުގެ ދާއިރާއިން ކުރައްވާފައިވާ އަގުހުރި ހިދުމަތްތަކަށްޓަކައި 1982 ވަނަ އަހަރު އާންމު ހިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމާއި 2002 ވަނަ އަހަރު ޝަރަފުވެރިކަމުގެ އިނާމު ހާސިލްކުރައްވާފައިވެއެވެ.
އެމްޔޫ މަނިކުގެ ކުންފުނިތަކަކީ މިއަދު ރާއްޖޭގެ އެންމެ ގިނަ ވަޒީފާ ދޭ ފަރާތްތަކުގެ ތެރެއިން ފަރާތެއް ކަމަށްވެފައި، އެ ކުންފުނިތަކުން ޒުވާނުންގެ ތަމްރީނާއި ތަރައްޤީއަށާއި، ޔަތީމްހާނާތަކަށް އެހީވުމާއި، ތިމާވެށި ރައްކާތެރިކުރުމަށް އަމާޒުކޮށްގެން ގިނަ މަޝްރޫއުތަކެއް ހިންގަމުން ގެންދެ އެވެ. އަދި މެޑިކަލް ސްކޮލަރޝިޕް މެދުވެރިކޮށް 30 އަށްވުރެ ގިނަ ހާއްސަ ޑޮކްޓަރުން ވަނީ ތަމްރީނުކޮށްފައެވެ.