ރާއްޖޭގެ ފަތުރުވެރިކަމުގެ އެއްބާނީ ނިޝާން މުލީގޭ ޝަރަފުގެ އިއްޒަތުގެ ވެރިޔާ މުހައްމަދު އުމަރު މަނިކުގެ އެންމެ ފަހުގެ އުންމީދަކީ މިސްކިތެއް ބިނާކުރެއްވުން ކަމަށާއި އެކަމަށް ބިން ހަމަޖައްސާފައިވާ ކަަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
އެމްޔޫ މަނިކު އަވާހާރަވީ ސިންގްޕޫރުގެ މައުންޓް އެލިޒަބަތު ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާާދެމުންދަނިކޮށެވެ.
މިނިސްޓަރު ޝަހީމް މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ، އެމްޔޫ މަނިކަކީ ދީނީ، އިޖްތިމާއީ، ތައުލީމީ ކަންތައްތަކާއި މީހުން ބިނާކުރެއްވުމަށް ވަރަށް ބޮޑު އަހައްމިއަޔަތުކަމެއް ދެއްވި ބޭފުޅެއް ކަމަށެވެ. އަދި މިސްކިތްތައް ބިނާކުރެއްވުމާއި މަރާމާތު ކުރެއްވުމަށް އެހީތެރިކަން ދެއްވި ބޭފުޅެއްކަންވެސް ފާހަގަކުރެއްވި އެވެ.
އެމަނިކުފާނު އަވަހާރިވި އާލާސްކަންފުޅާ ގުޅިގެން ސިންގަޕޫރަށް ފުރުއްވުމުގެ ކުރިން ވެސް ހުޅުމާލެ ސަރަހައްދުގައި ބޮޑު މިސްކިތެއް ބިނާކުރެއްވުމަށް ސިޓީއެއް މިނިސްޓްރީ އަށް ފޮނުއްވާފައިވާކަން މިނިސްޓަރު ޝަހީމް ފާހަގަކުރެއްވި އެވެ.
”އެމަނިކުފާނުގެ ހަޔާތުގެ އެންމެ ފަހުގެ އުންމީދަކީ ވެސް މިސްކިތެއް ބިނާކުރެއްވުމެވެ. ސިޓީ އެއް ފޮނުއްވުމުގެ އިތުރުން ބޭފުޅަކު ފޮނުއްވައި އެއީ ވަރަށް ބޮޑަށް ބޭނުންފުޅުވާކަމެއްކަމަށާއި ވީ އެންމެ އަވަހަކަށް މިސްކިތް އެޅުމަށް ޖާގައެއް ހަމަ ޖައްސަވައި ދެއްވުމަށް އެދި ލައްވާފައިވޭ.“ މިނިސްޓަރު ޝަހީމް ވިދާޅުވި އެވެ.
މިނިސްޓަރު ޝަހީމް ވިދާޅުވީ އެ މިސްކިތް އެޅުމަށް މިހާރު ހުޅުމާލެއިން ޖާގައެއް ހަމަޖައްސާފައިވާ ކަމަށެވެ.
ރާއްޖޭގެ ފަތުރުވެރިކަމުގެ ތާރީހުގައި އެންމެ ފާހަގަކޮށްލެވޭ އެއް ޝަހުސިއްޔަތު ކަމަށްވާ އެމްޔޫ މަނިކަކީ ރާއްޖޭގައި ފުރަތަމަ ރިސޯޓު ހުޅުވި ފަރާތެވެ. ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ އެންމެ އިސް ޖަމިއްޔާ ކަމަށްވާ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މާޓީ)ގެ ޗެއަރމަންކަން 30 އަހަރަށްވުރެ ގިނަ ދުވަހު ކުރައްވާފައިވާ އެމްޔޫ މަނިކަކީ މިހާރުވެސް އެ މަގާމުގައި ހުންނެވި ބޭފުޅެކެވެ. މީގެ އިތުރުން އޭނާއަކީ ރާއްޖޭގެ އެންމެ ބޮޑު އެއް ވިޔަފާރި ކުންފުނި ކަމަށްވާ ޔުނިވާސަލް އެންޓަޕްރައިސަސް ހިންގަވާ ބޭފުޅާއެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މަޓީގެ ޗެއާމަން މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު)