އެމްޔޫ މަނިކު އަވަހާރަވުމާ ގުޅިގެން ކުރީގެ ދެ ރައީސުން ވެސް ތައުޒިއްޔާ ވިދާޅުވެއްޖެ

Advertisement

އެންމެ ފަސް

Advertisement

ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ އެއް ބާނީ، އެމްޔޫ މަނިކު އަވަހާރަވުމާ ގުޅިގެން ރާއްޖޭގެ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު ތައުޒިއްޔާ ވިދާޅުވެއްޖެއެވެ.

އެމްޔޫ މަނިކު އަވަހަރަވެ ވަޑައިގެންފައި ވަނީ، އުމުރުފުޅުން 78 އަހަރުގަ އެވެ. އެމްޔޫ މަނިކު އަވަހައަރަވީ ސިއްހީ ހާލަތު ދަށްވެ، މައުންޓް އެލިޒަބަތު ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާާދޭން ދަނިކޮށް މިއަދު ހެނދުނު 6:30 އެވެ.

މަނިކު އަވަހާރަވުމުގެ ހިތާމައިގަ މީސްމީޑިޔާގައި ކުރެއްވި ޕޯސްޓެއްގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި ގޮތުގައި ”މިއަދުގެ ދިވެހި ރާއްޖެ މި ގޮތުގައި ބައްޓަންކޮށް ބިނާކުރުމުގެ އެންމެ ބޮޑު އެއް ހިއްސާދާރަކީ ކޮލި މުހައްމަދު މަނިކު“ ކަމަށެވެ. އަދި އާއިލާއަށް އިހުލާސްތެރި ތައުޒިއްޔާ އެއް ދަންނަވާ ކަމަށް ވެސް ވިދާޅުވިއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެފައިވަނީ އެމްޔޫ މަނިކަކީ ރާއްޖެއަށް ފަތުރުވެރިކަން ތަޢާރަފްކޮށް، އެ ސިނާއަތު ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކޮށްދެއްވި ބޭފުޅެއް ކަމަށާއި، އެމަނިކުފާނު އަވަހާރަވި ޚަބަރު އެއްސެވީ ފުން ހިތާމަޔާ އެކުގައި ކަމަށެވެ.

ވިޔަފާރިވެރިޔާ މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ވިދާޅުވެފައިވަނީ އެމްޔޫ މަނިކަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ އެއްބާނީ ކަމަށެވެ. އަދި ”ޤައުމަށް ނުހަނު ޚިދުމަތް ކުރެއްވި، ވިޔަފާރީގައި އިންތިހާއަށް ފަރުވާތެރި ނަމޫނާ ވިޔަފާރިވެރިއެއްގެ އިތުރުން އެކުގައި މަސައްކަތް ކުރެއްވި ގާތް އެކުވެރިއެއް“ ކަމަށް ވެސް ވިދާޅުވިއެވެ.

އެމްޔޫ މަނިކު އަވަހާރަވުމާ ގުޅިގެން ސިޔާސީ އެހެން ބޭފުޅުންނާއި ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރައްވަމުންދާ ގިނަ ބޭފުޅުން ވެސް ތައުޒިއްޔާ ވިދާޅުވެފައިވެއެވެ.

އެމްޔޫ މަނިކުގެ ހިދުމަތްތައް؛

ރާއްޖޭގެ ފަތުރުވެރިކަމުގެ ތާރީހުގައި އެންމެ ފާހަގަކޮށްލެވޭ އެއް ޝަހުސިއްޔަތު ކަމަށްވާ އެމްޔޫ މަނިކަކީ ރާއްޖޭގައި ފުރަތަމަ ރިސޯޓު ހުޅުވި ފަރާތެވެ. ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ އެންމެ އިސް ޖަމިއްޔާ ކަމަށްވާ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މާޓީ)ގެ ޗެއަރމަންކަން 30 އަހަރަށްވުރެ ގިނަ ދުވަހު ކުރައްވާފައިވާ އެމްޔޫ މަނިކަކީ އެންމެފަހަކާޖެހެންދެން އެ މަގާމުގައި ހުންނެވި ބޭފުޅެކެވެ. މީގެ އިތުރުން އޭނާއަކީ ރާއްޖޭގެ އެންމެ ބޮޑު އެއް ވިޔަފާރި ކުންފުނި ކަމަށްވާ ޔުނިވާސަލް އެންޓަޕްރައިސަސް ހިންގެވި ބޭފުޅާއެވެ.

އެމްޔޫ މަނިކުގެ ހިދުމަތްތަކަށް ބަލާއިރު، މަރުކަޒީ ބޭންކު، އެމްއެމްއޭގެ ޑިރެކްޓަރުންގެ ބޯޑުގައި މަސައްކަތްކުރެއްވުމުގެ އިތުރުން، އައިލެންޑް އޭވިއޭޝަންގެ ޗެއާމަންކަމާއި، 2013 އިން 2024 ގެ ޖެނުއަރީއާ ހަމައަށް އެމްއޭސީއެލްގެ ޗެއާމަންކަން ކުރައްވާފައިވެ އެވެ. އަދި ފަތުރުވެރިކަމުގެ ދާއިރާއިން ކުރައްވާފައިވާ އަގުހުރި ހިދުމަތްތަކަށްޓަކައި 1982 ވަނަ އަހަރު އާންމު ހިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމާއި 2002 ވަނަ އަހަރު ޝަރަފުވެރިކަމުގެ އިނާމު ހާސިލްކުރައްވާފައިވެއެވެ.

އެމްޔޫ މަނިކުގެ ކުންފުނިތަކަކީ މިއަދު ރާއްޖޭގެ އެންމެ ގިނަ ވަޒީފާ ދޭ ފަރާތްތަކުގެ ތެރެއިން ފަރާތެއް ކަމަށްވެފައި، އެ ކުންފުނިތަކުން ޒުވާނުންގެ ތަމްރީނާއި ތަރައްޤީއަށާއި، ޔަތީމްހާނާތަކަށް އެހީވުމާއި، ތިމާވެށި ރައްކާތެރިކުރުމަށް އަމާޒުކޮށްގެން ގިނަ މަޝްރޫއުތަކެއް ހިންގަމުން ގެންދެ އެވެ. އަދި މެޑިކަލް ސްކޮލަރޝިޕް މެދުވެރިކޮށް 30 އަށްވުރެ ގިނަ ހާއްސަ ޑޮކްޓަރުން ވަނީ ތަމްރީނުކޮށްފައެވެ.

ރައީސް އަބްދުﷲ ޔާމީން ރައީސް މުހައްމަދު ނަޝީދު މަޓީގެ ޗެއާމަން މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު) ގާސިމް އިބްރާހިމް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ