ރާއްޖޭގެ ފަތުރުވެރިކަމުގެ ފެށުމުގެ ވާހަކަ ދައްކާއިރު ޖޯޖް ކޯބިން އާއި ކެރަފާ އަހުމަދު ނަސީމް އާއި ހުސެއިން އަފީފް (ޗަމްޕާ) ގެ އިތުރުން މުހައްމަދު އުމަރު މަނިކު (ކޮލި) ގެ ނަން ނުލާ އެއްވެސް ލިސްޓެއް ފުރިހަމައެއް ނުވެ އެވެ. މި ހަތަރު ބޭފުޅުންނަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ 4 ބާނީ އެވެ. މިއީ ރާއްޖޭގެ ފަތުރުވެރިކަމުގެ 4 ތަނބެވެ. މިއަދު މިވަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ހަޔާތަށް ބަނަ ދުވަހެއް ކުރިމަތިވެފަ އެވެ.
ރާއްޖޭގެ ފަތުރުވެރިކަމުގެ އެއް ބާނީ މުޙައްމަދު ޢުމަރު މަނިކު (އެމްޔޫ މަނިކު) ބަލި ހާލަތު ދަށްވެ މިއަދު ފަތިހުގެ ވަގުތެއްގައި ވަނީ އަވަހާރަ ވެފަ އެވެ. އެމްޔޫ މަނިކަކީ ރާއްޖެއަށް ފަތުރުވެރިކަން ތައާރަފްކޮށްދިނުމަށް އެތައް މަސައްކަތެއް ކޮށްދެއްވާ ފަތުރުވެރިކަމުގެ ދާއިރާގައި އެތައް ހިދުމަތްތަކެއް ކޮށްދެއްވި ބޭފުޅެކެވެ. އެމްޔޫ މަނިކު ފަތުރުވެރިކަމުގެ ދާއިރާއަށް ކޮށްދެއްވި ހިދުމަތްތަކަށް ބަލާއިރު ރާއްޖެއަށް އެންމެ ފުރަތަމަ ފަތުރުވެރިން ޒިޔާރަތް ކުރިއިރު ދެއްވި މެހެމާންދާރީން ފެށިގެން ރާއްޖޭގައި ފުރަތަމަ ޓޫރިސްޓް ރިސޯޓެއް ހުޅުވުމާއި އިންޑަސްޓްރީއާ ގުޅޭ އެސޯސިއޭޝަނެއް އުފެއްދުމާއި ރާއްޖޭގައި ފަތުރުވެރިކަން ފުޅާ ކުރުމަށް ކޮށްދެއްވި އެތައް މަސައްކަތެއް ފާހަގަކޮށްލަން ޖެހެ އެވެ.

ފަތުރުވެރިކަމުގެ ފެށުން:
ރާއްޖެއަށް ފަތުރުވެރިން އަންނަން ފެށީ 1972 ވަނަ އަހަރުގެ ކުރީ ކޮޅު އެވެ. ނަމަވެސް އޭގެ ކުރިން 1971 ވަނަ އަހަރުގެ ފަހުކޮޅު އިޓަލީގެ ޓުއަރ އެޖެންސީއެއް ހިންގަމުންދިޔަ ޖޯޖް ކޯބިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށް ފަތުރުވެރިކަން ތައާރަފް ކުރުމުގެ މަޝްވަރާ ކޮށްފަ އެވެ. މަޝްވަރާތަކަށް ފަހު ކޯބިން އެންމެ ފުރަތަމަ ރާއްޖެއަށް ފަތުރުވެރިން ގެނައީ 1972 ވަނަ އަހަރުގެ ފެބްރުއަރީ 16 ވަނަ ދުވަހު އެވެ. އެފަހަރު ރާއްޖެއަށް އައީ 22 ފަތުރުވެރިންގެ ގްރޫޕެކެވެ. މި ފަތުރުވެރިން ތިބީ މާލޭގެ އެކި ގެސްޓްހައުސްތަކުގަ އެވެ. ފަތުރުވެރިން ތިބޭނެ ތަންތަން ހަމަޖެއްސުމަށާއި އެ ފަތުރުވެރިން ތިބި ދުވަސްތަކުގައި ކައިރި ރަށްރަށަށް މޫދަށް އެރުމަށް ގެންދިއުމާއި އެކިއެކި ތަޖުރިބާތައް ކުރުމަށް ކެރަފާ ނަސީމް އާއި އެމްޔޫ މަނިކު އަދި ޗަމްޕާ އަފީފް ވަނީ އެ ތިން ބޭފުޅުންގެ އާއިލާ ބޭފުޅުންގެ އެހީއާއެކު ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ.

ރާއްޖެއަށް އެންމެ ފުރަތަމަ ޒިޔާރަތް ކުރި 22 ފަތުރުވެރިންގެ ތެރޭގައި ނޫސްވެރިންނާއި ފޮޓޯގްރާފަރުންވެސް ހިމެނެ އެވެ. އޭގެ ސަބަބުން ރާއްޖޭން ބޭރުގައި ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ރާއްޖެ މަޝްހޫރުވުމަށް ބޮޑު އެހީއެއް ލިބިގެން ދިޔަ އެވެ. އަދި 1972 ވަނަ އަހަރުގެ މާޗް 13 ވަނަ ދުވަހު ރާއްޖެއަށް ޒިޔާރަތް ކުރި އެޗް.އެމް ކުއީން އެލިޒަބެތު 2ގެ ސަބަބުންވެސް ރާއްޖެ އިތުރަށް މަޝްހޫރު ވެގެން ދިޔަ އެވެ. އެއަށްފަހު މުސްތަޤްބަލުގައި ފަތުރުވެރިކަން ރާއްޖޭގައި ކުރިއަށް ގެންދެވުމަށްޓަކައި އެ އަހަރުގެ މާޗް 15 ވަނަ ދުވަހު އެމްޔޫ މަނިކާއި، ކެރަފާ ނަސީމް ގުޅިގެން މިއުމަން ޓުއަރިސްޓް އޭޖެންސީގެ ނަމުގައި ރާއްޖޭގެ ފުރަތަމަ ޓޫރިސްޓް އެޖެންސީ ވުޖޫދަށް ގެނަ އެވެ.
ރާއްޖޭގެ ފަތުރުވެރިކަމަށް ބަލާއިރު މިހާރު ރާއްޖެއަށް އެންމެ ބޮޑު އާމްދަނީއެއް ލިބެނީ ރިސޯޓު ފަތުރުވެރިކަމުންނެވެ. ރިސޯޓު ފަތުރުވެރިކަން ރާއްޖޭގައި އެންމެ ފުރަތަމަ ފެއްޓީވެސް އެމްޔޫ މަނިކުގެ ބައިވެރިވުމާއެކު އެވެ. މާލެއަތޮޅު ވިހަމަނާފުށީގައި 1972 ވަނަ އަހަރުގެ މާޗް 25 ވަނަ ދުވަހު ކުރުނބާވިލެޖްގެ ނަމުން ނަންދެވިފައިވާ ރިސޯޓު ބިނާ ކުރަން ފެށީ ކެރަފާ ނަސީމާއި އެމްޔޫ މަނިކުގެ ބައިވެރިވުމާއެކު އެވެ. މި ރިސޯޓު ހުޅުވާފައިވަނީ 1972 ވަނަ އަހަރުގެ އޮކްޓޯބަރު 3 ވަނަ ދުވަހު އެވެ. އެ ރިސޯޓު ހުޅުވިއިރު އެތަނުގައި ހުރީ 30 ބީޗް-ފްރަންޓް ގެސްޓް ރޫމެވެ. މި ރިސޯޓް 1986 ގައި އަލުން ތަރައްޤީކޮށް، ދިވެހިރާއްޖޭގެ ފަތުރުވެރިކަން މުޅިން އާ މަރުޙަލާއަކަށް ގެންދަވައި، ރާއްޖޭގެ ފުރަތަމަ 5 ތަރީގެ ހޮޓަލަކަށް މި ރިސޯޓު ހެދުމަށްވެސް އެމްޔޫ މަނިކު ވަނީ ބޮޑު ދައުރެއް އަދާކޮށްފަ އެވެ. މި ރިޒޯޓް މިހާރު ހިނގަމުންދަނީ އެމްޔޫ މަނިކުގެ ޔުނިވަރސަލް އެންޓަރޕްރައިސަސް ލިިމިޓެޑުންނެވެ.

ފަތުރުވެރިކަން ދެމެހެއްޓުމަށް އެމްޔޫ މަނިކު ކުރެއްވި ހިދުމަތްތައް:
ރާއްޖޭގައި ފަތުރުވެރިކަން އިތުރަށް ފުޅާ ކުރުމަށްޓަކައި ރާއްޖެއާއި ޔޫރަޕް ގުޅުވުމުގެ މަސައްކަތް ފެށްޓެވުމުގެ ގޮތުން ފުރަތަމަ ފަހަރަށް ޖަރުމަނުގެ ކޮންޑޯ އެއަރލައިންގެ ދަތުރުތައް ރާއްޖެއަށް ފެށުމުގައިވެސް އެމްޔޫ މަނިކު މުހިންމު ދައުރެއް އަދާކުރެއްވި އެވެ. މިދަތުރުތައް ރާއްޖެއަށް ފެށިފައިވަނީ 31 އޮކްޓޯބަރ 1981 ގައެވެ. ޔޫރަޕްގެ ޤައުމުތަކުގައި ރާއްޖެ އިޝްތިހާރު ކުރުމުގެ މަސައްކަތް ފަށްޓަވައި، ފުރަތަމަފަހަރަށް ޖަރމަންގެ އައި.ޓީ.ބީ ފެއަރގައި ބައިވެރިވީވެސް އެމްޔޫ މަނިކުގެ ބައިވެރިވުމާއެކު އެވެ. އަދި ޖަޕާނަށް ރާއްޖޭގެ ފަތުރުވެރިކަން ތަޢާރުފު ކޮށްދެއްވުމަށް އެ ޤައުމަށް ދަތުރުފުޅު ކުރެއްވުމާއި، ހޮންގކޮންގއާއި ޗައިނާގެ ފަތުރުވެރިން ރާއްޖެއަށް ގެންެނެވުމާއި، ތައިވާނުން ސީދާ ރާއްޖެއަށް [އީވާ އެއަރ] ގައި ފަތުރުވެރިން ގެންނެވުމުގައިވެސް ޢަމަލީގޮތުން އެމްޔޫ މަނިކު ބައިވެރިވެވަޑައިގެންނެވި އެވެ.
ރާއްޖޭގައި ފަތުރުވެރިކަން ފުޅާވާން ފެށި ހިސާބުން އެމްޔޫ މަނިކު ދެން ފެއްޓެވީ ރާއްޖެއަށް ފައިދާހުރި ގޮތްގޮތަށް އެމަސައްކަތް ތަރައްޤީ ކުރެއްވުމުގެ މަސައްކަތެވެ. އެގޮތުން، ކަމާބެހޭ ތަޖުރިބާކާރުން ރާއްޖެއިން ބޭރުން ގެންނަވައިގެން، ރާއްޖޭގެ މީހުންނަށް ޓޫރިޒަމްގެ އެކިއެކި ތަމްރީނުތައް ދެއްވައި، ރާއްޖޭގެ ރިޒޯޓްތަކުގެ ފެންވަރު މަތިކުރެއްވުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރެއްވި އެވެ. ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި އެ ދާއިރާގެ އަމާޒާއި މިޞްރާބު ރަނގަޅު ކުރައްވައި، ކުރިމަގުގައި ފަތުރުވެރިކަން ތަރައްޤީ ކުރެއްވުމަށް ބޭނުންވާ މިންގަނޑުތައް ކަނޑައެޅުއްވުމުގެ މަޤްޞަދުގައި އެމްޔޫ މަނިކު އިސްނަންގަވައިގެން 1992 ވަނަ އަހަރު ވަނީ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) ގެ ނަމުގައި އެސޯސިއޭޝަނެއް އުފައްދަވާފަ އެވެ.

ފަތުރުވެރިކަމުގެ ދާއިރާގެ ބޭރުން އެމްޔޫ މަނިކު ކުރެއްވި ބައެއް ގައުމީ ހިދުމަތްތައް:
- 2004 ގެ ސުނާމީ ކާރިސާގައި، ހާލުގައި ޖެހުނު ރަށްރަށަށް ސާފު ބޯފެން ފޮނުއްވައި ދެއްވުމަށް އުތުރުގެ އަތޮޅުތަކަށް ބޯޓެއް އަދި ދެކުނުގެ އަތޮޅުތަކަށް ބޯޓެއް ފޮނުވައިދެއްވުން.
- އައިޖީއެމްއެޗްގައި ޑައިލިސިސް މެޝިނެއް ބަހައްޓަވައި، އެކަމަށް ބޭނުންވާ މީހުން އަމިއްލަފުޅު ޚަރަދުގައި ތަމްރީނުކޮށްދެވި.
- ސްޕެޝަލައިޒްޑް ރޮނގުތަކުން ޑޮކްޓަރުން ތަމްރީނު ކުރެއްވުމަށްޓަކައި ޑޮކްޓަރުން ރާއްޖެއިން ބޭރަށް ފޮނުއްވި.
- އެހެން ރޮނގުތަކުންވެސް ތަޢްލީމު ހާސިލުކުރުމުގެ ފުރްޞަތު ކުދިންނަށް ދެއްވަމުން ގެންދެވި.
- މިނިސްޓްރީ އޮފް އެގްރިކަލްޗަރގެ އެގްރިކަލްޗަރ އޮފިސަރކަމުގެ މަގާމު.
- އެގްރިކަލްޗަރ މިނިސްޓްރީގެ ވަކީލުކަމުގެ މަގާމު.
- މިނިސްޓަރ އޮފް އެގްރިކަލްޗަރގެ ނައިބުކަމުގެ މަގާމު.
- އެމްއެމްއޭގެ ޑިރެކްޓަރުންގެ ބޯޑުގައިވެސް ޚިދްމަތް ކުރެއްވި.
- އައިލެންޑް އޭވިއޭޝަންގެ ޗެއަރމަންކަން.
- އެމްއޭސީއެލްގެ ޗެއާމަންކަން.
އެމްޔޫ މަނިކުގެ ހިދުމަތްތަކަށް ދައުލަތުން ދެއްވި އިނާމުތަކާއި ޝަރަފްތައް:
ރާއްޖޭގެ ފަތުރުވެރިކަމަށް އެމްޔޫ މަނިކު ކޮށްދެއްވި އަގުހުރި މަސައްކަތްތައް ފާހަގަކޮށް ދައުލަތުން ވަނީ އެކި ފަހަރު މަތިން އެމަނިކުފާނުގެ އަގު ވަޒަން ކުރައްވާފަ އެވެ. އެގޮތުން އެމްޔޫ މަނިކަށް ވަނީ ފަތުރުވެރިކަމުގެ ދާއިރާއިން 1982 ވަނަ އަހަރު ޢާންމު ޚިދްމަތުގެ ހިތްވަރު ދިނުމުގެ އިނާމު ލިބިވަޑައިގެންފަ އެވެ. މީގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާއިން 2002 ވަނަ އަހަރު އެމްޔޫ މަނިކަށް ވަނީ ޝަރަފުވެރި ކަމުގެ އިނާމު ލިބިވަޑައިގެންފަ އެވެ. އަދި މިނިވަން 25ގެ ޢާންމު ޚިދްމަތުގެ އިނާމުވެސް ވަނީ އެމަނިކުފާނަށް ލިބިވަޑައިގެންފަ އެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަމުގެ ރަން ޔޫބީލް ފާހަގަކުރުމުގެ ޙަފްލާގައި އެމްޔޫ މަނިކަށް ވަނީ ޕްރެޒިޑެންޓްސް ޓޫރިޒަމް ގޯލްޑް އެވޯޑްވެސް ލިބިވަޑައިގެންފަ އެވެ. މި އެވޯޑަކީ މުޙައްމަދު ޢުމަރު މަނިކަކީ، ރާއްޖެއަށް ފަތުރުވެރިކަން ތަޢާރުފު ކުރެއްވި އެއްބާނީ ކަމަށްވާތީއާއި، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ކޮށްދެއްވާފައިވާ އަގުހުރި ޚިދުމަތްތަކުގެ އަގު ވަޒަންކުރައްވައި އެރުވި ޝަރަފުވެރި އެވޯޑެކެވެ.

އެމްޔޫ މަނިކަށް ލިބިވަޑައިގެންނެވި އެންމެ ޝަރަފްވެރި އިއްޒަތް އަރުވާފައިވަނީ 2011 ވަނަ އަހަރު އެވެ. އެ އަހަރު ރާއްޖޭގެ 46 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި އޭރުގެ ރައީސް މުހައްމަދު ނަޝީދު ވަނީ އެމްޔޫ މަނިކަށް ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތް އަރުވާފަ އެވެ. މިއީ ދިވެހި ރައްޔިތުންނަށާއި ދިވެހި ދައުލަތަށް، އެމްޔޫ މަނިކު ކޮށްދެއްވާފައިވާ އަގުހުރި ޚިދްމަތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން އެރުވި ޝަރަފެކެވެ.
މަޓީގެ ޗެއާމަން މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު) ފަތުރުވެރިކަން