މީޑިއާ ރެގިއުލޭޓް ކުރުމުގެ ނަމުގައި މަޖިލީހަށް ހުށަހަޅާފައިވާ މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލަށް ހުރި އިސްލާހު ކޮމެޓީއަށް އަދި އޭޖީ އޮފީހަށް ހުށައެޅުއްވުމުގެ ފުރުސަތު އެބައޮތްކަމަށް ބަންޑާރަނައިބު އަހުމަދު އުޝާމް ވިދާޅުވެއްޖެ އެވެ.
އުޝާމް މިހެން ވިދާޅުވެފައި ވަނީ، މީޑިއާ ރެގިއުލޭޓް ކުރާ ބިލާއި ގުޅިގެން ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ.
”ތިބޭފުޅުން ބޭނުންވާ އިސްލާހުތައް ބިލް ފުރިހަމަކުރުމަށް ޓަަކައި އިސްލާހު ހުށަހަޅަންވީ ނޫންތޯ. އިސްލާހު ހުށަހަޅޭނެ. ސަރުކާރުން ބޭނުމެއް ނުވޭ ކޮމިޝަނަށް ސަރުކާރުން މެމްބަރުން އައްޔަންކުރާކަށް.“
އުޝާމް ވިދާޅުވީ، ބިލްގައި ކަންބޮޑުވުމަކަށް އޮތީ ރައީސް އައްޔަންކުރައްވާ މެމްބަރަކު ކޮމިޝަންގެ ރައީސަކަށް ހުންނަވާތީ ކަމަށާއި ކޮމިޝަނަށް މީހުން އައްޔަންކޮށްގެން މީހުން ކޮންޓްރޯލް ކުރުރުމުގެ ވިސްނުންފުޅެއް ރައީސް ޑރ. މުހައްމަދު މުއިއްޒު ނުގެންގުޅުއްވާ ކަމަށެވެ.
”އެއީ ރައީސް ވަރަށް ކްލިޔާކޮށް ދެއްވާފައި އޮތް އިންސްޓްރަކްޝަނެއް، ސަރުކާރުގެ ފަރާތުން މި ކޮމިޝަނަށް މީހުން އައްޔަންކުރުމަށް ސަރުކާރުން ބޭނުންފުޅުނުވާ ކަމަށް.“
އެ ކޮމިޝަންގެ ކޮމްޕޮސިޝީން އޮންނަން ފެންނަކަމަށް ނޫސްވެރިން ދެކޭގޮތް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފައިވާ ކަމަށާއި، ހުށަހެޅުމުން މަޖިލީހުގެ ކަމެޓީއިން ދިރާސާ ކުރާނެ ކަމަށް އުޝާމް ވިދާޅުވި އެވެ.
އުޝާމް ވިދާޅުވީ، ބްރޮޑްކާސްޓިން ކޮމިޝަން އަދި މީޑިއާ ކައުންސިލް އެއްކޮށްލުމުގެ މަސައްކަތް ކުރީގެ މަޖިލީހުންވެސް އަދި ބަންޑާރަނައިބުގެ އޮފީހުންވެސް ކޮށްފައިވާ ކަމަށެވެ.
މިހާރު ހުށަހަޅާފައިވާ ބިލު ދިރާސާކޮށްގެން ނޫސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލެއް ގެނެވިދާނެ ކަމަށާއި، ނަމަވެސް ބިލު އަނބުރާ ގެންދަންޖެހޭކަމަށް ޤަބޫލުނުކުރާ ކަމަށް އުޝާމް ވިދާޅުވި އެވެ.