ލ. މާމެންދޫގައި ކައިޒާން އިންވެސްޓްމަންޓުން ހަދާފައިވާ އައިސްޕްލާންޓެއް ގަތުމަށް ވެފައިވާ އެއްބަސްވުމާ އެއްގޮތަށް ފެނަކައިން ފައިސާ ދައްކާފައިނުވާތީ، 7.2 މިލިއަން ރުފިޔާ ކައިޒާން އިންވެސްޓްމަންޓަށް ދެއްކުމަށް ފެނަކައިގެ މައްޗަށް ސިވިލް ކޯޓުން ހުކުމް ކޮށްފި އެވެ.
މި މައްސަލައިގައި ފެނަކައާ ދެކޮޅަށް ދައުވާ ކޮށްފައިވަނީ ލ. މާމެންދޫ، ބިންބިމާގެ / އިސްމާއިލް ޒާހިދު އެވެ. މި މައްސަލައިގައި ކުރި ދައުވާގައި ބުނެފައިވަނީ ކައިޒާން އިންވެސްޓްމެންޓާއި ފެނަކައާ ދެމެދު އައިސްޕްލާންޓެއް ވިއްކުމަށްޓަކައި 7 ޑިސެމްބަރު 2023 ގައި ގާއިމުކޮށްފައިވާ އެއްބަސްވުމާއި އެއްގޮތަށް ފެނަކައިން ފައިސާ ދައްކާފައިނުވާ ކަމަށެވެ. އެހެންކަމުން އެއްބަސްވުމުގެ ދަށުން ވިއްކާފައިވާ އައިސްޕްލާންޓްގެ ޖުމުލަ އަގުގެ ތެރެއިން ނުލިބިވާ 7،251،946 ރުފިޔާ އާއި އެ ފައިސާ ނުލިބުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 580،155.68 ރުފިޔާ އަދި ޝަރީއަތުގެ ހަރަދުގެ ގޮތުގައި ހޭދަކުރި 100،000 ރުފިޔާ ހޯދުމަށް ދައުވާގައި އެދިފައިވެ އެވެ.
މި ދައުވާއާ ގުޅިގެން ފެނަކައިން ވަނީ ދައުވާގެ ބަޔަކަށް އެއްބަސްވެފަ އެވެ. އެގޮތުން ވިއްކާފައިވާ އައިސްޕާންޓްގެ ޖުމުލަ އަގުގެ ތެރެއިން ނުދެއްކިވާ 7،251،946 ރުފިޔާ ދެއްކުމަށް ފެނަކައިން ވަނީ އެއްބަސްވެފަ އެވެ. ނަމަވެސް އެ ފައިސާ ނުލިބުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި ހޯދުމަށް އެދިަފއިވާ ފައިސާއާއި ޝަރީއަތުގެ ހަރަދުގެ ގޮތުގައި ހޯދުމަށް އެދިފައިވާ ފައިސާ ދެއްކުމަށް އެއްބަސްވެފައެއް ނުވެ އެވެ.
އެހެންކަމުން ސިވިލް ކޯޓުން އިއްޔެ ވަނީ، އައިސްޕާންޓްގެ ޖުމުލަ އަގުގެ ތެރެއިން ނުދެއްކިވާ 7،251،946 ރުފިޔާ 30 ދުވަހުގެ ތެރޭގައި ދެއްކުމަށް ފެކަނައިގެ މައްޗަށް ހުކުމް ކޮށްފަ އެވެ. އަދި އެ ފައިސާ ނުލިބުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި ހޯދުމަށް ހުށަހެޅި އަދަދާއި ޝަރިއަތުގެ ހަރަދު ނަގައިދެވެން ނެތްކަމަށްވެސް ހުކުމް ކޮށްފައިވެ އެވެ.
މީގެއިތުރުން ސިވިލް ކޯޓުން މިދިޔަ އަންގާރަ ދުވަހުވެސް ވަނީ އަމިއްލަ ވިޔަފާރިއަކުން ފެނަކައަށް ވިއްކި މުދަލަށް ލިބެންޖެހޭ ފައިސާގެ ތެރެއިން ނުލިބިވާ ފައިސާ ހޯދުމަށް ކުރި ދައުވާއަކާ ގުޅިގެން 3.8 މިލިއަން ރުފިޔާ ދެއްކުމަށް ފެނަކައިގެ މައްޗަށް ހުކުމް ކޮށްފަ އެވެ.
މާމެންދޫ އައިސްޕްލާންޓް މައްސަލަ
ލ. މާމެންދޫގައި ކައިޒާން އިންވެސްޓްމަންޓުން ގާއިމުކޮށްފައިވާ އައިސްޕްލާންޓެއް ފެނަކައަށް ގަތުމުގައި ކޮރަޕްޝަންގެ އަމަލުތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި، ފެނަކަގެ ކުރީގެ އެމްޑީ އަހުމަދު ސައީދު މުހައްމަދުގެ މައްޗަށް ވަނީ ދައުވާވެސް ކޮށްފަ އެވެ. މިމައްސަލައިގައި ސައީދުގެ މައްޗަށް ކޮށްފައިވަނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ އެވެ.
ސައީދުގެ މައްޗަށް މި ދައުވާކޮށްފައިވަނީ 20 އޭޕްރިލް 2023 ގައި ފެނަކައިގެ މެނޭޖިން ޑައިރެކްޓަރުގެ ގޮތުގައިހުރެ، މާމެންދޫގައި އެޅުމަށް ހަމަޖެހިފައިވާ އައިސްޕްލާންޓްގެ މަސައްކަތް ފެނަކައިން ކުރުމުގެ ބަދަލުގައި، އެ ރަށުގައި ހުރި އައިސްޕްލާންޓެއްގެ ވެރިފަރާތުން ހުށަހެޅި 11.3 މިލިއަން ރުފިޔާއަށް އެ އައިސްޕްލާންޓު ގަނެފައިވާތީ އެވެ. އަދި މިކަން ކޮށްފައިވަނީ ޓެންޑާ އިވެލުއޭޝަން ކޮމިޓީގެ ރައުޔަކާ ނުލާކަންވެސް ފާހަގަކޮށްފައިވެ އެވެ. އަދި މިކަމަކީ ފައިނޭންޝަލީ ވަޔަބަލް ޕްރޮޖެކްޓެއް ނޫން ކަމަށް ފެނަކައިގެ ބިޒްނަސް ޕްލޭނުގައި ވެސް ބަޔާންކޮށްފައިވާކަމަށް ޕީޖީ އޮފީހުން މީގެކުރިން ބުނެފައިވެ އެވެ.