އެތަށް ނޫސްވެރިންނެއްގެ ކަންބޮޑުވުން އޮއްވާ މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލު މަޖިލީހަށް ބަލައިގަނެ ކޮމިޓީއަށް ފޮނުވައިފި އެވެ.
މިއަދު ކުރިއަށް ދިޔަ މަޖިލީހުގެ ދައުރުން ބޭރުން ބޭއްވި ޖަލްސާގައި ވަނީ މި ބިލަށް ބަހުސްކޮށްފަ އެވެ. މި ބަހުސްގައި އެމްޑީޕީ މެންބަރުން ވަނީ މި ބިލުގައި ކަންބޮޑުވާން ޖެހޭ ވަރަށް ގިނަ ކަންކަން ހުރިކަމަށް ބުނެ މި ބިލު ބޭރުކުރަން އެދިފަ އެވެ.
މި ބިލު މަޖިލީހަށް ބަލައިގަތުމާ ގުޅޭ ގޮތުން ވޯޓަށް އެހުމުން 49 މެންބަރުން ވަނީ މި ބިލު ބަލައިގަންނަން ފެންނަކަމަށް ވޯޓު ލާފަ އެވެ. މި ބިލު ބަލައިގަތުމާ ދެކޮޅަށް ވޮޓުލާފައިވަނީ 12 މެންބަރުންނެވެ. މި ބިލު އިތުރަށް ދިރާސާ ކުރުމަށް ފޮނުވާފައިވަނީ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށެވެ.
މި ބިލާ ގުޅިގެން ކުރިއަށް ގެންދިޔަ ބަހުސްގައި ސަރުކާރުން ހިންގާ ޕީއެންސީގެ ގިނަ މެންބަރުން ވަނީ މި ބިލަށް ތާއީދުކޮށް ވާހަކަ ދައްކަވާފަ އެވެ. ނަމަވެސް ޕީއެންސީއަށް ނިސްބަތްވާ ބައެއް މެންބަރުން ވަނީ މި ބިލު ފުރިހަމަ ނޫންކަމަށާއި ބިލު ފާސް ކުރަން ޖެހޭނީ އިސްލާހުތަކެއް ގެނެސް އިތުރަށް ފުރިހަމަކޮށްފައިކަމަށް ވިދާޅުވެފަ އެވެ. އޭގެ ތެރޭގައި ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން ހިމެނެ އެވެ.
މި ބިލު މަޖިލީހަށް ހުށަހެޅުއްވި ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާނު އަބޫބަކުރު ވިދާޅުވީ މި ބިލާ ގުޅިގެން އެއްވެސް ކަންބޮޑުވުމެއް އޭނާއަށް ލިބިފައި ނުވާ ކަމަށާއި މި ބިލާ ގުޅިގެން ކަންބޮޑުވަނީ ހަމައެކަނި އެމްޑީޕީ މީހުން ކަމަށެވެ.
މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލާ ގުޅިގެން ވަރަށް ގިނަ ނޫސްވެރިންވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
ރައްޔިތުންގެ މަޖިލިސް އަހުމަދު އަޒާން މީޑިއާ ބިލް ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާން އަބޫބަކުރު