މީޑިއާ ބިލާ ދެކޮޅަށް ނޫސްވެރިން މަޖިލިސް ކައިރީގައި އަޑުއުފުލައިފި

Advertisement

އެންމެ ފަސް

Advertisement

މީޑިއާ ރެގިއުލޭޓް ކުރުމުގެ ނަމުގައި މަޖިލީހަށް ހުށަހަޅާފައިވާ މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލާ ދެކޮޅަށް ނޫސްވެރިން މަޖިލިސް ކައިރީގައި އަޑުއުފުލައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުން ބާއްވާ ޖަލްސާއެއް މިއަދު ކުރިއަށްގެންދާއިރު، މި ޖަލްސާގައި އަންނަނީ މީޑިއާ ބިލަށް މެންބަރުން ބަހުސް ކުރަމުންނެވެ. އަދި މި ބިލު ބަލައިގަތުމަށް މިއަދު ވޯޓަށް އަހާނެ ކަމަށް ބެލެވެ އެވެ. މި ބިލަކީ ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލް ހަންނާނު ހުށަހެޅުއްވި ބިލެކެވެ.

ރާއްޖޭގެ އެކި މީޑިއާ ތަކުގައި މަސައްކަތްކުރާ ނޫސްވެރިން ބިލާ މެދު ކަންބޮޑުވުންފާޅުކޮށް ލިޔުންތައް ހިފައިގެން މަޖިލީހުގެ ބޭރުގައި އިހުތިޖާޖު ކުރުމަށްފަހު، ފަހުން ވަނީ މަޖިލީހުގެ ގެލެރީއަށްވެސް ވަދެފަ އެވެ.

މި ބިލަކީ ނޫސްވެރިކަމުގެ މިނިވަންކަމަށް ނުރައްކާތެރި މާއްދާތަކެއް ހިމެނޭ ބިލެއްކަމަށް މޯލްޑިވްސް މީޑިއާ ކައުންސިލާއި މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަނުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެގޮތުން ”ހަތަރެއްގެ ހައްގުގައި“ ގެ ނަމުގައި ނޫސްވެރިން ވަނީ ބިލު އަނބުރާ ގެންދިއުމަށް ގޮވާލައި ޕެޓިޝަނެއްގައި ސޮއިކުރުމުގެ މަސައްކަތް ފަށާފަ އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ މީޑިއާ ކޮންޓްރޯލް ކުރުމުގެ ވިސްނުމެއް އެމަނިކުފާނު ނުގެންގުޅުއްވާ ކަމަށާއި އެ ބިލު އަނބުރާ ފޮނުވާލުމަށް މެންބަރުންނަށް އަންގާފައިވާނެކަމަށް ވިދާޅުވެފަ އެވެ.

މި ބިލުގައި އޮތީ 7 މެންބަރުންގެ މައްޗަށް އެކުލެވޭ މީޑިއާ ރެގިއުލޭޓް ކުރާ ކޮމިޝަންގެ ތިން މެންބަރުންނަކީ ރައީސް އައްޔަނުކުރާ މެންބަރުން ކަމަށެވެ. އަދި 4 މެންބަރުން ނޫސްވެރިން އިންތިހާބުކުރާ ގޮތަށެވެ. ކޮމިޝަންގެ ރައީސް އައްޔަނު ކުރުން ރައީސުލްޖުމްހޫރިއްޔާ އަށް ދީފައިވާއިރު ނޫސްވެރިން ވޯޓުލައިގެން ހޮވާ މެންބަރުން ވަކި ކުރުމުގެ ބާރު މަޖިލީހަށް މި ބިލުގައި ވަނީ ދީފަ އެވެ.

މީގެއިތުރުން ކޮމިޝަނަށް ހުށަހެޅޭ މައްސަލައަކާ ގުޅިގެން އެ މައްސަލައެއްގެ ތަހުގީގު ނުނިމެނީސް އަދި މައްސަލަ ބަލާ ނިމެންދެން މީޑިއާ ރަޖިސްޓްރީ ބާތިލުކުރެވިދާނެ ކަމަށެވެ. އަދި، ޤައުމީ ސަލާމަތާއި އާއްމު ނިޒާމު ނުވަތަ އާއްމު ސިއްހަތަށް އޮތް ނުރައްކަލެއް ކަމަށް ”ބެލެވިދާނެ ހާލަތު“ގައި ދައުލަތުގެ އިދާރާތައް މެދުވެރިކޮށް މީޑިއާ ވަސީލަތެއް ހުއްޓުމަކަށް ގެނެވިދާނެ ކަމަށްވެސް ބުނެފައިވެ އެވެ.

ނޫސްވެރިކަން ރައްޔިތުންގެ މަޖިލިސް މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ)

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ