މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ބޯޑަށް ހަތަރު ބޭފުޅަކު އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފި އެވެ.
މި ހަތަރު ބޭފުޅުންނަށް ރުހުން ދެވުނީ މިއަދު ބޭއްވުނު މަޖިލީހުގެ ޖަލްސާގައި ނެގުނު ވޯޓުގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުންނެވެ.
މީރާގެ ބޯޑަށް މެންބަރުން އައްޔަން ކުރެއްވުމަށްޓަކައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ 14 ބޭފުޅެއްގެ ނަން މި މަހުގެ 4 ވަނަ ދުވަހު ބޭއްވުނު މަޖިލީހުގެ ޖަލްސާއަށް ހުށަހަޅުއްވާފަ އެވެ. މި ނަންތައް ދިރާސާކުރުމަށްފަހު އިގްތިސޯދީ ކޮމިޓީން ވަނީ އަށް ބޭފުޅަކަށް 75 އިންސައްތައަށްވުރެ މަތިން މާކްސް ދީފަ އެވެ.
މަޖިލީހުން ރުހުން ދެއްވި ބޭފުޅުންގެ ތެރޭގައި ހިމެނެނީ މުހައްމަދު އިމްތިނާން ސައުދުﷲ، ހުޝާމް ވަހީދު، އިސްމާއިލް ހަމްދޫން އަދި އަހްމަދު އަލީ އެވެ. މި ބޭފުޅުންގެ ނަންތައް ދިރާސާކުރުމުގައި އިގްތިސޯދީ ކޮމިޓީން ވަނީ އެ ބޭފުޅުންގެ ޤާބިލިއްޔަތާއި ތަޖުރިބާ ވަޒަންކޮށްފަ އެވެ.
ރުހުން ދެވުނު ބޭފުޅުންގެ ތެރެއިން މުހައްމަދު އިމްތިނާން ސައުދުﷲ އަކީ މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީގެ ދަރިކަލުންނެވެ. މަޖިލީހުގައި ނެގުނު ވޯޓުގައި އަދި ކޮމިޓީގެ އިންޓަވިއު އަދި މާކްސް ދިނުމުގެ މަރުހަލާގައި ސައުދުﷲ ހިލްމީ ބައިވެރިވެވަޑައެއް ނުގަންނަވަ އެވެ.
މީރާގެ ބޯޑަކީ ޖުމްލަ 7 މެންބަރުންގެ މައްޗަށް އެކުލެވޭ ބޯޑެކެވެ. މަޖިލީހުގެ ރުހުން ލިބުމާއެކު، މި ހަތަރު ބޭފުޅުން ބޯޑަށް ރަސްމީކޮށް އައްޔަންކުރައްވާނީ ރައީސުލްޖުމްހޫރިއްޔާ އެވެ.