ޓެކުހުގެ ބަޔާން ހުށަނާޅާ އަދި ފައިސާ ނުދައްކާ ފަރާތްތަކުގެ ނަން ހާމަ ކުރާ އުސޫލުގެ ދަށުން، މިއަހަރުގެ މެއި މަހާ ހަމައަށް، ޖީއެސްޓީ އާއި ގްރީން ޓެކުހުގެ ބަޔާން ހުށަނާޅާ ފަރާތްތަކުގެ ނަން މީރާއިން ހާމަކޮށްފި އެވެ.
މީރާއިން މި މަހުގެ 8 ވަނަ ދުވަހު ފުރަތަމަ ޝާއިޢުކުރި ލިސްޓުގައި 152 ފަރާތެއްގެ ނަން ހިމެނުނު ނަމަވެސް، އޭގެ ތެރެއިން 17 ފަރާތަކުން މިހާރު ވަނީ ޖީއެސްޓީ އަދި ގްރީން ޓެކުހުގެ ބަޔާން ހުށަހަޅާފައެވެ. މިއާއެކު މި ވަގުތު ބަޔާން ހުށަނާޅާ ފަރާތްތަކުގެ އަދަދު ވަނީ 135 އަށް ދަށްވެފައެވެ.
މީރާއިން ބުނެފައިވާ ގޮތުގައި، މި ފަރާތްތަކުގެ މަޢުލޫމާތު އާންމުކުރުމުގެ ކުރިން، ޓެކްސް ނުދައްކާ ފަރާތްތަކަށް ޤާނޫނުގައި ކަނޑައަޅާފައިވާ އަދަބުތަކާއި، އެޅޭނެ ފިޔަވަޅުތަކުގެ މަޢުލޫމާތު ވަނީ ފޯނުން ގުޅައި އަންގާފައެވެ. މީގެ އިތުރުން އެސްއެމްއެސްގެ ޒަރީއާއިން ވެސް މި މަޢުލޫމާތު ވަނީ އެ ފަރާތްތަކާ ހިއްސާކޮށްފައެވެ.
މި ފިޔަވަޅުތައް އަޅަމުންދަނީ ”ޓެކުހުގެ ބަޔާން ހުށަނާޅާ އަދި ފައިސާ ނުދައްކާ ފަރާތްތަކުގެ ނަން ހާމަ ކުރާ އުސޫލު“ގެ ދަށުންނެވެ. އަދި މީރާގެ އެންފޯސްމަންޓް ޕޮލިސީގެ ދަށުން، ދައުލަތަށް ދައްކަންޖެހި ނުދައްކާ އޮތް ޓެކުހާއި އެހެނިހެން ފައިސާ ހޯދުމަށް އިތުރު ފިޔަވަޅުތައް ވެސް ތަފާތުކުރުމެއްނެތި އަޅަމުން ގެންދާނެ ކަމަށް މީރާއިން ވަނީ ހާމަކޮށްފައެވެ.
މީރާ އަންނަނީ ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އެންމެފަހުން މީރާއިން އާންމުކުރި ހިސާބުތައް ދައްކާގޮތުން އެ އިދާރާއިން ވަނީ ޓެކްސްގެ ގޮތުގައި ނުލިބިހުރި 1 ބިލިއަނަށްވުރެ ގިނަ ފައިސާ ހޯދާފައެވެ