އެމެރިކާގައި އުފައްދާފައިވާ މަޝްހޫރު ބުއިމެއް ކަމަށްވާ ޑރ.ޕެޕާ ބޭނުން ނުކުރުމަށް އަންގައިފިއެވެ.
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވާ ގޮތުގައި، މި ބުއިމުގައި ”ބެންޒޮއިކް އެސިޑް“ ކިޔާ މާއްދާ ހުއްދަ ކުރެވިފައިވާ މިންވަރަށްވުރެ އިތުރުވެފައިވާތީ، މި އުފެއްދުން ބާޒާރުން ނެގުމަށާއި، ނުވިއްކުމަށް އަދި ނައްތާލުމަށް ވަނީ އަންގާފައެވެ.
މި ބުއިން ދިވެހިރާއްޖެއަށް އެތެރެވެފައިވާ ކަމުގެ މަޢުލޫމާތު ޔޫރަޕުގެ ރެޕިޑް އެލާޓް ސިސްޓަމް ފޯ ފުޑް އެންޑް ފީޑް (އާރުއޭއެސްއެފްއެފް) އިން އެމްއެފްޑީއޭ އަށް ދީފައިވާ ކަމަށް އެ އޮތޯރިޓީން ވަނީ ހާމަކޮށްފައެވެ.
އެމްއެފްޑީއޭ އިން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މި އުފެއްދުން ދިވެހިރާއްޖެއަށް އެތެރެ ނުކުރުމަށާއި، ނުވިއްކުމަށް އަދި ބޭނުން ނުކުރުމަށް އާންމުންނަށް އިންޒާރު ދީފައެވެ. އަދި މިކަމާ ގުޅޭ އިތުރު މަޢުލޫމާތު ހޯދުމަށް އެމްއެފްޑީއޭގެ ނަންބަރު 7603204 ނުވަތަ 3034213 އަށް ގުޅުމަށް އެ އޮތޯރިޓީން ވަނީ އާންމުންނަށް އަންގާފައެވެ.