ރޯގާއަށް ދޭ ބޭހެއްކަމަށްވާ ”ކޯފްސީ“ ސިރަޕުގައި ކޮލިޓީ މައްސަލަތަކެއް ތަކުރާރުކޮށް ފާހަގަކުރެވިފައިވާތީ އެބޭސް ރާއްޖެއަށް އެތެރެކޮށް ވިއްކުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މިއަދު މަނާކޮށްފިއެވެ.
އެމްއެފްޑީއޭއިން ނެރުނު އެލާޓެއްގައި ބުނެފައިވާ ގޮތުގައި، ރާއްޖޭގެ މާކެޓުގައި ލިބެންހުންނަ ބޭހަކީ ފެންވަރު ރަނގަޅު އަދި ރައްކާތެރި ބޭސްކަން ކަށަވަރުކުރުމަށް އެ އޮތޯރިޓީން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން ރާއްޖެ އެތެރެކޮށް ބޭނުންކުރަމުންދާ ބޭހުގެ މާކެޓް ސަރވެއިލެންސްގެ ތެރެއިން ”ކޯފްސީ“ ސިރަޕުން ކޮލިޓީ މައްސަލަތަކެއް ވަނީ ފާހަގަކުރެވިފައެވެ.
އެމްއެފްޑީއޭއިން މިއަދު ނެރުނު އިއުލާނުގައި ބަޔާންކޮށްފައިވާ ގޮތުން، މިހާރު ފާމަސީތަކުގައި މިބޭސް ހުރިނަމަ، ބޭސް ނައްތާލުމަށް ހަމަޖެހިފައިވާ އުސޫލުގެ ތެރެއިން ބޭސް ނައްތާލުމުގެ މަސައްކަތް ކުރުމަށް ވަނީ ބޭހުގެ ވިޔަފާރިކުރާ ފަރާތްތަކަށް އަންގާފައެވެ.
އެއްވެސް ސިއްހީ މައްސަލައެއް ދިމާވެފައި ނުވޭ
އެމްއެފްޑީއޭއިން ފާހަގަކުރި ގޮތުގައި މިބޭސް ބޭނުންކުރުމުގެ ސަބަބުން މިހާތަނަށް އެއްވެސް މީހަކަށް ސިއްޙީ ގޮތުން މައްސަލައެއް ކުރިމަތިވެފައި ނުވާކަމަށާއި، އެފަދަ އެއްވެސް ރިޕޯޓެއް އެ އޮތޯރިޓީއަށް ލިބިފައި ނުވެއެވެ.
ނަމަވެސް ބޭހުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ބޭސް އެއްތަނުން އަނެއްތަނަށް އުފުލުމާއި ގުދަންކުރުމުގައި ބަހައްޓަންޖެހޭ މިންގަނޑުތަކަށް ސަމާލުވުމަށް އެމްއެފްޑީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.