ހދ. މަކުނުދޫގައި ޕާސްޕޯޓްގެ ހިދުމަތް މިއަދު ރަސްމީކޮށް ފަށައިފި އެވެ.
މި ހިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވީ ހޯމް މިނިސްޓަރ އަލީ އިހްސާން، ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު ހދ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މަކުނުދޫއަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވެވި ރަސްމިއްޔާތުގައެވެ.
އައިޑީ ކާޑާއި ޕާސްޕޯޓްގެ ހިދުމަތް ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ ގޮތުން އެ ހިދުމަތްތައް މުޅި ރާއްޖެއަށް ފުޅާކުރެއްވުމަކީ ރައީސް މުއިއްޒުގެ މުހިންމު ސިޔާސަތެއްގެ ގޮތުގައި ފާހަގަކުރެވެ އެވެ. މި ސިޔާސަތުގެ ދަށުން މި ހިދުމަތް މުޅި ރާއްޖެއަށް ފުޅާކުރެއްވުމުގެ މަސައްކަތް ފެށިފައިވަނީ މިދިޔަ ނޮވެމްބަރު މަހުގެ 16 ވަނަ ދުވަހު އެވެ.
އިމިގްރޭޝަނުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި މިހާތަނަށް ޖުމްލަ 11 އަތޮޅަކަށް މި ހިދުމަތް ފުޅާކުރެވިފައިވެ އެވެ. މާލޭގެ އިތުރުން ހުޅުމާލެ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހީގެ އިތުރުން ވިލިމާލޭގައިވެސް ޕާސްޕޯޓްގެ ހިދުމަތް މިހާރު ދެމުން ގެންދެ އެވެ.
ސަރުކާރުން މި ހިދުމަތް ފުޅާކުރަމުން ގެންދަނީ ރައްޔިތުންނަށް ލުއިފަސޭހަކަމާއެކު މި ހިދުމަތް ލިބޭނެ މަގު ތަނަވަސްކޮށްދިނުމުގެ މަޤްޞަދުގައެވެ. އަދި މިއަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ޕާސްޕޯޓްގެ ހިދުމަތް ފޯރުކޮށްދިނުމަކީ ސަރުކާރުގެ އަމާޒެއްގެ ގޮތުގައި ވަނީ ކަނޑައަޅާފަ އެވެ.