ރަސްމީ ދަތުރުފުޅެއްގައި ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް މިއަދު ވަނީ ސައުދީ އަރަބިއްޔާގެ ޖިއްދާއަށް ވަޑައިގެންފި އެވެ.
މި ދަތުރުފުޅަކީ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ ހާރިޖީ ވަޒީރުންގެ ކުއްލި ކައުންސިލް ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް މިނިސްޓަރު ހަލީލް ކުރައްވާ ދަތުރުފުޅެކެވެ. މި ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާގެ ވަގުތެއްގަ އެވެ.
މިނިސްޓަރު ހަލީލް ”އެކްސް“ ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، މި ބައްދަލުވުމުގައި އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންނަށް ކުރަމުންދާ އަނިޔާވެރި ޢަމަލުތަކާއި، ޣައްޒާ ސަރަހައްދު ހިފުމަށް އިސްރާއީލުން ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާކުރެވޭނެ ކަމަށެވެ.
މި މުހިންމު ބައްދަލުވުމުގައި ބައިވެރިވުމުގެ ފުރުސަތު ދެއްވި ކަމަށްޓަކައި ވަޒީރު ހަލީލް ވަނީ އޯއައިސީއަށް ޝުކުރު އަދާކުރައްވާފަ އެވެ. އަދި ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި މި ބައްދަލުވުމުގައި ކުރެވޭނެ މަޝްވަރާތަކުގައި ބައިވެރިވުމަކީ ލިބޭ އުފަލެއްކަމުގައި ވެސް މިނިސްޓަރު ވިދާޅުވެފައިވެ އެވެ.
އޯއައިސީގެ ހާރިޖީ ވަޒީރުންގެ މި ބައްދަލުވުމަކީ ޣައްޒާގައި ހިނގަމުންދާ ލާއިންސާނީ އަމަލުތަކާ ގުޅިގެން، އިސްލާމީ ގައުމުތަކުގެ މެދުގައި މަޝްވަރާކޮށް، އެކުގައި މަސައްކަތްކުރުމަށް ބާއްވާ މުހިންމު ބައްދަލުވުމެކެވެ.
އޯއައިސީން ބުނީ މިއީ ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން މިހާރު ކުރަމުންދާ އަނިޔާތަކާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް ބާއްވާ ބައްދަލުވުމެއް ކަމަށެވެ. އަދި މި ބައްދަލުވުމުގެ މަގުސަދަކީ ގައްޒާ ހިސޯރު ކުރުމަށް އިޒްރޭލުން ގައްޒާގައި ހިންގަމުން ގެންދާ ނަސްލު ނައްތާލުމުގެ އަމަލުތަކާ ދެކޮޅަށް ކުރެވޭނެ ކަންކަމާ ގުޅޭ މަޝްވަރާތައް ކުރުން ކަމަށެވެ. އަދި ފަލަސްތީނުގެ މައްސަލައަކީ އޯއައިސީން އެންމެ އިސްކަމެއް ދޭ މައްސަލަކަމަށް ބުނެފައިވެ އެވެ.
އަނިޔާވެރި އިސްރާއީލް އިޒްރޭލް އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ފަލަސްތީން ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ގައްޒާ ސައުދީ އަރަބިއްޔާ