ވިލާ ކުންފުންޏާ ހަވާލުކޮށްފައި އޮންނަ ކާޑެއްދޫ އެއާޕޯޓް، ސަރުކާރަށް ދޫކޮށްލުމުގެ ބަދަލުގެ ގޮތުގައި 18 މިލިއަން ޑޮލަރު ނުވަތަ 18 މަސް ދުވަހުގެ ޓެކްސް ލުޔެއް ދިނުމަށް އިކޮނޮމިކް ކައުންސިލުން ނިންމައިފި އެވެ.
މިކަން ހާމަވެފައިވަނީ ވިލާ ގްރޫޕުގެ ވެރިޔާ، ޤާސިމް އިބްރާހިމް އެކްސްގައި، ރައީސް އޮފީހުން ވިލާ ކުންފުންޏަށް ފޮނުވާފައިވާ ސިޓީ ހާމަކުރެއްވުމުންނެވެ.
ކުރީގެ ރައިސް އަބްދުﷲ ޔާމީން ސަޕޯޓަރުންނާއެކު ބޭއްވި އެއްވުމެއްގައި ކާޑެއްދޫ އެއާޕޯޓާއި ގުޅުވާ ޤާސިމް އަދި ސަރުކާރަށް ތުހުމަތުކޮށް ވާހަކަތަކެއް ދައްވާފައިވާއިރު، ޤާސިމް ވަނީ އެ ވާހަކަތަކަށް ރައްދު ދެއްވާފަ އެވެ. އެގޮތުން ޤާސިމް ވިދާޅުވި ކާޑެއްދޫ އެއާޕޯޓް އަމިއްލަ ފަރާތަކަށް ދޫކޮށްލުމަށް ކުރި އިއުލާނާ ގުޅިގެން ވިލާ ކުންފުނިން ހުށަހެޅި ޕްރޮޕޯސަލްއަށް އެތަން ދޫކޮށްލެއްވީ ސަރުކާރަށް ގެއްލުންވާލެއް ބޮޑު ކަމުން ކަމަށެވެ.
ޤާސިމް ވިދާޅުވީ ވިލާއިން ވެސް އެތަން ހިންގައިގެން ލިބެމުންއައީ ބޮޑު ގެއްލުމެއް ކަމަށެވެ. އެހެންކަމުން އެތަނަށް ވިލާއިން ކުރި ބޮޑު އިންވެސްޓްމެންޓްއަށް ބެލުމަށްފަހު ބަދަލެއްގެ ގޮތުން ސަރުކާރުން ދެއްވުމަށް ނިންމެވީ 18 މިލިއަން ޑޮލަރު ކަމަށް ޤާސީމް ވިދާޅުވި އެވެ. އަދި ސަރުކާރަށް އެތަން ދޫކޮށްލަން ނިންމީ އެތަން ސަރުކާރުން ޑިވެލޮޕް ކުރަން ބޭނުންވާތީ ކަމަށެވެ. އަދި ވިލާއަށް މިވަގުތު އެތަނަށް އިތުރަށް އިންވެސްޓް ކުރެވެން ނެތްކަމަށާއި، އެތަން އިންޓަނޭޝަނަލް އެއާޕޯޓަކަށް ހެދުމުން ލިބޭނެ ފައިދާގެ ބޮޑުކަންވެސް އެނގޭ ކަމަށް ވިދާޅުވި އެވެ.
މި ވާހަކައާއެކު ރައީސް އޮފީހުން 19 އޮގަސްޓް 2025 ގައި ވިލާ ކުންފުންޏަށް ފޮނުވާފައިވާ ސިޓީ ޤާސިމް ހިއްސާކުރެއްވި އެވެ. އެ ސިޓީގައި ވަނީ ކާޑެއްދޫ އެއާޕޯޓް ވިލާއިން ސަރުކާރާ ހަވާލުކުރުމުގެ ބަދަލެއްގެ ގޮތުން ދިނުމަށް އިކޮނޮމިކް ކައުންސިލުން ނިންމާފައިވާ ކަންކަން ހިމަނާފަ އެވެ. އެގޮތުން ހިމެނެނީ 18 މިލިއަން ޑޮލަރު 18 މަސް ދުވަހަށް ބަހާލައިގެން ދައުލަތުން ވިލާއަށް ދެއްކުން ނުވަތަ ވިލާ ގްރޫޕުގައި ހިމެނޭ ކުންފުނިތަކުން ދައުލަތަށް ދައްކަންޖެހޭ ޓެކްސް ފައިސާއިން 18 މަސްދުވަހަށް ބަލާލައިގެން އެޖަސްޓްމަންޓެއް ހެދުމެވެ.
ސިޓީގައި ބުނެފައިވަނީ ވިލާއިން އެއްބަސްވާނަމަ އެގްރިމެންޓް ބާތިލުކޮށް ބަދަލު ދިނުމުގެ ކަންކަން ކުރިއަށްގެންދިއުމަށް އިކޮނޮމިކް ކައުންސިލުން ނިންމާފައިވާ ކަމަށެވެ.
ވިލާއަށް ކާޑެއްދޫ އެއާޕޯޓު ހަވާލުކުރީ 2013 ވަނަ އަހަރު އެވެ. ނަމަވެސް ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި 2017 ވަނަ އަހަރު އެއާޕޯޓް އަތުލައި އެއްބަސްވުން ބާތިލުކުރި އެވެ. އަދި ކާޑެއްދޫ އެއާޕޯޓް އަނބުރާ ވިލާއާ ހަވާލުކުރުމަށް ސިވިލް ކޯޓުން ކުރި ހުކުމަށް ސުޕްރީމް ކޯޓުން ތާއީދުކުރުމުން 2022 ވަނަ އަހަރު އަލުން ކާޑެއްދޫ އެއާޕޯޓް ވަނީ ވިލާއާ ހަވާލުކޮށްފަ އެވެ.