ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް ގެނެސްފައިވާ އިސްލާހުގެ ބައެއް މާއްދާތައް ބާތިލު ކުރުމަށް އިދިކޮޅު މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން ހައިކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހަޅައިފި އެވެ.
އެމްޑީޕީގެ ޤާނޫނީ ޓީމުގައި ހިމެނޭ ވަކީލް އަހުމަދު މައުރޫފް ’ޖަވިޔަނި’އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް ގެނެސްފައިވާ އިސްލާހުގައިވާ ބައެއް މާއްދާތައް ބާތިލުކުރުމަށް އެދި ހައިކޯޓަށް މައްސަލައެއް މިއަދު ހުށަހަޅާފައިވާ ކަމަށެވެ.
އެމްޑީޕީން އެދިފައިވަނީ ލާމަރުކަޒީ ޤާނޫނަށް ގެނެސްފައިވާ އިސްލާހުގައިވާ ބައެއް މާއްދާތަކަކީ ކައުންސިލަރުންގެ އިންތިހާބީ ހައްގު އަދި އެ ކައުންސިލަރުން އިންތިހާބު ކުރި ރައްޔިތުންގެ ހައްގަށް އުނިކަން އަންނަގޮތަށް އޮތް ޤާނޫނެއް ކަމަށް ކޯޓުން ކަނޑައަޅައިދިނުމަށެވެ.
އެގޮތުން ކައުންސިލްތަކުގެ އިންތިހާބީ ފަހު އަހަރުގައި، ވަޒީފާއަށް މީހުން ނެނެގޭގޮތަށް ޤާނޫނުގައި ބަޔާންކޮށްފައިވާކަމާއި، ބިންތައް ކުއްޔަށް ނުދެވުން އަދި ކައުންސިލް ކުންފުނިތަކަށް ވިޔަފާރި ކުރުމުގައި ހުރި ހުރަސްތައް މައްސަލައިގައި ފާހަގަކޮށްފައިވެ އެވެ. މިއިސްލާހު އޮތްގޮތުން ކައުންސިލްތަކަށް ކަންކަމުގައި ވަރަށް ބޮޑަށް ދަތިވާކަން ވަކީލް މައުރޫފް ފާހަގަކުރެއްވި އެވެ.
ލާމަރުކަޒީ ޤާނޫނަށް ގެނެސްފައިވާ އިސްލާހުގައި ބަޔާންކޮށްފައިވާ ޝަރުތުތަކަށް ނުފެތޭ މަސައްކަތްތައް ކައުންސިލް ކުންފުނިތަކުން ކުރާނަމަ ޤާނޫނަށް އަމަލުކުރަން ފަށާތާ 90 ދުވަހުގެ ތެރޭގައި ހުއްޓާލަންޖެހޭނެ ކަމަށް ޤާނޫނުގައި ބުނާކަން ފާހަގަކޮށް ވަކީލް މައުރޫފް ވިދާޅުވީ ކުއްލިއަކަށް މިގޮތަށް މަސައްކަތްތައް ހުއްޓުމަށް އެންގުމުން ކައުންސިލްތަކަށް އަދި އިންވެސްޓްކޮށްފައިވާ އިންވެސްޓަރުންނަށް ގެއްލުންވެ އިތުބާރު ގެއްލޭނެ ކަމަށެވެ.
”ކައުންސިލްގެ ދައުރު އަދާކުރުމަށް ހުރަސްއެޅޭގޮތަށް ހުރި މާއްދާތައް ބާތިލުކޮށްދޭން މި އެދުނީ. އުންމީދުކުރަން އަޅުގަނޑުމެން އެދުނުގޮތަށް [އެ މާއްދާތައް] ބާތިލުކޮށްދޭނެ ނިންމުމެއް އަންނާނެ ކަމަށް.“ ވަކީލް މައުރޫފް ވިދާޅުވި އެވެ.
ލާމަރުކަޒީ ޤާނޫނަށް ގެނައި އިސްލާހު ތަސްދީގުކުރެއްވީ އޮގަސްޓް 14 ވަނަ ދުވަހު އެވެ.
ޤާނޫނަށް ގެނައި އިސްލާހުގައި ބުނެފައިވަނީ:
- ލޯކަލް އޮތޯރިޓީ ކުންފުނިތަކުން ކުރާ ވިޔަފާރީގެ މަސައްކަތްތަކަކީ، ރަށުގެ އަމިއްލަ ފަރާތަކުން ކުރަމުންދާ އިގްތިސާދީ މަސައްކަތެއް ނުވަތަ ވިޔަފާރިއެއް ކަމުގައި ވެގެން ނުވާނެ ކަމަށް. އެ ކުންފުނިންކުރާ މަސައްކަތަކީ ރަށުގެ އުމްރާނީ ތަރައްގީއަށް ކޮންމެހެން ކުރަންޖެހިފައިވާ މަސައްކަތެއް ކަމުގައިވާންޖެހޭނެ ކަމަށް. އަދި މަސައްކަތުގެ އިންވެސްޓްމަންޓް ނުވަތަ ރައުސްމާލުގެ އަދަދު 10،000،000 ރުފިޔާއަށްވުރެ ބޮޑުވާންވާނެ ކަމަށް.
- މި އިސްލާހަށް އަމަލުކުރުމުގެ ކުރިން ރަޖިސްޓްރީކޮށްފައިވާ ކުންފުންޏަކުން ހިންގަމުންދާ ވިޔަފާރީގެ ހަރަކާތްތައް އިސްލާހުގައި ބަޔާންކުރާ ކަންކަމާ ތައާރުޒުވާނަމަ، މި އިސްލާހަށް އަމަލުކުރަން ފަށާތާ 90 ދުވަހުގެ ތެރޭގައި އެ ފަދަ ވިޔަފާރީގެ ހަރަކާތްތައް ހުއްޓާލަންވާނެ ކަމަށް.
- ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭ އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމުގެ ބޭނުމަށް އެކި ފަރާތްތަކަށް ދޫކޮށްފައިވާ ބިމުން ނުވަތަ އިމާރާތުން ކައުންސިލަށް ކުއްޔެއް ނުނެގޭނެ ކަމަށް.
- ކައުންސިލްތަކުގެ އުމުރުގެ ފަހު އަހަރުގައި، މާލީ ކަންކަން ހިންގުމާބެހޭ ވުޒާރާއާއި ލޯކަލް ގަވަމަންޓް އޮތޯރިޓީން ކަނޑައަޅާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން މެނުވީ، ކައުންސިލް އިދާރާއަށް ނުވަތަ ކައުންސިލްގެ އޮފީހަކަށް ދާއިމީ އަދި ކޮންޓްރެޓް އުސޫލުން މުވައްޒަފުން ނަގައިގެން ނުވާނެ ކަމަށާއި، ކައުންސިލްގެ ފަހު އަހަރުގައި، އިހްތިސާސްގެ ދަށުގައި ހުރި ބިމާއި، ފަޅާއި، ފަރުގެ ސަރަހައްދު ކުއްޔަށް ދޫކުރެވޭނީ މާލީ ކަންކަން ހިންގުމާބެހޭ ވުޒާރާއާއި ލޯކަލް ގަވަމަންޓް އޮތޯރިޓީން ކަނޑައަޅާ އުސޫލުތަކާ އެއްގޮތްވާ ގޮތަށް ކަމަށް. އަދި ކައުންސިލްތަކުން އެކަށައަޅާފައިވާ ތަރައްގީގެ ޕްލޭންތަކުގައި ކަނޑައަޅާފައިނުވާ އާ ތަރައްގީގެ މަޝްރޫއުތައްވެސް ކައުންސިލްގެ ފަހު އަހަރުގައި ފެށޭނީ މާލީ ކަންކަން ހިންގުމާބެހޭ ވުޒާރާއާއި ލޯކަލް ގަވަމަންޓް އޮތޯރިޓީން ކަނޑައަޅާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިންކަމަށް.